29 Oct 2015, 13:54
ކެެޕިޓަލް ވަން ކަޕްގައި ރޭ ލިވަޕޫލްއާއި މެންޗްސްޓާ ސިޓީ ކުޅުނު މެޗްތައް ކާމިޔާބް ކޮށް މުބާރާތުގެ ކުއާޓާފައިނަލުން އެ ދެ ޓީމް ޖާގަހޯދިއިރު މެންޗްސްޓާ ޔުނައިޓެޑް ކުޅުނު މެޗުން ބަލިވެ އެ ޓީމް ކަޓައިފި އެވެ.
ލިވަޕޫލް އަމިއްލަ ދަނޑުގައި ބޯންމައުތާ ދެކޮޅަށް ކުޅެ 0-1 އިން މޮޅުވިއިރު ސިޓީ ވަނީ ރޭ ކުޅުނު މެޗުން 5-1 އިން ކްރިސްޓަލް ޕެލަސް ބަލިކޮށްފައެވެ. ޔުނައިޓެޑް ކެޓީ އަމިއްލަ ދަނޑުގައި ޕެނަލްޓީ ޖަހައިގެން މިޑްލްސްބަރާ އަތުން 3-1 އިން ބަލިވެގެންނެވެ.
މެޗް ފެށިގެން ރަނގަޅު ކުޅުމެއް ދައްކަމުން އައި ލިވަޕޫލް ހާސްކަމެއްގެ ތެރެއަށް ވައްޓާލީ ހަތަރު ވަނަ މިނެޓްގައި އެ ޓީމްގެ ޑިފެންޑަރު އެލެން އަތުން ބޯޅަ ހޯދުމަށްފަހު ބޯންމައުތުގެ ސްޓެނިސަލްސް ގޯލްއެރިއާތެރޭގައި ހުރެ ފޮނުވާލި ނުރައްކާތެރިހަމަލާއިން ނެވެ. ނަމަވެސް އެ މެޗްގައި މޮޅު ކުޅުމެއް ދެއްކި ލިވަޕޫލްގެ ކީޕަރު އެޑަމް ބޮގްޑަން ވަނީ އެ ހަމަލާ ފައިން ދިފާއު ކޮށްފައެވެ.

ސިޓީން ޖެހި ފަސް ލަނޑުގެ ތެރެއިން ފަހު ލަޑު އޮލެންސޯ ކާމިޔާބް ކުރުމަށްފަހު އުފާ ފާޅު ކުރަނީ --- ފޮޓޯ:އޭޕީ
ލިވަޕޫލްގެ ގޯލް 17 ވަނަ މިނެޓްގައި ކަމިޔާބު ކުރީ އެ ޓިމުގެ ޑިފެންޑަރު ނަޝާނިއަލް ކްލޮއިން އެވެ. ލަޗެސް ފުންނާބުން ޖައްސާލި ބޯޅަ ބޯންމައުތުގެ ކީޕަރު ގެ ބޯމަތިން ފޮނުވާލުމުން އެ ޓީމްގެ ސްމިތު ސާފުކޮށްލި ވަގުތު ރީބައުންސަށް ނުކުތް ބޯޅަ ލިވަޕޫލްގެ ކްލޮއިން ވަނީ ގޯލްގެ ތެރެއަށް ފޮނުވާލާފައެވެ.
މެޗައް ފަހު ވާހަކަ ދައްކަމުން ލިވަޕޫލްގެ ކޯޗް ކްލޮޕް ބުނީ ކުރިން ކުޅުނު ތިންމެޗުން އެއްވަރުވުމަށް ވުރެން މި މެޗުން މޮޅުވުމުން އުފާވާ ކަމަށާއި ކުރީގެ މެޗްތަކުގައިވެސް އޭނާގެ ޓީމްގެ ފަރާތުން ރަނގަޅު ކުޅުމެއް ފެނިފައިވާ ކަމަށެވެ.
"އަހަރެމެން މި މެޗަށް މި ނިކުތީ ވަރަށް ކުޑަ ވަގުތުކޮޅެއްގެ ފަރިތަކުރުމަކަށް ފަހު. މި ޓީމާއި އެކީ މި ސިސްޓަމަށް ކުޅެލަން ގަޑިއެއްހާއިރުގެ ފަރިތަކުރުމަކަށް ބަލާފަ އަހަރެން ވަރަށް ހިތްހަމަ ޖެހޭ މި ލިބުނު ނަތީޖާއާ ދޭތެރޭގައި،" ކްލޮޕް ބުންޏެވެ.
