29 Oct 2015, 13:33
ތަހުގީގަށް ޖަލަށްލާފައިވާ ލީބިޔާގެ ކުރީގެ ރައީސް މުއައްމަރުލް ގައްޒާފީގެ ދަރިކަލުން ސާދީ ގައްޒާފީއާ މެދު އަމަލުކުރަމުންދާ ގޮތާމެދު ހިއުމަން ރައިޓްސް ވޮޗުން ކަންބޮޑުވުންފާޅުކޮށްފި އެވެ.
ލީބިޔާގައި ހުންނަ ހިއުމަންރައިޓްސް ވޮޗުގެ ރިސާޗަރެއް ކަމަށްވާ ހަނާން ސަލާހް އިއްޔެ ވިދާޅުވީ، ސާދީ ގައްޒާފީއަށް ޖިސްމާނީ އަދި ނަފްސާނީގޮތުން އަނިޔާލިބިފައިވާ ކަމަށާއި އެކަމާ މެދު އެ ޖަމާއަތުން ކަންބޮޑުވާކަމަށެވެ.
"އެހެން ގައިދީއަކަށް ވެސް ނުފެންނަ ގޮތަށް އަދި އެއްވެސް މީހަކާވެސް ބައްދަލު ނުކުރެވި ދޮޅުއަހަރު ވެފައި ވުމުން ސާދީ ގައްޒާފީ އަށް ޖިސްމާނީ އަދި ނަފްސާނީ ގޮތުން ލިބިފައި ވާނެ ގެއްލުމާ މެދު މި ޖަމިއްޔާއިން ކަންބޮޑުވޭ،" ސާދީ ގައްޒާފީއާ މި އަހަރުގެ ސެޕްޓެމްބަރު މަހު ޖަލުން ބައްދަލު ކޮށްފައިވާ ހިއުމަންރައިޓްސް ވޮޗުގެ ރިސާޗަރު ސަލާހު ރަޝިއާ ޓުޑޭއަށް ކިޔައިދިނެވެ.
ސަލާހު ވަނީ ލީބިޔާގެ ޖަލުގައި ފުލުހުން ސުވާލުކުރުމަށް ބޭނުން ކުރަމުންދާ ކަމަށް ބުނާ ލާއިންސާނީ އުކުޅުތައް ވެސް ކުށްވެރި ކޮށްފައެވެ.
"ޖަލުގެ ފުލުހުން ވަނީ ގަދަ ބާރު ދައްކައިގެން ކުށްތަކަށް އިއުތިރާފު ހޯދުމަށް މަސައްކަތް ކޮށްފައި،" ސަލާހް ވިދާޅުވި އެވެ.
އެ ޖަލުގައި ހައްޔަރު ކޮށްފައިތިބި ގައްޒާފީގެ ސަރުކާރުގެ އިސްވެރިންގެ ތެރޭގައި، އޭރުގެ މިލިޓަރީ އިންޓެލިޖެންސް ޗީފް އަބްދުﷲ ސަނޫސީ އާއި ކުރީގެ ވަޒީރުން ކަމަށްވާ އަބޫ ޒައިދު ޑޮރްދާ އާއި އަލް ބަގްދާދީ އަލް މަހްމޫދީ ހިމެނެ އެވެ.
"ހުކުމެއް ކުރާ އިރު ސުޕްރީމު ކޯޓުން ބަލަންޖެހޭނެ ކުށްވެރިންނަށް ޖަލުން ކޮށްފައިވާ ކަމަށް ބުނާ އަނިޔާތަކަށް ވެސް. އަދި ސާދީ ގައްޒާފީގެ ހުރިހާ ހައްގެއް އޭނާ އަށް ލިބޭތޯ ކޯޓުން ޔަގީން ކުރަން ޖެހޭނެ،" މެދު އިރުމައްޗާއި އުތުރު އެފްރިކާއަށް ކަނޑައަޅާފައިވާ ހިއުމަންރައިޓްސް ވޮޗުގެ ޑިރެކްޓަރު ސާރާ ލިއާ ވިޓްސަން ވިދާޅުވި އެވެ.
ސާދީ ގައްޒާފީއަށް ޖަލުތެރޭގައި އަނިޔާ ކުރާތަން ފެންނަ ވީޑިއޯ އެއް މިދިޔަ އޮގަސްޓު މަހު ވަނީ އާންމުވެފައެވެ. އެ ވީޑިއޯގައި ފެންނަނީ އޭނާ އާ ސުވާލު ކުރާއިރު އަނިޔާކުރާނެ ކަމުގެ އިންޒާރު ދޭތަނެވެ.
ގައްޒާފީގެ އަނބިކަނބަލުން ސާފިއާ ފަރްކާޝް ވެސް ވަނީ ދަރިކަލުން ސާދީ އަށް ކުރާ އަނިޔާ ކުށްވެރި ކުރައްވައިފައެވެ. އަދި ޔޫއެން އާއި ޓްރިޕޮލީގެ އޮފިޝަލުން އަނިޔާކުރާ ފަރާތްތަކާ މެދު ފިޔަވަޅުއަޅާފައި ނުވާތީ އެކަމަށް އޭނާ ވަނީ ފާޑުކިޔައިފައެވެ.
ސާދީއަކީ ގައްޒާފީގެ ތިން ވަނަ ދަރިކަލުންނެވެ. މަދަނީ ހަނގުރާމައިގެ ކުރިން އޭނާ އަކީ ފުޓުބޯޅަ ކުޅުންތެރި އެކެވެ. އަދި ހަނގުރާމައިގައި ހުންނެވީ ލީބިޔާގެ ސްޕެޝަލް ފޯސަސްގެ ކޮމާންޑަރެއްގެ ގޮތުގައެވެ. އޭނާ ހައްޔަރު ކޮށްފައިވަނީ ފުޓްބޯޅަ ކުޅުންތެރިއެއް މަރާލުމުގެ ތުހުމަތުގަ އާއި ހަނގުރާމައިގެ ޖަރީމާތައް ހިންގުމުގެ ތުހުމަތުގައެވެ.
މީގެ ހަތަރު އަހަރުކުރިން ގައްޒާފީ އަވަހާރަކޮށްލާފައި ވަނީ އޭރުގެ ސަކާރާ އިދިކޮޅު ފަރާތްތަކުން ދިން ބަޑީގެ ހަމަލާތަކެއްގައެވެ.