29 Oct 2015, 16:20
ގައުމީ ބާސްކެޓްބޯޅަ މުބާރާތުގެ ފައިނަލްގެ ދެވަނަ ޖާގަ ހޯދުމަށް ރެޑްލައިން ކުލަބާއި ހަރިކޭން ބާސްކެޓް ބޯލް ކުލަބް މިރޭ ނިކުންނާނެ އެވެ.
މުބާރާތުގެ ތިން ވަނަ ސެމީގައި މިރޭ ޒުވާނުންގެ މަރުކަޒްގެ އެތެރޭ ހޯލްގައި ކުޅޭ މެޗްގައި ރެޑްލައިން ނުކުންނާނީ ފުރަތަމަ ސެމީން ބަލިވި ހަރިކޭންއާ ދެކޮޅަށެވެ. އެ މެޗުން މޮޅުވާ ޓީމެއް އަންނަ ހޮނިހިރު ދުވަހު ކުޅޭ ފައިނަލުގައި ބައްދަލުކުރާނީ ޓީރެކްސްއާ އެވެ.
ޓީރެކްސް ފައިނަލްގެ ފުރަތަމަ ޖާގަ ހޯދީ ސެމީ ފައިނަލުގެ ފުރަތަމަ މެޗުން ހަރިކޭން ބާސްކެޓްބޯލް ކްލަބް ބަލިކުރުމަށް ފަހުގައެވެ. އެ މެޗްގައި ހަރިކޭންގެ މައްޗަށް ޓީރެކްސް ކުރި ހޯދީ 79-64 ޕޮއިންޓުންނެވެ. މެޗުގެ މޮޅު ކުޅުންތެރިއާގެ މަގާމް ލިބުނީ ހަރިކޭން އަށް 24 ޕޮއިންޓް ހޯދައިދިން އަލެކްސަންޑަ ކަލަންޖް އެވެ.
މި ދެ ޓީމު ވަނީ މިދިޔަ އާދިއްތަ ދުވަހު ގައުމީ ބާސްކެޓްބޯޅަ ލީގުގައި ބައްދަލުކޮށްފަ އެވެ. އެ މެޗު 71-89 ޕޮއިންޓުން ކާމިޔާބުކޮށް ލީގު ޗެމްޕިއަންކަން ހޯދީ ޓީރެކްސް އެވެ.
ސެމީ ފައިނަލު ދެ ވަނަ މެޗުން ރެޑްލައިން ކްލަބް ވަނީ 77-54 އިން ދިވެހި ސިފައިންގެ ކްލަބް ބަލިކޮށްފައެވެ. މެޗުގެ މޮޅު ކުޅުންތެރިއާގެ މަގާމް ހޯދީ ރެޑްލައިނަށް 17 ޕޮއިންޓް ހޯދައިދިން ނެނަދް ޖޮވިޗިޗެވެ.
ގައުމީ މުބާރަތުގެ ފައިނަލް ކުޅުމަށް ހަމަޖެހިފައިވަނީ އަންނަ ހޮނިހިރު ދުވަހު ޒުވާނުންގެ މަރުކަޒް އެތެރޭ ކޯޓުގައެވެ.