29 Oct 2015, 16:16
ވިއެނާ (އޮކްޓޯބަރ 29): ސީރިޔާގެ މައްސަލައަށް ސުލްހަވެރި ހައްލެއް ހޯދުމުގެ ގޮތުން މާދަމާ ފެށުމަށް ހަމަޖެހިފައިވާ ސުލްހައިގެ ފުރަތަމަ ބުރުގެ ވާހަކަތަކަށް ތައްޔާރު ވުމުގެ ގޮތުން ވިއެނާގައި ބައްދަލުވުންތަކެއް މިހާރު ކުރިޔަށް އެބަދެ އެވެ.
ވިއެނާއިން ލިބޭ ޚަބަރުތައް ބުނާގޮތުން މިބައްދަލުވުންތައް ކުރިޔަށްދަނީ ސީރިޔާގެ ސުލްހައިގެ ވާހަކަތަކުގައި ބައިވެރިވާ އެކި ގައުމުތަކުގެ ޑިޕްލޮމޭޓުންގެ މެދުގައެވެ. މިވާހަކަތަކުގައި ބައިވެރިވާނީ އެމެރިކާއާއި ރަޝިޔާގެ ޚާރިޖީ ވަޒީރުންގެ އިތުރުން އަރަބި ބައެއް ގައުމުތަކާއި ޔޫރަޕްގެ ބައެއް ގައުމުތަކާ އަދި ތުރުކީގެ އިސް ޑިޕްލޮމޭޓުންނެވެ.
އެމެރިކާވަނީ މި ވާހަކަތަކުގައި ބައިވެރިވުމުގެ ދައުވަތު އީރާނަށްވެސް ދީފައެވެ. މިއީ ސީރިޔާގެ މުސްތަގްބަލާބެހޭގޮތުން އެމެރިކާ އިސްކޮށް އޮވެގެން ކުރިޔަށްގެންދާ ވާހަކަތަކަކަށް އީރާނަށް ދައުވަތުދިން ފުރަތަމަ ފަހަރެވެ. އީރާނުންވަނީ އެގައުމުގެ ޚާރިޖީ ވަޒީރު މުހައްމަދު ޖަވާދު ޒަރީފް މާދަމާ ފެށޭ ސީރިޔާގެ ސުލްހައިގެ ވާހަކަތަކުގައި ބައިވެރިވެ ވަޑައިގަންނަވާނެ ކަމަށް ބުނެފައެވެ.
ސައޫދީން ވަނީ އެގައުމުގެ ޚާރިޖީ ވަޒީރު އާދިލްއަލްޖުބައިރުވެސް މިވާހަކަތަކުގައި ބައިވެރިވެ ވަޑައިގަންނަވާނެކަން ހާމަކޮށްފައެވެ. އެހެންކަމުން މިއީ ފާއިތުވި ދެ އަހަރު ތެރޭގައި އީރާނާއި ސައޫދީ އަރަބިޔާގެ ޚާރިޖީ ވަޒީރުން ސޫރިޔާއާބެހޭ ބައްދަލުވުމެއްގައި ބައިވެރިވެ ވަޑައިގަންނަވާ ފުރަތަމަ ފަހަރެވެ.
އީރާނާއި ސައޫދީ އަރަބިޔާގެ ގުޅުންތައް ގޯސްވެފައި ވަނީ ސޫރިޔާގެ މައްސަލައިގައެވެ. މިދެގައުމަކީވެސް ސީރިޔާގެ މައްސަލައިގެ ތެރެއިން އަމިއްލަ ސިޔާސީ މަގްސަދުތަކެއް ޙާސިލްކުރުމަށް މަސައްކަތްކުރާ ދެގައުމެވެ.
ވިއެނާގެ ވާހަކަތަކުގައި ބައިވެރިވެ ވަޑައިގަތުމަށްޓަކައި އެމެރިކާގެ ޚާރިޖީ ވަޒީރު ޖޯންކެރީވެސް މިހާރުވަނީ ވިއެނާއަށް ވަޑައިގެންފައެވެ. ވިއެނާއަށް ފުރާވަޑައިގަތުމުގެ ކުރިން ވޮޝިންގައި ދެއްވި ތަގްރީރެއްގައި ކެރީވަނީ ސޫރިޔާގައި ހިނގަމުންދާ ދާޚިލީ ހަނގުރާމައަކީ ބައިނަލްއަގްވާމީ އަމްނާއި ސުލްޙައަށް ކުރިމަތިވެފައިވާ ބޮޑު ނުރައްކަލެއްކަމަށް ސިފަކުރައްވައި އެހަނގުރާމަ ހުއްޓުވުމަށް މަސައްކަތްކުރަން އެމެރިކާއަށް މިހާރު މަޖްބޫރު ވެފައިވާކަމަށް ވިދާޅުވެ ވާހަކަ ދައްކަވާފައެވެ.
