29 Oct 2015, 18:17
ފަހުގެ ޓެކްނޮލިޖީތައް އެއްތަނަކުން ލިބޭނެ ގޮތް ހަދައިދީ އެ ޓެކްނޮލޮޖީތަކާ ގުޅޭ މައުލޫމާތުތައް އެއްތަނަކުން ފޯރުކޮށް ދިނުމަށް ބާއްވަމުން އަންނަ "ޓެލެކޮމް އެންޑް އައިސީޓީ އެކްސްޕޯ" ފަށައިފި އެވެ.
ނެޝަނަލް އާޓްގެލަރީގައި މިއަދު ފަށާފައިވާ އެ އެކްސްޕޯ ކުރިއަށްދާނީ އަންނަ ހޮނިހިރު ދުވަހުގެ ނިޔަލަށެވެ. އެ އެސްޕޯއަކީ އައިސީޓީ އެކްސްޕޯގެ ތިންވަނަ ސިލްސިލާ އެވެ.
ފިޝަރީޒް މިނިސްޓަރު ޝައިނީ އަދި ހޯމް މިނިސްޓަރު އުމަރު ނަސީރު ފެއާ ހުޅުވައިދެއްވަނީ ---- ސަން ފޮޓޯ. އަލީ ނަސީރު
މިއަހަރުގެ ފެއާގައި ވެސް ޓެލެކޮމް އަދި އައިސީޓީގެ ދާއިރާއިން ރާއްޖޭގައި ހަރަކާތްތެރިވާ ގިނަ ކުންފުނިތަކެއް ބައިވެރިވެފައިވެ އެވެ.
އެގޮތުން އެ ފަރާތްތަކުން ދަނީ ފަހުގެ ސެކިއުރިޓީ ސިސްޓަމްތަކާއި، ސްމާޓް ޑިވައިސްތަކާއި، ނެޓްވޯކިން ފަދަ މަސައްކަތްތަކަށް ބޭނުންކުރާ އެންމެ ފަހުގެ ޓެކްނޮލޮޖީގެ އުފެއްދުންތައް ދައްކާލަމުންނެވެ.
މިއަދު ފެށި ޓެލެކޮމް އަދި އައިސީޓީ އެކްސްޕޯގެ ތެރެއިން ---- ސަން ފޮޓޯ/ އަލީ ނަސީރު
ޓެލެކޮމް އަދި އައިސީޓީ އެކްސްޕޯ ހުޅުވުމަށް މިއަދު ހަވީރު އާޓް ގެލަރީގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ފިޝަރީޒް މިނިސްޓަރު ޑރ. މުހައްމަދު ޝައިނީ ވިދާޅުވީ، ޓެލެކޮމް އަދި ޓެކްނޮލޮޖީ ދާއިރާގައި މި ސަރަހައްދުގެ އެހެން ގައުމުތަކާ އަޅާ ބަލާއިރު ރާއްޖެ ކުރިއަށް ޖެހިލާފައި އޮތުމަކީ ރާއްޖެއަށް އެފަދަ ފެއާއެއް ހާއްސަވާ ސަބަބެއް ކަމަށެވެ.
މިއަދު ފެށި ޓެލެކޮމް އަދި އައިސީޓީ އެކްސްޕޯގެ ތެރެއިން ---- ސަން ފޮޓޯ/ އަލީ ނަސީރު
މިނިސްޓަރު ވިދާޅުވީ ޓެކްނޮލޮޖީއަށް ދިވެހިންގެ ލޯ ހުޅުވިފައި ވުމަކީ ކުރިމަގަށް ބަލާނަމަ ވަރަށް މުހިންމު އަދި އޭގެ ސަބަބުން ފައިދާތަކެއް ކުރާނެ ކަމެއް ކަމަށެވެ.