ސިޓީގެ ދަނޑުގައި ކުޅުނު އެ މެޗުގައި އެޓީމުގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެން ދިޔައިރު، މެޗުގެ 22 ވަނަ މިނެޓްގައި، ވިލްފްރެޑް ބޮނީ ވަނީ އެޓީމަށް ލީޑުނަގައިދީފައެވެ. އަދި ފުރަތަމަ ހާފް ނިމުމުގެ ކުރިން، ކެވިން ޑި ބްރޫން ވަނީ އެޓީމުގެ ދެވަނަ ގޯލް ކާމިޔާބުކޮށްދީފައެވެ. ސިޓީގެ ތިންވަނަ ގޯލް، 59 ވަނަ މިނެޓްގައި ޒުވާން ފޯވާޑް އިހެނާޗިއޯ ކާމިޔާބުކޮށްދިންއިރު، ސިޓީގެ ހަތަރުވަނަ ގޯލް މެޗުގެ 76 ވަނަ މިނެޓްގައި ލިބުނު ޕެނަލްޓީއަކުން ކާމިޔާބުކޮށްދިނީ، ޔާޔާ ޓޫރޭއެވެ.
ސިޓީގެ ފަސްވަނަ ގޯލް މެޗުގެ 90 ވަނަ މިނެޓްގައި އޮލޮންސޯ ކާމިޔާބުކޮށްދިންއިރު، ޕެލެސްގެ ހަމައެކަނި ގޯލް މި މެޗުގައި ކާމިޔާބުކޮށްދިނީ، ޑިލޭނީ އެވެ.
މުބާރާތުގެ ކުއާޓާފައިނަލްގައި، ސިޓީ ބައްދަލުކުރާނީ އަމިއްލަ ދަނޑުގައި ހަލް ސިޓީއާއެވެ.

މެންޔޫގެ މާޝަލް ރޭ މިޑިލްސްބަރާއާ ދެ ކޮޅަށް ކުޅުނު މެޗްގައި އެ ޓީމްގެ ގޯލަށް ހަމަލާއެއް ފޮނުވާލަނީ --- ފޮޓޯ: އޭޕީ
މި މުބާރާތުން މެންޗެސްޓަރ ޔުނައިޓެޑް ކެޓީ، މިޑިލްސްބަރާއާ ބައްދަލުކުރި މެޗުން ޕެނަލްޓީގައި 1-3 ގެ ނަތީޖާއިން ބަލިވުމާ ގުޅިގެންނެވެ. ޔުނައިޓެޑުން ފޮނުވާލި ހަތަރު ޕެނަލްޓީގެ ތެރެއިން އެޓީމަށް ކާމިޔާބުކުރެވުނީ އެންމެ ޕެނަލްޓީ އެކެވެ.
ވޭން ރޫނީ އާއި އެޝްލީ ޔަންގް އަދި މައިކަލް ކެރިކަށް ޕެނަލްޓީ ކާމިޔާބު ކުރެވިފައި ނުވެ އެވެ. އެޓީމުން ޕެނަލްޓީ ކާމިޔާބު ކުރެވުނު ހަމައެކަނި ކުޅުންތެރިއަކީ ޒުވާން މިޑްފީލްޑަރު އަންޑްރެއަސް ފެރޭރާ އެވެ.
މިޑްލްސްބަރާ އިން ވަނީ ހަތަރު ޕެނަލްޓީގެ ތެރެއިން ތިން ޕެނަލްޓީ ވައްދާލައިފަ އެވެ. ގްލެން ލެޑްބިޓާ އާއި ސްޓެވާޓް ޑައުނިން އަދި ޑަރޮން ގިބްސަންގެ ޕެނަލްޓީ ވަނީ ކާމިޔާބު ކޮށްފައެވެ. އެހެން ނަމަވެސް ޑޭވިޑް ނިއުޖެންޓް ޖެހި ޕެނަލްޓީ ކާމިޔާބު ނުވި އެވެ.