31 Mar 2011, 16:12
އެމްޓީޑީސީގެ ޑިރެކްޓަރުންގެ ބޯޑުގައި އާންމު ހިއްސާދާރުން ތަމްސީލު ކުރުމަށް ކަނޑައަޅާފައިވާ ފަސް ޑިރެކްޓަރުންގެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.
މޯލްޑިވްސް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން [އެމްޓީޑީސީ] އިން މިދިޔަ ހަފުތާގައި ނެރެފައިވާ އިޢުލާނެއްގައި ބުނެފައި ވަނީ ސީއެމްޑީއޭ އިން ކަނޑައަޅާފައިވާ ކޯޕަރޭޓް ގަވާނަންސް އުސޫލާ އެއްގޮތްވާ ގޮތުގެ މަތިން އެމްޓީޑީސީގެ ޑިރެކްޓަރުންގެ ބޯޑުގައި އާންމު ހިއްސާދާރުން ތަމްސީލު ކުރުމަށް ކަނޑައަޅާފައިވާ ފަސް ޑިރެކްޓަރުންގެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ.
އެ ކުންފުނީގެ އަސާސީ ގަވާއިދާއި އަދި ހިންގާ ގަވާއިދުގައި ކަނޑައާޅާފައިވާ ގޮތުގެ މަތިން ޑިރެކްޓަރު ކަމަށް ކުރިމަތިލާ ފަރާތްތަކަކީ މަދުވެގެން އެމްޓީޑީސީގެ 50 ހިއްސާ އޮތް ހިއްސާދާރުން ކަމުގައި ވާންޖެހެ އެވެ.
އެކުންފުނީގެ ޑިރެކްޓަރު ކަމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލާފައި ވަނީ އަންނަ މަހުގެ 11ގެ ކުރިންނެވެ.
"އެމްޓީޑީސީގެ ބޯޑުގެ ޑިރެކްޓަރު ކަމަށް ކުރިމަތިލައްވާ ފަރާތްތަކުން ހުށަހަޅާ ފޯމު ފުރުއްވުމަށް ފަހު ސިޓީ އުރައިގެ ބޭރުގައި 'އެމްޓީޑީސީގެ ޑިރެކްޓަރު ކަމަށް ކުރިމަތިލުމަށް އެދި' މިހެން ޖެއްސެވުމަށް ފަހު އެމްޓީޑީސީގެ މައި އޮފީހަށް އެ ބޭފުޅެއްގެ ވަނަވަރާ އެކު ފޮނުއްވުން އެދެމެވެ." އެމްޓީޑީސީގެ ބަޔާނުގައިވެ އެވެ.
އެމްޓީޑީސީން ބުނީ ޑިރެކްޓަރު ކަމަށް އެންމެ އެކަށީގެންވާ ފަރާތްތައް އެމްޓީޑީސީގެ ނޮމިނޭޝަން އެންޑް ރެމިއުނޭޝަން ކޮމެޓީން ހޮވުމަށް ފަހު އެފަރާތްތަކުގެ މަޢުލޫމާތު މި އަހަރުގެ އަހަރީ އާންމު ޖަލްސާ ބޭއްވުމުގެ ކުރިން ހިއްސާދާރުންގެ މަޢުލޫމާތަށްޓަކައި އާންމުކޮށް އިޢުލާން ކުރާނެ ކަމަށެވެ. އަދި އެފަރާތްތަކުގެ ނަން އަހަރީ އާންމު ޖަލްސާއަށް ހުށަހަޅައި އޭގެ ތެރެއިން ހިއްސާދާރުންނަށް ފެންނަ ފަސް ބޭފުޅުން، ޑިރެކްޓަރުންގެ ގޮތުގައި ހޮވުމަށް، ހިއްސާދާރުން ވޯޓު ލުމުގެ ފުރުސަތު ހުޅުވާލާނެ ކަމަށެވެ.
ސަރުކާރާ ރައްޔިތުން ހިއްސާވާ ކުންފުނިން މިހާރު ތައްޔާރު ވަމުން އަންނަނީ އެކުންފުނީގެ ހަތަރު ވަނަ އަހަރީ އާންމު ޖަލްސާ އަށެވެ.