ނައިބު ރައީސް އަހްމަދު އަދީބު އަބްދުލް ޣަފޫރު ޕީޕީއެމުން ވަކިކުރުމުން ޒުވާނުންތައް އެ ޕާޓީން ވަކިވެއްޖެކަމަށް ދެކެވޭ ވާހަކަ ދޮގުކޮށްފިއެވެ.

ޕީޕީއެމުން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނެފައި ވަނީ އަދީބު އެ ޕާޓީން ވަކިކުރުމާ ގުޅިގެން އެ ޕާޓީން ވަކިވުމަށް އެދި އެއްވެސް ފަރާތަކުން ހުށަހަޅާފައި ނުވާ ކަމަށެވެ. ނަމަވެސް ޕާޓީގެ އަސާސްތަކާ ޚިލާފުވެ، ޕާޓީގެ ވިސްނުމާއި ފިކުރާ ދެކޮޅަށް ވަކާލާތުކޮށް އެގޮތަށް އަމަލުކުރުމަށް ގޮވާލާ ފަރާތްތަކާ މެދު ޕާޓީގެ ގަވާއިދުތަކުގައިވާ ގޮތުގެމަތިން ފިޔަވަޅު އަޅާނެ ކަމަށް ވެސް އެ ބަޔާނުގައިވެ އެވެ.

"އެފަދަ ނިންމުމެއްގެ ސަބަބުން ޕާޓީގެ އެއްބައިވަންތަ ކަމަށާއި ޕާޓީއަށް ލިބެމުންދާ ތަރުހީބަށް އެއްވެސް އުނިކަމެއް ނާންނާނެ އެވެ. މި ޕާޓީގެ މެމްބަރުންނަކީ އުސޫލުތަކެއްގެ މަތީ ދެމިތިބޭ ގާނޫނުތަކާއި ގަވާއިދުތަކަށް ހުރުމަތްތެރިކޮށް ހިތާ ބައެކެވެ،" ޕީޕީއެމްގެ ބަޔާނުގައި ވެއެވެ.

ޕީޕީއެމްގެ ބަޔާނުގައި ވަނީ އަދީބު ވަކިކުރިފަހުން ވެސް އެ ޕާޓީއާ ގުޅުމަށް އެތައް ޒުވާނުންތަކެއް ޝައުގުވެރިކަން ފާޅުކުރަމުން އަންނަ ކަމަށެެވެ. ހަމައެހެންމެ އަދީބު ވަކި ކުރިފަހުން އެތައް ޒުވާނުންތަކެއް އެޕާޓީއަށް ސޮއިކޮށްފައިވާ ކަމަށް ވެސް އެ ބަޔާނުގައި ވެއެވެ.

ޕީޕީއެމްގެ ނައިބު ރައީސްކަމުން އަދީބު ވަކިކުރައްވާފައި ވަނީ ރައީސުލްޖުމްހޫރިއްޔާ ދަތުރުފުޅުކުރެއްވި ރިޔާސީ ލޯންޗުކޮޅުގައި ބާރުގަދަ ބޮމެއް ގޮއްވާލިކަމުގެ ތުހުމަތުގައި އެމަނިކުފާނު ހައްޔަރުކޮށްފައިވާތީއެވެ.