29 Oct 2015, 12:50
ޔޫއެން ވޯކިން ގްރޫޕް އޮން އާބިޓްރަރީ ޑިޓެޝަން އިން ކުރީގެ ރައީސް މުޙައްމަދު ނަޝީދުގެ މައްސަލައިގައި ނިންމާފައިވާ ނިންމުމާއި ދީފައިވާ ލަފަޔަށް ކަމާ ބެހޭ އިދާރާއިން އެކަށީގެންވާ ގޮތަކަށް ރިއާޔަތް ކުރަން ޖެހޭނެ ކަމަށާއި އެ އިދާރާ އަކީ ސުޕްރީމް ކޯޓް ކަމަށް ފޮރިން މިނިސްޓްރީން ބުނެފި އެވެ.
ސްރީލަންކާގައި ތިއްބަވާ ދުނިޔޭގެ ބައެއް ގައުމުތަކުގެ ޑިޕްލޮޕޭޓުންނަށް ރާއްޖޭގެ ސިޔާސީ މަޝްރަހާ ބެހޭ ގޮތުން ދުންޔާ މައުލޫމާތު ދެއްވުމަށް ފަހު ފޮރިން މިނިސްޓްރީގެ ރަސްމީ ޓްވިޓާ އެކައުންޓުން ކޮށްފައިވާ ޓްވީޓެއްގައި ބުނެފައި ވަނީ، އެކަން ވާން ޖެހޭނީ އެގޮތަށް ކަން ސަރުކާރަށް އޮޅުން ފިލާފައިވާ ކަމަށެވެ.

" ޑަބްލިއުޖީއޭޑީގެ ނިންމުމާއި ހުށަހަޅާފައިވާ ހައްލާއި މެދު ކަމާ ބެހޭ އިދާރާއިން، އެއީ ސުޕްރީމް ކޯޓުން ރިއާޔަތް ކުރަން ޖެހޭނެ ކަމަށް ސަރުކާރަށް އޮޅުން ފިލާ،" ފޮރިން މިނިސްޓްރީގެ ޓްވީޓްގައި ވެއެވެ.
އޭގެ ކުރިން ކޮށްފައިވާ ޓްވީޓްގައި ބުނެފައި ވަނީ ޑަބްލިއުޖީއޭޑީގެ އޮޕީނިއަން، ޕްރޮސެކިއުޓާ ޖެނެރަލް ސުޕްރީމް ކޯޓަށް ފޮނުއްވާފައިވާ ކަމަށެވެ. ރައީސް ނަޝީދު ބަންދުކޮށްފައި ވަނީ ގާނޫނާ ހިލާފަށް ކަމަށާއި އެކަމަކީ ބައިނަލް އަގުވާމީ ގާނޫނުތަކާ ހިލާފަށް ކޮށްފައިވާ ކަމެއް ކަމަށް ޑަބްލިއުޖީއޭޑީ އިން ހޯދާފައިވާ ހޯދުން ސަރުކާރުން ގަބޫލު ނުކުރާ ކަމަށް ވެސް ފޮރިން މިނިސްޓްރީގެ ޓްވީޓެއްގައި ބުނެފައި ވެއެވެ.

ފޮރިން މިނިސްޓަރު ދުންޔާ ސްރީލަންކާގެ ވެރިރަށް ކޮޅުނބުގައި ތިއްބަޔާ ބައެއް ގައުމުތަކުގެ ޑިޕްލޮމޭޓުން އެއް ކުރައްވައިގެން ބައްދަލުވުމެއް ބޭއްވެވި އެވެ. އަދި އެއަށް ފަހު އިނގިރޭސިވިލާތުގެ ހައިކޮމިޝަނަރު ޖޭމްސް ޑޯރިސްއާއި އެމެރިކާގެ އެމްބެސެޑަރު އަތުލް ކެޝަޕްއާއި ޔޫރަޕިއަން ޔޫނިއަންގެ އެމްބެސެޑަރު ޑޭވިޑް ޑެލީއާއި ވަކި ވަކިން ބައްލުކުރެއްވި އެވެ. އެބައްދަލުވުންތަކުގައި ފޮރިން ސެކްރެޓަރީ ޑރ. ޢަލީ ނަސީރު މުޙައްމަދާއި ސްރީލަންކާގައި ހުންނަވާ ރާއްޖޭގެ ހައިކޮމިޝަނަރު ޒާހިޔާ ޒަރީރު ބައިވެރިވަޑައިގެންނެވި އެވެ.