29 Oct 2015, 16:15
ސަޢުދީ ޢަރަބިއްޔާއާއި ދިވެހިރާއްޖޭގައި އިސްލާމްދީނުގެ މެދު މިންވަރަށް އަމަލުކުރުން އޮތް ގޮތް ބަޔާން ކޮށްދިނުމަށް އަންނަ ހޯމަ ދުވަހު ރާއްޖޭގައި ކޮންފަރެންސެއް ބާއްވަން އިސްލާމިކް މިނިސްޓްރީން ތައްޔާރުވެއްޖެ އެވެ.
އިސްލާމިކް މިނިސްޓްރީގައި މިއަދު ބޭއްވި ނޫސްކޮންފަރެންސެއްގައި އިސްލާމިކް މިނިސްޓަރު ޑރ. އަޙުމަދު ޒިޔާދު ބާޤިރު ވިދާޅުވީ އެ ކޮންފަރެންސް ބާއްވަނީ ސަޢުދީ ޢަރަބިއްޔާގެ ރަސްގެފާނު ސަލްމާން ބިން ޢަބުދުލް ޢަޒީޒް އަލް ސަޢުދު އިސްކަން ދެއްވައިގެން މަދީނާގެ އިސްލާމިކް ޔުނިވަސިޓީއާއި ރާއްޖޭގެ އިސްލާމިކް މިނިސްޓްރީ ގުޅިގެން ކަމަށެވެ.
"...ކީރިތި ޤުރުއާނާ ކީރިތި ރަސޫލާގެ ސުންނަތުގައި މެދު މިންވަރު، ސަޢުދީ ޢަރަބިއްޔާއާއި ދިވެހި ރާއްޖޭގައި އެކަމަށް އަމަލުކުރުން އޮތް ގޮތް ބަޔާންކޮށްދިނުމަށް ބާއްވާ ކޮންފަރެންސެއް މި ކޮންފަރެންސަކީ،" ޑރ. ޒިޔާދު ބާޤިރު ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ އެ ކޮންފަރެންސްގައި ސަޢުދީ ޢަރަބިއްޔާއާއި ރާއްޖޭގެ އިލްމުވެރިން ކަރުދާސްތައް ހުށަހަޅުއްވާނެ ކަމަށެވެ.
ރާއްޖޭގެ ފަރާތުން ކަރުދާސް ހުށަހަޅުއްވާނީ ކުރީގެ އުއްތަމަ ފަނޑިޔާރު އައް ޝައިޚު މުޙައްމަދު ރަޝީދު އިބުރާހީމް، އިސްލާމިކް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އައްޝައިޚު އިބުރާހީމް އަޙުމަދު، އިސްލާމިކް މިނިސްޓްރީގެ ލެކްޗަރާއެއް ކަމަށްވާ އައް ޝައިޚު އިސްހާޤު މުޙައްމަދު، އިސްލާމިކް ޔުނިވާސިޓީގެ ވައިސް ޗާންސެލަރު އަދި ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު އަދި އިސްލާމިކް ޔުނިވަސިޓީގެ ކުރީގެ ރެކްޓާ ޑރ. އިބުރާހީމް ޒަކަރިއްޔާ މޫސާއެވެ.
ސަޢުދީ ޢަރަބިއްޔާގެ ފަރާތުން ކޮންފަރެންސްގައި ކަރުދާސްތައް ހުށަހަޅުއްވާނީ މަދީނާ އިސްލާމިކް ޔުނިވާސިޓީގެ ކުއްލިޔަތުލް ޤުރުއާނުލް ކަރީމްގެ ނައިބު ޑރ. ބާސިމް ޙަމްދީ ޙާމިދު، ކުއްލިއްޔަތުއް ޝަރީޢާގެ ޑީން ޕްރޮފެސަރް މުޙައްމަދު ބިން ޢަބުދުﷲ ޒާޙިމް، ކުއްލިއްޔަތުއް އިމާދަތުލް މަކުތަބާތުގެ ނައިބު ޑރ. ޚާލިދު ބިން ޤާސިމް ރައްދާދީ އަދި ކުއްލިއްޔަތުލް ޤުރުއާނުލް ކަރީމްގެ ޑީން ޑރ.އަޙުމަދު ބިން ޢަލީ އައް ސުދައިސްއެވެ.
ކޮންފަރެންސްގައި ބައިވެވަޑައިގެންނެވުމަށް ޓަކައި މަދީނާ އިސްލާމިކް ޔުނިވާސީޓީގެ ޗާންސެލަރާއި ވައިސް ޗާންސެލަރާއި ރެކްޓާ ހިމެނިވަޑައިގަންނަވާ ގޮތުން 13 ބޭފުޅަކު މާދަމާ ރާއްޖެއަށް ވަޑައިގަންނަވާނެ އެވެ.
ކޮންފަރެންސްގެ ކަންތައްތައް އިންތިޒާމް ކުރެއްވުމަށް ރާއްޖެއަށް މިހާރު ވަޑައިގެން އުޅުއްވާ މަދީނާ އިސްލާމިކް ޔުނިވަސިޓީގެ ހަތަރު ބޭފުކު މިއަދުގެ ނޫސްކޮންފަރެންސްގައި ބައިވެރިވަޑައިގެންނެވި އެވެ.