29 Oct 2015, 23:02
ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ލޯފަން ފަރާތްތަކަށް އިންޓަނެޓް ބޭންކިން އާއި މޮބައިލް ބޭންކިންގެ ހިދުމަތް ދޭން ފަށައިފި އެވެ.
އެ ޙިދުމަތް ލޯފަން ފަރާތްތަކަށް ބީއެމްއެލް އިން ދެނީ، އެ ފަރާތްތަކުގެ ބެލެނިވެރިޔާ އާއި ބީއެމްއެލްއާ ދެމެދު ވެވޭ އެއްބަސްވުމެއްގެ ދަށުންނެވެ.
އެ ހިދުމަތް ދޭން ފެށުމާ އެކު ބޭންކިން ހިދުމަތް ހޯދުމަށް ބޭންކުގެ ބްރާންޗަކަށް ދިޔުމުގެ ބަދަލުގައި، ލޯފަން ފަރާތްތަކަށް އިންޓަނެޓް އަދި މޮބައިލް ބޭންކިން މެދުވެރިކޮށް ބޭންކުގެ ހިދުމަތް ލިބޭނެ ކަމަށް އެ ބޭންކުން ބުންޏެވެ.
އެކަމާ ގުޅިގެން ބީއެމްއެލުން ނެރުނު ބަޔާނެއްގައި އެ ބޭންކުގެ ރީޓޭލް ބޭންކިން ޑިރެކްޓަރު މުހައްމަދު ޝަރީފް ވިދާޅުވީ، ބީއެމްއެލް އިން ހިދުމަތުގެ ފެންވަރު ރަނގަޅުކުރުމުގެ ގޮތުންނާއި ބޭންކުގެ ހިދުމަތް ރާއްޖޭގެ އެކި ކަންކޮޅުތަކަށް ފޯރުކޮށްދިނުމުގެ ގޮތުން ގިނަ އިންވެސްޓްމަންޓް ތަކެއް އެ ބޭންކުން ކުރާ ކަމަށެވެ.
"އަޅުގަނޑުމެންގެ މުޖުތަމައުގެ މުހިންމު ބަޔަކަށް އިންޓަނެޓް އަދި މޮބައިލް ބޭންކިން ހިދުމަތް މިއަދު ލިބިގެން ދިއުމަކީ އަޅުގަނޑުމެންނަށް ލިބޭ ވަރަށް ބޮޑު އުފަލެއް. މިހާރު ކޮންމެ ތަނެއްގައި ހުންނަވައިގެންވެސް ބޭނުން ވަގުތަކު ބޭންކުގެ ހިދުމަތް އެފަރާތްތަކަށް ލިބޭނެ،" ޝަރީފް ވިދާޅުވި އެވެ.
މިދިޔަ އަހަރުން ފެށިގެން ބީއެމްއެލް އިން އަންނަނީ އެފަދަ އެއްވަސްވުމެއްގެ ދަށުން ލޯފަން ފަރާތްތަކަށް ޑެބިޓް ކާޑު ދޫކުރަމުންނެވެ.