29 Oct 2015, 22:30
ނައިބު ރައީސް އަހްމަދު އަދީބު އަބްދުލް ޣަފޫރު ހުންނެވީ ރައްޔިތުންގެ މަޖިލީހަށް ވަޑައިގެން އިތުބާރުނެތް ކަމުގެ މައްސަލައަށް ފުރިހަމައަށް ޖަވާބުދާރީވާން ފުރިހަމައަށް ތައްޔާރަށް ކަމަށް އެމަނިކުފާނުގެ ގާނޫނީ ވަކީލު ހުސައިން ޝަމީމް ވިދާޅުވެއްޖެ އެވެ.
މިރޭ މޫކައިސްއީޓްސްގައި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޝަމީމް ވިދާޅުވީ ނައިބު ރައީސްގެ އަތްޕުޅުގައި އެކަމާ ބެހޭ ވަރަށް ގިނަ މައުލޫމާތުތައް ހުރި ކަމަށް އެމަނިިކުފާނު ވިދާޅުވެފައިވާ ކަމަށެވެ.
"ނައިބު ރައީސް ވިދާޅުވަނީ އެމަނިކުފާނު ހުންނެވީ މާލެއަށް ވަޑައިގެން މަޖިލީހަށް ވަޑައިގެން، ހަމަ ފުރިހަމައަށް ޖަވާބުދާރީވާން ތައްޔާރަށް ކަމަށް،" ޝަމީމް ވިދާޅުވި އެވެ.
ޝަމީމް ވިދާޅުވީ ޖަވާބުދާރީވެވަޑައިގަންނަވާނީ ވަކީލެއް މެދުވެރިކޮށްތޯ ނުވަތަ އަމިއްލަފުޅަށްތޯ ނައިބު ރައީސް ވިދާޅުވެފައިނުވާ ކަމަށެވެ.
އޭނާ ވިދާޅުވީ ބައިނަލްއަގުވާމީ ނޫސްތަކަށް ފޮރިން މިނިސްޓަރު ދުންޔާ މައުމޫން ދެއްވި އިންޓަވިއުތަކުގައި ދައްކަވާފައިވާ ވާހަކަތަކަށް ބަލާއިރު އަދީބު ހައްޔަރުކޮށްފައި ވަނީ ގާނޫނާ ޚިލާފަށްކަން އެނގޭ ކަމަށެވެ.
އަދީބާ ދެކޮޅަށް މިހާތަނަށް އެއްވެސް ހެއްކެއް ދެއްކިފައިނުވާ ކަމަށާއި ހައްޔަރުކޮށްގެން ހެކި ހޯދުމަކީ ގާނޫނީ ގޮތުން ކުރެވޭނެ ކަމެއް ނޫން ކަމަށް އޭނާ ވިދާޅުވި އެވެ.
ހޯމް މިނިސްޓަރު އަދި އިންކުއަރީ ކޮމިޝަންގެ ކޯޗެއާ އުމަރު ނަސީރު ދައްކަވާ ވާހަކަތަކުން ސީދާ އަދީބަށް ޓާގެޓުކޮށްގެން ތަހުގީގު ކުރިއަށްގެންދާކަން ހާމަވާ ކަމަށް ވެސް ޝަމީމް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ނައިބު ރައީސްގެ ސިޔާސީ ހަރަކާތްތައް މިރޭ ފަށާނެ ކަމަށާއި ރާއްޖެ އާއި ރާއްޖެ އިން ބޭރުގައި ސިޔާސީ ހަރަކާތްތައް ހިންގަން ސަޕޯޓަރުންނަށް އެމަނިކުފާނު ވަނީ ހުއްދަދެއްވާފައި ކަމަށެވެ.
އަދީބު ހައްޔަރުކޮށްފައި ވަނީ ރިޔާސީ ލޯންޗުކޮޅުގައި ބާރުގަދަ ބޮމެއް ގޮއްވާލުމުގައި އެމަނިކުފާނުގެ ބައިވެރިވުމެއް އޮތްކަމުގެ ތުހުމަތުގަ އެވެ.