ފަސް ރަށެއްގެ ނަރުދަމާ ނިޒާމު ޑިޒައިން ކުރުމާއި އަމަލީ މަސައްކަތް، މޮނީޓާކުރުމުގެ މަސައްކަތް މިއަދު ބަޔަކާ ހަވާލުކޮށްފި އެވެ.

ހދ. ނޮޅިވަރަމްފަރާއި ޅ. ނައިފަރާއި ކ. ތުލުސްދު އާއި އެ އަތޮޅު ހިންމަފުއްޓާއި ތ. ވޭމަންޑޫގެ ނަރުދަމާ ޑިޒައިން ކުރުމާއި އަމަލީ މަސައްކަތް މޮނީޓާ ކުރުމަށް ހަވާލުކޮށްފައި ވަނީ ރިޔަން ޕްރައިވެޓް ލިމިޓެޑާ އެވެ.

އެންވަޔަރަމަންޓް މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އެ މަސައްކަތް ރިޔަން ކުންފުންޏާ ހަވާލު ކުރެއްވީ އެންވަޔަރަމަންޓް މިނިސްޓަރު ތޯރިގް އިބްރާހިމާއި ސްޓޭޓް މިނިސްޓަރު އަބްދުލް މަތީން މުހައްމަދެވެ.

އެ ނިސްޓްރީ އިން ބުނީ އެ ފަސް ރަށުގެ ނަރުދަމާ ނިޒާމްގެ އަމަލީ މަސައްކަތާއި ޑިޒައިން ކުރުމުގެ މަސައްކަތް ރިޔަން ކުންފުންޏާ ހަވާލު ކުރީ މަސައްކަތުގެ ތަޖުރިބާ އާއި ހުށަހަޅާފައިވާ އަގަށް ބެލުމަށް ފަހު ކަމަށެވެ. އެ މަސައްކަތް އެ ކުންފުންޏާ ހަވާލުކުރީ 15.36 މިލިއަން ރުފިޔާ އަށް ކަމަށް ވެސް އެ މިނިސްޓްރީ އިން ބުންޏެވެ.

ފަސް ރަށުގެ ނަރުދަމާ ނިޒާމުގެ ޑިޒައިން މަސައްކަތް ރިޔަން ކުންފުންޏާ، މިނިސްޓަރު ތޯރިގް މިއަދު ހަވާލު ކުރައްވަނީ-- ސަން ފޮޓޯ/މުއާވިޔަތު އަންވަރު

އަދި ބައިނަލްއަގުވާމީ ބީލަމުގެ ތެރެއިން ހަވާލު ކުރި އެ މަސައްކަތަށް ދިވެހި ދެ ކުންފުންޏާއި ބޭރުގެ ފަސް ކުންފުންޏަކުން ކުރިމަތިލި ކަމަށް ވެސް އެ މިނިސްޓްރީ އިން ބުންޏެވެ.

އެ މަޝްރޫއު ޑިޒައިން ކުރުމުގެ މަސައްކަތް ނިމުމާ އެކު ނަރުދަމާގެ އަމަލީ މަސައްކަތް ފައްޓަވާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. މިނިސްޓްރީ އިން ބުނީ އެ މަޝްރޫއުގެ އަމަލީ މަސަކަތް ކުރުމަށް ހަމަޖެހިފައި ވަނީ އިސްލާމިކް ޑިވެލޮޕްމެންޓް ބޭންކުން ނަގާފައިވާ 231 މިލިޔަން ރުފިޔާގެ ލޯނަކުން ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ ބޭރުގެ ލޯނު އެހީގެ ދަށުން ފަސް ރަށެއްގައި ނަރުދަމާގެ ނިޒާމާއި ހަތަރު ރަށެއްގެ ފެނުގެ ނިޒާމް ގާއިމު ކުރުމަށް ސަރުކާރުން ނިންމާފައިވާ ކަމަށާއި އަދި އިތުރު ދިހަ ރަށެއްގެ ފެނުގެ ނިޒާމްގެ މަސައްކަތް ކުރިއަށް ދާއިރު އެ ހުރިހާ މަޝްރޫއުތަކަކަށް 1.5 ބިލިޔަން ރުފިޔާ ހަރަދުވާނެ ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ ސަރުކާރުން ހިންގާ ބައެއް މަޝްރޫއުތަކަށް އިދިކޮޅު ފަރާތްތަކުން ހުރަސް އަޅާ ކަމަށާއި ތަރައްގީގެ އެފަދަ މަސައްކަތްތަކަށް ހުރަސް ނޭޅުމަށް އެދިވަޑައިގަންނަވާ ކަމަށެވެ.