ކޮމިޝަނަރު އޮފް ޕޮލިސްގެ މަގާމުގައި ކުރިން ހުންނެވި ހުސައިން ވަހީދު އެމަގާމުން ވަކި ކުރައްވައި ހައުސިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުކަމުގެ މަގާމު ދިން މައްސަލަ އެންޓި ކޮރަޕްޝަން ކޮމިޝަން އޮފް ދަ މޯލްޑިވްސް (އޭސީސީ) އަށް އިދިކޮޅު އެމްޑީޕީން ހުށަހަޅައިފި އެވެ.

އިދިކޮޅު އެމްޑީޕީން މިއަދު ބުނީ ހުސައިން ވަހީދަށް، ފައިސާގެ ނުފޫޒު ފޯރާފައިވާ ކަމުގެ ތުހުމަތުތަކެއް ކުރެވި ޕޮލިސް ކޮމިޝަނަރުގެ މަގާމުން ވަކި ކުރެވި އަލުން ހައުސިންގް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުގެ މަޤާމަށް އައްޔަން ކުރުމުން ކޮރަޕްޝަނަށް މަގުފަހިވާ ކަމަށް ބެލެވޭ ކަމަށެވެ. އެގޮތުން އެ މައްސަލަ ބަލައި ދިނުމަށް އެދި އޭސީސީ އަށް ސިޓީއެއް ހުށަހަޅާފައިވާ ކަމަށް ވެސް އެމްޑީޕީން ބުންޏެވެ.

ކޮމިޝަނާ އޮފް ޕޮލިސްގެ މަގާމުގައި ކުރިން ހުންނެވި ހުސައިން ވަހީދު އެ މަގާމުން ވަކި ކުރެއްވީ މިދިޔަ ހަފުތާގެ ހުކުރު ދުވަހު އެވެ.

އެމްޑީޕީން ބުނީ ކޮރަޕްޝަންގެ ތުހުމަތުތަކެއް ކުރެވިފައިވާ ބޭފުޅަކު ސަރުކާރުގެ މުހިންމު މުއައްސަސާއެއްގެ ސްޓޭޓް މިނިސްޓަރުގެ މަގާމުގައި ހުންނެވުމަކީ ކޮރަޕްޝަނަށް އަނެއްކާ ވެސް މަގުފަހިވާނެ ކަމެއްކަމެއްކަމުގައި އެ ޕާޓީން ދެކޭ ކަމަށެވެ.

މިދިޔަ އާދިއްތަ ދުވަހު ގައުމާ މުހާތަބު ކުރައްވައި ރައީސް ޔާމީން ވިދާޅުވީ އެމަނިކުފާނު އަވަހާރަކޮށްލަން ދިން ހަމަލާއާ ގުޅިގެން ކުރިއަށް ގެންދާ ތަހުގީގުގެ ތެރެއިން، ފުލުހުންގެ މައްޗަށް ނައިބު ރައީސް އަހުމަދު އަދީބުގެ އޮތް ނުފޫޒާއި ބާރު އެނގިވަޑައިގަތުމުން ހައިރާންވެވަޑައިގެންނެވި ކަމަށެވެ. ރައީސް ޔާމީން ވިދާޅުވީ ފުލުހުންނަށް ބޭނުންވާ ރަސްމީ އަދި ނުރަސްމީ ގިނަ ކަންތައްތަކެއް ސީދާ ނައިބު ރައީސް ކުރައްވާފައިވާ ކަމަށެވެ. އަދި ފުލުހުންނަށް ފައިސާ ދީފައި ހުރި ގޮތް ބަލަން ޖެހޭ ކަމަށާއި އެކަން ކުރިއަށް ދާ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.