ސުވިމިންގް އެސޯސިއޭޝަން އިން އިންތިޒާމް ކޮށްގެން ބާއްވަމުން އަންނަ ގައުމީ ފެތުމުގެ މުބާރާތް މި އަހަރު ވެސް ބާއްވާ ގޮތަށް އެ އެސޯސިއޭޝަނުން ނިއްމައިފި އެވެ.

އަންނަ މަހުގެ 29 އިން ޑިސެމްބަރު ފަހެއްގެ ނިޔަލަށް ކުރިޔަށް ގެންދިއުމަށް ހަމަޖެހިފައިވާ އެ މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު އަންނަ މަހުގެ އަށަކުން ފެށިގެން ހުޅުވާލެވޭއިރު ފޯމް ލިބޭނީ އެ އެސޯސިއޭޝަންގެ ވެބްސަޓުން ކަމަށް މިއަދު ނެރުނު ބަޔާނެއްގައި ވެއެވެ.

މާލޭ ސްވިމިން ޓްރެކްގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ އެ މުބާރާތުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން އަންނަ މަހުގެ 18 ވަނަ ދުވަހުގެ ކުރިން އެ އެސޯސިއޭޝަނަށް ފޯމް ލާން ޖެހޭނެއެވެ.

މިމުބާރާތުގެ މެއިން ސްޕޮންސަރަކީ ސްޓޭޓް ޓްރޭޑިންގ އޮގަނައިޒޭޝަނުން ރާއްޖޭގައި ޑިސްޓްރިބިއުޓްކޮށް މާކެޓްކުރަމުންދާ މަކިޓާ އެވެ. އޮފިޝަލް ޑްރިންކަކީ 100 ޕުލަސްއެވެ.

މިދިޔަ އަހަރު ބޭއްވި މުބާރާތުގައި 13 ޓީމެއް ބައިވެރިވެ އެވެ. އެއީ ފިރިހެން ހަތް ޓީމާއި އަންހެން ހަ ޓީމެވެ. މީގެ އިތުރުން އިންޑިވިޖުއަލް އިވެންޓްތަކުގައި 126 ފެތުންތެރިން ވާދަކުރިއިރު އެ މުބާރާތުގައި 142 އިވެންޓް އޮތެވެ.