29 Oct 2015, 15:59
ހަނގުރާމަ ވެރި ޖަމާއަތެއް ކަމަށްވާ ބޯކޯ ހަރާމްއިން ސަމްބިސާ ޖަންގަލި ތެރޭގައި ހައްޔަރު ކޮށްފައި ތިބި މީހުން ސަލާމަތް ކުރުމުގެ ތެރޭގައި ނައިޖީރިއާގެ ފުލުހުން ބޯކޯ ހަރާމްގެ 30 މީހަކު މަރާލައިފި އެވެ.
ސަލާމަތްކުރި 338 މީހުންގެ ތެރޭގައި ގިނައީ އަންހެނުންނާއި ކުޑަ ކުދިންނެވެ. އެ މީހުންގެ ތެރޭގައި މި ދިޔަ އޭޕްރިލް މަހު ޗިބޮކްގެ ސްކޫލަކުން ވަގަށް ނެގި ކުދިން ހިމެނޭ ކަން އަދި ޔަގީނެއް ނޫނެވެ.
ނައިޖީރިއާގެ އެހެން ސަރަހައްދެއްގައި ޖާނުން ފިދާވެގެން ހަމަލާއެއް ދޭން އުޅޭ ކަމަށް ތުހުމަތު ކުރެވޭ ބޯކޯ ހަރާމްގެ ހަތަރު މީހަކު ވެސް ނައިޖީރިއާގެ ފުލުހުން ވަނީ މަރާލައިފަ އެވެ. މަރުވި މީހުންގެ އަތުން ދެ ބަޑި އާއި ގޮވާ ސާމާނު ފެނިފައިވެ އެވެ.

ބޯކޯ ހަރާމްގެ އަތުން ނައިޖީރާގެ ފުލުހުންނަށް ފެނުނު ބަޑި -- ފޮޓޯ: އޭއްފެޕީ
ނައިޖީރިއާގެ އަސްކަރިއްޔާގެ ޕަބްލިކް ރިލޭޝަންގެ ޑިރެކްޓަރު އޯލް އެފްރިކާ އާ ވާހަކަދައްކަވަމުން ވިދާޅުވެފައި ވަނީ މިހާރު އެ ގައުމުން ބޯކޯ ހަރާމް އާ ދެކޮޅަށް ހިންގަމުންދާ ހަރަކާތްތަކުގެ ސަބަބުން ގިނަ އާންމުން ސަލާމަތް ކުރެވެމުންދާ ކަމަށެވެ.
"ޓެރަރިސްޓުން ނައްތާލުމަށް ކުރިއަށް ގެންދާ މަސައްކަތް ތަކުގެ ސަބަބުން އެމީހުން ބަލި ވަމުން އެބަދޭ. އަދި އަހަރުމެންނަށް ގިނަ އަދަދެއްގެ ކުށެއް ނެތް އާއްމުން އެމީހުންގެ ހަމަލާތަކުން ސަލާމަތް ކުރެވޭ،" އޭނާ ވިދާޅުވި އެވެ.
މި އަހަރުގެ މޭ މަހުގައި ވެރިކަމަށް އަރާ ވަޑައިގެންނެވި މުހައްމަދު ބުހާރީ ވަނީ ބޯކޯ ހަރާމް އެއްކޮށް ނައްތާލުމަށް ނައިޖީރިއާގެ އަސްކަރިއްޔާ އަށް ޑިސެމްބަރާ ހަމައަށް މުހުލަތެއް ދެއްވާފަ އެވެ.
މައުލޫމާތު : ޓެލެގްރާފް