ޕްރޮސެސްކޮށްފައި ހުންނަ އެއްގަމު މަހުން ކެންސަރު ޖެމުގެ ފުރުސަތު ބޮޑުވާތީ، ޕްރޮސެސްކޮށްފައި ހުންނަ ކާބޯތަތި ކަަމަށްވާ ސޮސެޖްފަދަ ބާވަތްތައް ބޭނުން ކުރާ މިންވަރު މަދު ކުރުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އާއި މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ)އިން އެދެފި އެވެ.

އެޗްޕީއޭ އާއި އެމްއެފްޑީއޭ އިން އެގޮތަށް އެދިފައި ވަނީ ޕްރޮސެސްކޮށްފައި ހުންނަ އެއްގަމުމަހުގެ އުފެއްދުންތަކުން ކެންސަރުބަލި ޖެހުމުގެ ފުރުސަތު ބޮޑުކޮށްދޭ ކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އިން ބުނުމުންނެވެ. އެކަމާ ގުޅިގެން އެޗްޕީއޭ އާއި އެމްއެމްޑީއޭއިން މިއަދު ވަނީ ބަޔާނެއް ނެރެފަ އެވެ.

ޑަބްލިއެޗްއޯގެ އެޖެންސީއެއް ކަމުގައިވާ އިންޓަނޭޝަނަލް އެޖެންސީ ފޯ ރިސާޗު އެންޑް ކެންސާއިން ކޮށްފައިވާ ދިރާސާއަކާ ހަވާލާދީ ރާއްޖެގައި އާންމު ކުރި ބަޔާނުގައި ބުނެފައި ވަނީ ޕްރޮސެސްކޮށްފައިވާ އެއްގަމު މަހުގެ ބާވަތްތައް އާންމުކޮށް ކެއުމުގައި ބޭނުންކުރާނަމަ ގޮހޮރުގެ ކެންސަރާއި ޗިސްމޭގެ ކެންސަރު އަދި ޕްރޮސްޓޭޓް ކެންސަރު ޖެހުމުގެ ފުރުސަތު ބޮޑެވެ.

ޕްރޮސެސްކޮށްފައި ހުންނަ އެއްގަމު މަހުގެ ބާވަތްތައް ތުއްތުކުދިންނަށް ދޭ މިންވަރު މަދުކުރުމަށް ވެސް އެ ބަޔާނުގައި ވަނީ އިލްތިމާސްކޮށްފަ އެވެ.

"މިފަދަ ބާވަތްތައް އާންމުކޮށް ބޭނުންކު ކުރުމަކީ ކެންސަރުގެ އިތުރުން އެހެނިހެން ގައިންގައަށް ނާރާ ބަލިތައް ޖެހުމަށް ވެސް މަގުފަހިވެދާނެ ކަންތައްތަކެވެ. ކެންސަރު އަދި މިނޫންވެސް ގައިގައަށް ނާރާ ބަލިތަކުގެ ރައްކާތެރިވުމަށް ޕްރޮސެސްކޮށްފައި ހުންނަ ކާބޯތަކެތި ބޭނުންކުރާ މިންވަރު މަދުކޮށް ތާޒާ ކާބޯތަކެތި އެދެވިގެންވާ މިންވަރަށް މޭވާ އާއި ތަރުކާރީ ހިމަނައިގެން ބޭނުންކުރުމަ ސަމާލުކަމެއް ދެއްވުމަށް އިލްތިމާސްކުރަން،" އެޗްޕީއޭ އަދި އެމްއެފްޑީއޭ

