ޔުނިވާސިޓީ އޮފް މޮންޓްރިއަލް އިން ވަރަށް ފަހުން ހެދި ދިރާސާ އަކުން ދެއްކި ގޮތުގައި ކުޑަކުދިން މަސަލަސް ކުރުމަށް ވާހަކަ ދެއްކުމުގެ ބަދަލުގައި މިއުޒިކު އަޑު އިއްވުމުން، އެކުދިން ރުއިން ހުއްޓާލާ ގޮތް މާ އަވަސް ވާނެ އެވެ.

ސިއްހަތު ރަނގަޅު 30 ކުޑަކުދިން ބޭނުން ކޮށްގެން ހެދި ދެ ތަހުލީލުގައި ބޭނުން ކޮށްފައި ވަނީ ހަ މަހާއި ނުވަ މަހާ ދެމެދުގެ ކުދިންނެވެ. މި ރިސާޗުގެ މަގްސަދަކީ ކުޑަކުދިން އިސްކަންދެނީ ކޮން މިއުޒިކެއްތޯ ބެލުމަށާއި އެ މިއުޒިކު އަޑު އެހުމުން އެކުދިންގެ ފަރާތުން ފެންނަނީ ކޮން ޖަޒުބާތެއްތޯ ބެލުމަށްޓަކަ އެވެ.

"ކުޑަކުދިންނަށް ލަވަކިޔާ ދިނުމުންނާއި އެކުދިންނާ ވާހަކަ ދެއްކުމުންވާ ފައިދާގެ މައްޗަށް ވަރަށް ގިނަ ރިސާޗް ހަދާފައި އެބަހުރި. އަހަރުމެން މި ބަލަނީ މިއުޒިކު އަޑު އެހުމަށް ފަހު ކުޑަކުދިން އެކުދިންގެ އިހުސާސުތައް ކޮންޓުރޯލް ކުރާ ގޮތް. މިހާ ކުޑަކުދިން ނަކަށް އިހުސާސްތައް ކޮންޓްރޯލް ކުރަން އެނގުމަކީ ނާދިރު ކަމެއް، އެކަމަކު އަހަރުމެން މި ބަލަނީ މިއުޒިކު އަޑު އެހުމަށް ކުޑަ ކުދިން އެކުދިންގެ އިހްސާސްތައް ކޮންޓުރޯލް ކުރަން ދަސްކުރޭތޯ،" ޕުރޮފެސާ އިޒަބެލް ޕެރޭޒް ބުންޏެވެ.

ރިސާޗުގެ ފުރަތަމަ ތަހުލީލުގައި ކުޑަކުދިންނަށް އަޑު އިއްވީ ވާހަކަ ދައްކާތަން ރިކޯޑު ކޮށްފައި ހުރި އަޑުތަކެވެ. ތަހުލީލުގެ އިތުރު ގޮތަކުން ނުފޫޒު ނުފޯރާ ކަން ޔަގީން ކުރުމަށްޓަކައި ރިކޯޑިން ހަދާފައި ހުރީ ކުދިންނަށް އާދަވެފައި ނުވާ އަޑަކުންނެވެ. އޭގައި 'ބޭބީ ޓޯކް' އާއި އާދައިގެ ބަހުރުވައިން ވާހަކަ ދައްކާފައި ހުއްޓެވެ. ކޮންމެ ކުއްޖެއް ވެސް ރޮވެން ކައިރިވަންދެން އެ ރިކޯޑިން އަޑު އިއްވި އެވެ.

ދެ ވަނަ ތަހުލީލުގައި ކުޑަކުދިންނަށް އަޑު އިއްވާފައި ވަނީ އެ ކުއްޖެއްގެ މަންމަ ފަރަންސޭސި ބަހުން ލަވަ ކިޔާފައިވާ ރިކޯޑިންއެކެވެ. ފަރަންސޭސި ބަސް ބޭނުން ކުރީ އެއީ ކެނެޑާ ކުދިންނަށް ފުދޭވަރަކަށް އަޑު އިވިފައި ވާނެ ބަހަކަށް ވާތީ އެވެ.

ފުރަތަމަ ތަހުލީލުގެ ނަތީޖާއަކީ ކުޑަކުދިން ހަތަރު މިނިޓަށް ނުރޮއެ ތިބުމެވެ. މިއާ ބަލާފަ މިއުޒިކު އަޑު އިވުމުން ކުޑަކުދިން ނުވަ ވަރަކަށް މިނިޓް ވަންދެން މަޑުމަޑުން ތިބެ އެވެ.

މި ރިސާޗް އިން އެބަ ދޭހަވޭ ކުޑަކުދިންނަށް ލަވަ ކިޔާދިނުމަކީ އެ ކުދިން ހިތްހަމަޖެހިފައި ތިބުމަށް ޓަކައި މުހިންމު ކަމެއް ކަން،" ޕެރޭޒް ބުންޏެވެ.