20 Apr 2010, 16:21
19:00
އައިސްލެންޑްގެ އަލިފާން ފަރުބަދައެއް ގޮވުމާ ގުޅިގެން ޖައްވުގައި އުފެދުނު ކަޅުދުމާއި އަޅީގެ ސަބަބުން ޔޫރަޕްގެ ފްލައިޓްތައް ހުއްޓިފައި އޮތުމަށްފަހު ފެށިތާ މާގިނަ އިރުތަކެއްނުވެ އަނެއްކާ ވެސް އެ އަލިފާން ފަރުބަދަ ގޮވައިފި އެވެ.
އައިސްލެންޑްގައި ހަރަކާތްތެރިވާ އަލްޖަޒީރާގެ ނޫސްވެރިޔަކު ބުނެފައި ވަނީ ޔޫރަޕްގެ ގިނަ އެއާޕޯޓްތައް އަލުން ހުޅުވައި ބައެއް ފްލައިޓްތައް އޮޕަރޭޓްކުރަން ފެށިތާ މާގިނަ އިރުތަކެއްނުވެ އެ އަލިފާން ފަރުބަދަ ގޮވައި ކަޅުދުމުގެ ވިލާގަނޑެއް އަނެއްކާ ވެސް އުފެދިފައިވާ ކަމަށާއި އެވިލާގަނޑު އެގައުމުގެ އިރުދެކުނުން އިނގިރޭސިވިލާތާ ދިމާއަށް މިސްރާބު ޖަހާފައިވާ ކަމަށެވެ.
މިކަމާ ގުޅިގެން އިނގިރޭސިވިލާތުގެ ޓްރާންސްޕޯޓް އޮފިޝަލުން ބުނެފައި ވަނީ ވެރިރަށް ލަންޑަންގެ އެއާޕޯޓްތައް އިތުރު ދުވަހަކަށް ބަންދުކުރަން ޖެހިދާނެ ކަމަށާއި ނަމަވެސް އެގައުމުގެ އުތުރުގައި ގިނަ ފްލައިޓްތައް އޮޕަރޭޓްކުރެވިދާނެ ކަމަށެވެ.
ނަމަވެސް ލަންޑަންގެ އެއާޕޯޓްތަކުގައި ތިބި ގިނަ ބަޔަކު ވަނީ މިކަންތަކާ ބެހޭގޮތުން ރަނގަޅަށް މައުލޫމާތު ލިބެމުން ނުދާ ކަމަށް ބުނެ ޝަކުވާ ކޮށްފަ އެވެ. އަދި މިކަމުގެ ސަބަބުން ވާނުވާއެއް ނޭނގި އެތައް އިރެއްވަންދެން އެއާޕޯޓްގައި މަޑުކުރަންޖެހޭ ކަމަށް ވެސް އެމީހުން ބުނެ އެވެ.
ބަންދުކޮށްފައި ހުންނަތާ ތިން ދުވަސް ފަހުން ޔޫރަޕްގެ ގިނަ އެއާޕޯޓްތައް މިހާރު ވަނީ ހުޅުވާފަ އެވެ. ނަމަވެސް ދުވާލެއްގެ މައްޗަށް އާންމުކޮށް ފުރާ ފްލައިޓްތަކުގެ ތެރޭން ގާތްގަނޑަކަށް ތިންބައިކުޅަ ދެބައި ފްލައިޓްތައް އަދިވެސް އޮޕަރޭޓްކުރަން ފަށައިފައެއްނުވެ އެވެ.