29 Oct 2015, 16:05
ހުޅުމާލޭގައި ގަބުރުސްތާނެއް ހަދައި، އެތަނާ އިންވެގެން ހިނަވާގެއަކާއި މިސްކިތެއް އަޅަން އިސްލާމިކް މިނިސްޓްރީއާއި ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަނުން އެއްބަސްވެއްޖެ އެވެ.
އިސްލާމިކް މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އިސްލާމިކް މިނިސްޓްރީއާ އެޗްޑީސީއާ ދެމެދު ސޮއިކުރި އެއްބަސްވުމުގެ ދަށުން އަޅާނީ ހަތަރު ކޮޓަރި ހުންނަ ހިނަވާ ގެއަކާއި 600 މީހުންގެ ޖާގައިގެ މިސްކިތެކެވެ.
ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އިސްލާމިކް މިނިސްޓަރު ޑރ. އަޙުމަދު ޒިޔާދު ބާޤިރު ވިދާޅުވީ އެ މަޝްރޫއަށް ހަރަދުވާނީ ގާތްގަނޑަކަށް ހަ މިލިޔަން ރުފިޔާ ކަމަށެވެ.
އެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އެޗްޑީސީގެ މެނޭޖިން ޑައިރެކްޓަރު މުޙައްމަދު ސައިމަން ވިދާޅުވީ، އެ މަޝްރޫއަށް ފައިސާ ހަރަދުކުރަނީ އިސްލާމިކް މިނިސްޓްރީން ކަމަށާއި އެޗްޑީސީން އަދާކުރަނީ މެދުވެރިއެއްގެ ދައުރު ކަމަށެވެ. އެގޮތުން އެމަސައްކަތް ކުރާނެ ބަޔަކު ހޯދައި، މަސައްކަތް ކުރުވާނީ އެޗްޑީސީން ކަމަށް އޭނާ ވިދާޅުވި އެވެ.
ހުޅުމާލޭގައި ގަބުރުސްތާނުގެ ގޮތުގައި ބޭނުންކުރުމަށް ކަނޑައަޅާފައިވާ ސަރަހައްދުގެ ބޮޑުބައެއް ސާފުކޮށް ވަށާ ފާރުވެސް ރާނާފައިވާ ކަމަށް ވިދާޅުވި އެވެ. އެމަސައްކަތް މިހާރު ހަވާލުކޮށްފައިވާ ފަރާތުން މަސައްކަތް ނިންމަން ޖެހޭ މުއްދަތަށް ނިންމައިފި ނަމަ ހަތަރު މަސް ދުވަހުގެ ތެރޭގައި މަޝްރޫއު މުޅިން ނިމޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"... އެހެން ނަމަވެސް އަޅުގަނޑުމެން އުއްމީދަކީ ޑިސެމްބަރު ފަހުކޮޅުގައި ނޫނީ މިއަހަރު ނިމުމުގެ ކުރީގައި އެތަނުގައި މީހުން ވަޅުލުމުގެ އިންތިޒާމް ހަމަޖެހިގެން އަންނާނެ ގޮތަކަށް މަސައްކަތް ތާވަލު ކުރެވިގެން ދިއުން،" ސައިމަން ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ، ހިނަވާގޭގައި ހިމެނޭ ހަބައިގެ ތެރެއިން ތިން ބަޔަކާއި ދެ ފަންގިފިލައަށް ހަދާ މިސްކިތުގެ ތިރީ ފަންގިފިލާ ނިންމައި، ޑިސެމްބަރު މަހުގެ ތެރޭގައި ބޭނުން ކުރަން ފެށޭތޯ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.