މީގެއިތުރުން ކެރީ ވަނީ ސީރިޔާގެ ދާޚިލީ ހަނގުރާމައިގެ އިތުރުން ފަލަސްތީނުގެ މައްސަލައާއި އިރާގުގައި ހިނގަމުންދާ ހަމަނުޖެހުންތަކާއި ލީބިޔާގެ ދާޚިލީ މައްސަލައާއި ޔަމަންގައި ހިނގަމުންދާ ހަނގުރާމައަކީވެސް އަވަސް ހައްލުތަކެއް ހޯދަންޖެހިފައިވާ ބޮޑެތި މައްސަލަތައް ކަމަށް ވިދާޅުވެ ވާހަކަ ދައްކަވާފައެވެ. މިމައްސަލަތަކުގެ ސަބަބުން އެމެރިކާގެ ގައުމީ މަސްލަޙަތަށް ނުރައްކާވާ ހިސާބަށް މިހާރު ކަންތައްތައް ގޮސްފައިވާ ކަމަށްވެސް ކެރީ ވިދާޅުވިއެވެ.
ވިއެނާގައި މާދަމާ ފެށޭ ސީރިޔާގެ ސުލްހައިގެ ވާހަކަތަކަކީ ސީރިޔާގެ މައްސަލަ ހައްލުކުރުމަށް މިދުވަސްވަރު ކުރިމަތިވާނެ އެންމެ ރަނގަނޅު ފުރްސަތު ކަމަށްވެސް ކެރީ ސިފަކުރައްވާފައިވެއެވެ. ނަމަވެސް ވިއެނާގެ ފުރަތަމަ ބުރުގެ ވާހަކަތަކުގައި ސީރިޔާގެ ސަރުކާރާއި އިދިކޮޅު ޖަމާއަތްތައް ބައިވެރިނުވާ ކަމަށްވެއެވެ.
ސީރިޔާގެ ދާޚިލީ ހަނގުރާމައިގެ ފަހަތުގައި ތިބި ގައުމުތަކުގެ ތެރޭން ރައީސް ބައްޝާރުލްއަސަދުގެ ވެރިކަން ދެމެހެއްޓުމަށް މަސައްކަތްކުރާ ދެގައުމަކީ ރަޝިޔާއާއި އީރާނެވެ. ބައްޝާރުގެ ވެރިކަން ގަދަބާރުން ވައްޓާލުމަށްޓަކައި ސީރިޔާގެ އިދިކޮޅު ހަނގުރާމަވެރިންނަށް ހަތިޔާރާއި ފައިސާއާއި އެނޫން ވަސީލަތްތައް ފޯރުކޮށްދެނީ އެމެރިކާއާއި ސައޫދީ އަރަބިޔާއާއި ގަތަރާ އަދި ތުރުކީންނެވެ.
ސީރިޔާގައި ހިނގަމުންދާ ދާޚިލީ ހަނގުރާމައިގެ ފަހަތުގައި ތިބީ އީރާނާއި ތުރުކީގެ އިތުރުން ސައޫދީ އަރަބިޔާއާއި ގަތަރާއި އެމެރިކާއާއި ރަޝިޔާއެވެ. މިހަނގުރާމައިގެ ސަބަބުން ސީރިޔާގެ އެތަށް ލައްކަ ބަޔަކު މަރުވެ އެގައުމުގެ ރައްޔިތުންގެ ދެބައިކުޅަ އެއްބައަށްވުރެ ގިނަމީހުން ހާލުގައިޖެހި އެމީހުންގެ ދިރިއުޅުން ގެއްލި މުޅިން ބިކަވެފައިވެއެވެ. އަދި ސީރިޔާގެ އުމްރާނީ ތަރައްގީގެ 80 އިންސައްތަވެސްވަނީ މުޅިން ހަލާކުވެ ސުންނާފަތިވެފައެވެ. އަދި ސީރިޔާގެ ދާޚިލީ ހަނގުރާމައިގެ ސަބަބުން މުޅި މެދުއިރުމަތި ނުރައްކަލުގެ ތެރެއަށްވެއްޓިފައިވާއިރު އައިއެސް ފަދަ ހައްދު ފަހަނަޅާފައިވާ ޓެރަރިސްޓް ޖަމާއަތްތައް އުފަންވެ އެޖަމާއަތްތައް ފުޅާވެ އެޖަމާއަތްތަކުގެ ނުރައްކާ އިސްލާމީ ގައުމުތަކަށާއި މުޅި އިސްލާމީ ދުނިޔެއަށްވެސް ވަނީ ބޮޑުވެފައެވެ. ނޫސްއެޖެންސީތައް)