ރައީސް އަބްދުﷲ ޔާމީން އިއްޔެ ތަސްދީގުކުރެއްވި ޓެރަރިޒަމް މަނާ ކުރުމުގެ ބިލު އަލުން ރިވިއު ކުރުމަށް ހިއުމަން ރައިޓުސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރްސީއެމް) އިން ގޮވާލައިފި އެވެ.

އެޗްއާރްސީއެމް އިން މިރޭ ނެރުނު ނޫސްބަޔާނެއްގައި ބުނެފައި ވަނީ ޓެރަރިޒަމް މަނާ ކުރާ ގާނޫގައި ދިވެހި ރައްޔިތުންނަށް ގާނޫނު އަސާސީން ކަށަވަރުކޮށްދީފައިވާ އިންސާނީ ހައްގުތައް ހަނިކުރެވިފައިވާ ކަމަށް ތަފާތު އެކި ފަރާތްތަކުން ފާހަގަ ކުރަމުންދާ ކަމަށެވެ.

އެޗްއާރްސީއެމް އިން ބުނީ ޓެރަރިޒަމް މަނާ ކުރުމުގެ ބިލު ފާސްވެ ގާނޫނަކަށް ވުމުގެ ކުރިން އެ ބިލުގައި ބަޔާންކޮށްފައިވާ ކަންތައްތަކުގެ ތެރެއިން އެ ކޮމިޝަނަށް ފާހަގަކުރެވޭ ކަންތައްތައް އެޓާނީ ޖެނެރަލްގެ އޮފީހަށް މިދިޔަ އޭޕްރީލު މަހުގެ 15 ވަނަ ދުވަހު ފޮނުވާފައިވާ ކަމަށެވެ. އެހެންނަމަވެސް ބިލު ފާސްކޮށްފައި ވަނީ އެ ކޮމިޝަނުން ފާހަގަކޮށްފައިވާ ހުށަހެޅުންތަކަށް ރިއާޔަތް ކުރުމެއް ނެތި ކަމަށާއި އެހެންކަމުން ކަންބޮޑުވާ ކަމަށް ވެސް އެޗްއާރްސީއެމްގެ ބަޔާނުގައި ބުނެފައިވެ އެވެ.

"ޓެރަރިޒަމް މަނާކުރުމުގެ ގާނޫނެއް އެކުލަވާލުމުގެ މުހިއްމުކަން މިކޮމިޝަނުން ފާހަގަކުރާ ހާލު ޓެރަރިޒަމް މަނާކުރުމުގެ ގާނޫނެއް އެކުލަވާލުމުގައި އިންސާނީ ހައްގުތައް ރައްކާތެރިކޮށް ގާނޫނު އަސާސީންނާއި ގާނޫނުތަކާއި އަދި ރާއްޖެ ބައިވެރިވެފައިވާ ބައިނަލްއަގުވާމީ މުއާދަތަކަށް ރިއާޔަތްކުރުމަށް ފަހު މިކޮޝަނުން ވާނީ އޭޖީ އޮފީހަށް ކަރުދާހެއް ފޮނުވާފަ އެވެ." ބަޔާނުގައި ބުނެފައިވެ އެވެ.

އެޗްއާރްސީއެމް އިން ބުނީ އެފަދަ ގޮތަކަށް ބިލެއް ފާސްވެ ގާނޫނަކަށް ވެގެން ދިޔުމަކީ ދިވެހި ރައްޔިތުންގެ ހައްގުތައް ހޯދައިދިނުމުގައި އެ ކޮމިޝަނުން ކުރަމުންދާ މަސައްކަތއް ކުރިމަތިވާނެ ވަރަށް ބޮޑު ގޮންޖެހުމެއް ކަމަށެވެ.

ސަރުކާރުގެ ފަރާތުން އިހަވަންދޫ ދާއިރާގެ މެމްބަރު މުހައްމަދު އަބްދުﷲ (މުހައްމާ) ހުށަހަޅުއްވާފައިވާ "ޓެރަރިޒަމް މަނާ ކުރުމުގެ ބިލް"ގައި ބުނެފައި ވަނީ ޓެރަރިސްޓް ޖަމާއަތެއްގެ ލިޔެކިއުންތައް ބެހުމާއި ސާކިއުލޭޓު ކުރުމަކީ ވެސް ޓެރަރިޒަމުގެ އަމަލެއް ކަމަށެވެ. ހަމައެއާ އެކު ޓެރަރިސްޓް ޖަމާއަތެއްގެ ލިޔެކިއުން ވިއްކުމާއި ދިނުމުގެ އިތުރުން އެފަދަ ލިޔެކިއުން އާންމު ގޮތެއްގައި މީހުންނަށް ކިޔޭނެ ނުވަތަ އަޑުއެހޭނެ ނުވަތަ ފެންނަން ހުންނާނެ ގޮތަށް އެތަކެތި ލިބުމަކީ ވެސް ޓެރަރިޒަމުގެ އަމަލެއް ކަމަށް އެ ބިލުގައި ބުނެފައިވެ އެވެ.

އެފަދަ ކުށެއް ކުރާ ފަރާތެއްގެ އަދަބެއްގެ ގޮތުގައި ބިލުގައި ބުނެފައި ވަނީ ހަތް އަހަރާއި 10 ދެމެދުގެ މުއްދަތަކަށް ޖަލަށް ލުމެވެ.

ބިލުގައި ބުނެފައިވާ ގޮތުގައި ޓެރަރިސްޓް ޖަމާއަތެއްގެ ލިޔުންތައް ޓީވީ ރޭޑިއޯ ނުވަތަ އިންޓަނެޓް މެދުވެރިކޮށް ނަމަވެސް ފެތުރުމަކީ ކުށެކެވެ. އެފަދަ ކުށެއް ކޮށްފައިވާ މީހެއްގެ އަދަބަކީ 10 އަހަރާއި 15 އަހަރާއި ދެމެދުގެ މުއްދަތަކަށް ޖަލަށް ލުން ކަމަށް ވެސް ބިލުގައި ބުނެފައިވެ އެވެ.

ރާއްޖޭގައި މިހާރު އަމަލު ކުރަމުން އަންނަ ޓެރަރިޒަމް މަނާކުރާ ގާނޫނަކީ މީގެ 25 އަހަރު ކުރިން ހަދާފައިވާ ގާނޫނެކެވެ. އެއީ މުޅި ޖުމުލަ ހަ މާއްދާއެއްގެ މައްޗަށް އެކުލެވިފައިވާ ގާނޫނެކެވެ.