ރައީސުލްޖުމްހޫރިއްޔާ ދަތުރުފުޅު ކުރެއްވި ރިޔާސީ ލޯންޗުކޮޅުން ނެގި ސާންޕަލްތައް ތަހުލީލުކުރި އިރު ބާރުގަދަ ގޮއްވުމެއް ގޮއްވުމަށްޓަކައި ބޭނުންކުރާ މާއްދާއެއް ކަމުގައިވާ އާރްޑީއެކްސް ފެނިފައިވާ ކަމަށް ސައުދީ އަރަބިއާގެ ފޮރެންސިކް ޓީމުން ބުނެފި އެވެ.

ނޭޝަނަލް އިންކުއަރީ ކޮމިޝަނުން މިރޭ ނެރުނު ބަޔާނެއްގައި ވަނީ ސައުދީ ފޮރެންސިކް ޓީމްގެ ރިޕޯޓު މިހާރު ލިބިފައިވާ ކަމަށާއި އެރިޕޯޓުގައިވާގޮތުން ލޯންޗުކޮޅުން ނެގި ސާމްޕަލް ތަހުލީލުކުރި އިރު އޭގައިހުރި އާރްޑީއެކްސް އަކީ ބާރުގަދަ އެކްސްޕްލޯސިވްއެއް ކަމުގައިވާ ސީފޯ ފަދަ އެކްސްޕްލޯސިވް އުފެއްދުމުގައި ވެސް ބޭނުންކުރާ މައިގަނޑު އަސާސީ މާއްދާއެއް ކަމަށެވެ.

"މިގޮތުން ލޯންޗުކޮޅުން ތަހުލީލުކުރުމަށްޓަކައި ގެންދެވުނު ސާމްޕަލްތަކުގެ އެނަލިސިސް ހެދުމުން އާރްޑީއެކްސް ފެނިފައިވާކަމަށް މި ރިޕޯޓުގައި ބަޔާންކޮށްފައިވެއެވެ. އަދި އާރްޑީއެކްސް މި މާއްދާ އަކީ ހައި އެކްސްޕްލޯސިވް އެއްގެގޮތުގައި ދަރަޖަ ކުރެވޭ މާއްދާއެއް ކަމަށާއި އާރްޑީއެކްސްއަކީ ބާރުގަދަ އެކްސްޕްލޯސިވްއެއް ކަމަށްވާ ސީފޯ ފަދަ އެކްސްޕްލޯސިވް އުފެއްދުމުގައި ވެސް ބޭނުންކުރާ މައިގަނޑު މާއްދާއެއް ކަމަށް ރިޕޯޓުގައި ބަޔާންކޮށްފައިވެއެވެ،" އިންކުއަރީ ކޮމިޝަންގެ ބަޔާނުގައި ވެއެވެ.

އެހެންކަމުން ރިޔާސީ ލޯންޗުކޮޅުގައި ހިނގި ހާދިސާއަކީ ހައި އެކްސްޕްލޯސިވް ބޭނުންކޮށްގެން ހަދާފައިވާ އެއްޗެއް ގޮއްވާލައިގެން ހިންގާފައިވާ އަމަލެއްކަން އެކޮމިޝަނުން މިހާތަނަށް ބެލިބެލުމުން ޔަގީން ކުރެވޭ ކަމަށް ވެސް އެ ބަޔާނުގައި ވެއެވެ.

އެ މައުލޫމާތާ ގުޅިގެން އެ ކޮމިޝަނުން ކުރަންޖެހޭ މަސައްކަތްތައް ކުރަމުން އަންނަ ކަމަށް ވެސް އިންކުއަރީ ކޮމިޝަންގެ ބަޔާނުގައި ވެއެވެ.

އެ ބަޔާނުގައި ވަނީ ކުރިއަށް އޮތްތަނުގައި ވެސް ރައްޔިތުންނަށް ހިއްސާކުރަންޖެހޭ މުހިންމު މައުލޫމާތުތައް އެ ކޮމިޝަންގެ ފަރާތުން ހިއްސާކުރަމުންދާނެ ކަމަށެވެ.