ޕްރޮސެސްކޮށްފައި ހުންނަ އެއްގަމު މަހުގެ ބާވަތްތަކަކީ ގިނަ ދުވަހަށް ބެހެއްޓުމަށް ތައްޔާރުކޮށްފައިވާ އެއްގަމު މަހުގެ އުފެއްދުންތަކެވެ. މިގޮތަށް އެއްގަމު މަސް ތައްޔާރު ކުރުމަށް ބޭނުން ކުރާ ގޮތްތަކުގެ ތެރޭގައި ލޮނު އެޅުމާއި ދިލަޖެއްސުމާއި ޕާމެންޓު ކުރުން ހިމެނެ އެވެ. އަދި މިފަދަ އުފެއްދުންތަކުގައި ތަފާތު ވައްތަރުގެ ކެމިކަލްތަކާއި ރަހަ އާއި ކުލަ ޖެއްސުމަށް ބޭނުންކުރާ ބާވަތްތައް ގިނަ އަދަދަކަށް ހިމެނެ އެވެ. އާންމު ގޮތެއްގައި މިފަދަ އުފެއްދުންތަކުގައި މަހުގެ މިންވަރާއި މަހުން ލިބޭ ފައިދާ ދަށްވާނެ އެވެ. ޕްރޮސެސްކޮށްފައިވާ މަހުގެ މިފަދަ އުފެއްދުންތަކުގެ ތެރޭގައި ގިނައީ ގެރިމަހުގެ ބާވަތްތަކާއި ކުކުޅުމަށް އަދި ސީނުކުކުޅުފަދަ މަހުގެ ބާވަތްތަކެވެ. އަދި އާންމުމޮށް ބޭނުންކުރާ މިފަދަ އުފެއްދުންތަކުގެ ތެރޭގައި ސޮސެޖް އާއި ޕްރޭންކް ޕާޓާސް ހިމެނެ އެވެ.

އެޗްޕީއޭ އާއި އެމްއެފްޑީއޭ އިން ނެރުނު ބަޔާނުގައި ބުނެފައި ވަނީ ކެއުމަށް ބޭނުން ކުރާ ކޮންމެ 50 ގްރާމުގެ ޕްރޮސެސްކުރެވިފައިވާ އެއްގަމު މަހުން 18 ޕަސެންޓް ކެންސަރު ބަލި ޖެހުމުގެ ފުރުސަތު ބޮޑު ކަމަށެވެ. ނަމަވެސް އެއްގަމުމަހުގެ ތެރެއިން ކުލަ ރަތްކުލައިގައި ހުންނަ ތާޒާމަހުގެ ބާވަތްތަކުން ކެންސަރު ބަލި ޖެހުމުގެ ފުރުސަތު ކުޑަ ކަމަށެވެ. ނަމަވެސް އެފަދަ އެއްގަމު މަސް ކެއުމުގައި ގިނަ އަދަދަކަށް ބޭނުންކުރާނަމަ ކެންސަރު ޖެހުމުގެ ފުރުސަތު ބޮޑު ކަމަށް ބަޔާނުގައި އެވެ.

"އެއްގަމު މަހުގެ ބާވަތްތަކުގެ ތެރެއިން ރަތްކުލައިގައި ހުންނަ ތާޒާމަހުގެ ބާވަތްތަކަކީ ކެންސަރުބަލި ޖެހުމުގެ ފުރުސަތު ކޮންމެ ވެސް ވަރަކަަށް ހުންނަ ބާވަތެއް ކަމަށް ވެސް ހަމާކޮށްފައިވެ އެވެ. މީގައި އެއްގަމު ޖަނަވާރުގެ ތެރޭގައި ހިމެނޭ ގެރި މަސް ބަކަރި މަސް، ކަންބަޅި ފަދަ ބާވައްތައް ހިމެނެ އެވެ. ނަމަވެސް މީގެ ތެރޭގައި ކުކުޅު، ސީނު ކުކުޅު (ޓާކީ) އަދި މިނޫނަށް އެހެނިހެން ބާވަތްތަކުގެ ދޫނީގެ މަހެއް ނުހިމެނެ އެވެ،" އެޗްޕީއޭ އާއި އެމްއެމްޑީއޭއިން ނެރުނު ބަޔާނުގައި ބުނެފައިވެ އެވެ.