ހައި ކޯޓުގެ ދެކުނު ގޮފީގެ ފަނޑިޔާރު އައްބާސް ޝަރީފް ރިޓަޔާ ކުރެއްވުމުން އޭނާގެ ބަދަލުގައި އެ ކޯޓުގެ ފަނޑިޔާރު އަބްދުލްޣަނީ މުހައްމަދު އެ ގޮފީގެ ފަނޑިޔާރު ކަމަށް ހަމަޖައްސައިފި އެވެ.

ސުޕްރީމް ކޯޓުން މިއަދު ނެރުނު ގަރާރެއްގައި ވަނީ ހައިކޯޓުގެ ދެކުނު ގޮފީގެ ފަނޑިޔާރު ކަމަށް ޣަނީ ހަމަޖައްސާފައި ވަނީ ކޯޓުތަކާ ބެހޭ ގާނޫނުގެ 35 ވަނަ މާއްދާގެ (ޅ) އާއި ފަނޑިޔާރުން ހަމަޖެއްސުމުގައި ބަލަންޖެހޭނެ ކަމަށް ގާނޫނުގައި ބަޔާންކޮށްފައިވާ ކަންތައްތަކަށާއި ގާނޫނު އަސާސީގެ 141 ވަނަ މާއްދާ އާއި ޝަރުއީ ހަމަތަކުގެ މައްޗަށް ރިއާޔަތް ކުރުމަށް ފަހު ކަމަށެވެ.

ފަނޑިޔާރު ޣަނީގެ އިތުރުން ހައި ކޯޓުގެ ދެކުނު ގޮފީގައި ދެން ތިއްބަވަނީ ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރާއި ފަނޑިޔާރު ޝުއައިބު ހުސައިން ޒަކަރިއްޔާ އެވެ.

ހައިކޯޓުގެ ދެކުނު ގޮތްޕަށް ފަނޑިޔާރުން ހަމަޖެއްސި ނަމަވެސް އެ ގޮފި މިހާތަނަށް ގާއިމް ކޮށްފައެއް ނުވެ އެވެ. އެހެންވުމުގެ ސަބަބުން އައްޑޫ ސިޓީ އާއި ފުވައްމުލައް، ގއ. އަދި ގދ. އަތޮޅުގެ ރައްޔިތުން މިވަނީ އިސްތިއުނާފުކުރުމުގެ ހައްގުން މަހުރޫމްވެފަ އެވެ.

ކުޅުދުއްފުށީގައި ގާއިމް ކުރަން ޖެހޭ ކަމަށް ގާނޫނުގައި ބުނާ ހައި ކޯޓުގެ އުތުރު ގޮފި ވެސް މިހާތަނަށް ގާއިމްކޮށްފައެއް ނުވެ އެވެ. އަދި އެގޮތްޕަށް ފަނޑިޔާރުން ވެސް ހަމަޖައްސާފައެއް ނުވެ އެވެ. އެކަމުގެ ސަބަބުން ހއ. އަތޮޅާއި ހދ. އަތޮޅާއި ށ. ނ. ރ. އަދި ބ. އަތޮޅުގެ ރައްޔިތުން ވަނީ އިސްތިއުނާފު ކުރުމުގެ ހައްގުން މަހުރޫމްވެފަ އެވެ.

ކޯޓުތަކާ ބެހޭ ގާނޫނަށް ގެނައި އިސްލާހުގައިވާ ގޮތުން މާލޭގައި ހުންނަ ހައިކޯޓަށް ހުށަހެޅޭނީ ހަމައެކަނި މާލެ، ވިލިމާލެ، ހުޅުމާލެ، ޅ. ކ. އއ. އދ. ވ. މ. ފ. ދ. ލ. މި އަތޮޅުތަކުގެ ކޯޓުތަކުން ނިންމާ ނިންމުންތައް އެކަންޏެވެ.