29 Oct 2015, 12:15
ސަން ސިޔާމްގެ ވިލުރީފް ބީޗު އެންޑް ސްޕާ ރިޒޯޓް ފަސް ތަރީގެ ރިސޯޓަކަށް ބަދަލުކޮށް، "ސަން އަކުއާ ވިލުރީފް" އަށް ރީބްރޭންޑުކޮށްފިއެވެ.
ވިލުރީފް ރީބްރޭންޑް ކުރުމަށް މި ރިސޯޓުގައި ރޭ ބޭއްވި ޚާއްސަ ހަފްލާ ޝަރަފުވެރި ކޮށްދެއްވީ ސަން ސިޔާމް ގުރޫޕުގެ ޗެއާމަން އަދި މެނޭޖިންގް ޑައިރެކްޓަރު އަހުމަދު ސިޔާމް މުހައްމަދެވެ.
ރޭގެ ހަފުލާގައި ވާހަކަފުޅު ދައްކަވަމުން ސިޔާމް ވިދާޅުވީ ސަން އެކުއާ އަށް ބަދަލުކުރުމުގެ ކުރިން ވިލުރީފުގެ ގޮތުގައި އޮތް އެ ރިޒޯޓަކީ އެމަނިކުފާނުގެ ފުރަތަމަ ރިޒޯޓުކަމަށާއި 1998 ވަނަ އަހަރު މި ރިސޯޓު ހުޅުވީ އެންމެ އަށް މަސް ދުވަހުގެ ތެރޭގައި ކަމަށެވެ. އަދި ރިސޯޓު ހުޅުވައިގެން ޖެހިޖެހިގެން އެތައް އަހަރެއް ވަންދެން ބެސްޓް އޮކިޔުޕެންސީ ރިސޯޓު އެވޯޑް އޭރު ވިލުރީފުން ހޯދިކަން ސިޔާމް ފާހަގަކުރެއްވި އެވެ.
ވިލުރީފް ރީބްރޭންޑް ކުރުމަށް ރޭ ބޭއްވި ޚާއްސަ ހަފުލާގެ ތެރެއިން --- ސަން ފޮޓޯ އަހުމަދު ޖައިޝަން
ސިޔާމް ވިދާޅުވީ ކުރިޔަށް އޮތް ތަނުގައި އެ ގުރޫޕުގެ އިތުރު ޕްރޮޕަޓީތައް ވެސް ސަން އަކުއާ ބްރޭންޑަށް ބަދަލުކުރައްވަމުން ގެންދަވާނެ ކަމަށެވެ.
"އެގޮތުން މާލެ ކައިރީގައި އޮންނަ އަޅުގަނޑުގެ އޮޅުވެލި ބީޗް އެންޑް ސްޕާ ރިސޯޓު ވެސް ވަރަށް ކަައިރި މުސްތަގުބަލެއްގައި ސަން އަކުއާ ބްރޭންޑަށް ބަދަލުކުރެވިގެން ދާނެ،" ސިޔާމް ވިދާޅުވިއެވެ.
ސިޔާމްގެ ވާހަކަފުޅުގައި އޭނާ ވަނީ ޓޫރިޒަމްގެ ތެރެއިން ލިބޭ ކުރިއެރުމާއި މަންފާއިން ގައުމީ ތަރައްގީ އާއި އިޖުތިމާއީ ކަންކަމަށް ހޭދަކުރެއްވުމުގެ މުހިންމު ކަމަށް އަލިއަޅުއްވައިލައްވައި ވާހަކަފުޅު ދައްކަވައިފަ އެވެ. އެ ގޮތުން މި ވިޔަފާރިން ލިބޭ ތަރައްގީން ގައުމީ ތަރއްގީ އާއި މުޖުތަމައުގެ ހެވާއި ލާބައަށް ހޭދަކުރެއްވުމަކީ ޚާއްސަ އުފާފުޅެއް ލިބިވަޑައިގަންނަވާ ކަމެއް ކަމަށް ސިޔާމް ވިދާޅުވި އެވެ.
"ހަމަމިއާ އެކު އަޅުގަނޑުމެންގެ ރިސޯޓުތަކަށް މި އަންނަ ޓޫރިސްޓުން ރާއްޖޭގެ ރަށްރަށް ޒިޔާރަތްކޮށް ރަށްފުށުގެ ދިރިއުޅުން ބަލައިލައި، އެ ރަށްރަށުގެ މީހުންނާ ބައްދަލުވުމަށް އަޅުގަނޑުމެން ހިތްވަރުދެން. ވަރަށް ގިނަ ގޮތްގޮތުން ބަލާ އިރު އެއީ މުހިންމު ކަމެއް ކަމަށް އަޅުގަނޑު ދެކެން،" ސިޔާމް ވިދާޅުވި އެވެ.
ރޭގެ ހަފުލާގައި ސަން އަކުއާ ވިލުރީފުގެ ޖެނެރަލް މެނޭޖަރު މުހައްމަދު ހިލްމީ ވާހަކަދައްކަވަނީ --- ސަން ފޮޓޯ އިސްބާހް އިސްމާއީލް
ރޭގެ ހަފްލާގައި ވާހަކަފުޅު ދައްކަވަމުން ސަން އެކުއާ ވިލުރީފުގެ ޖެނެރަލް މެނޭޖަރު މުހައްމަދު ހިލްމީ ވިދާޅުވީ ވިލުރީފް ރީބްރޭންޑު ކުރުމާއެކު ރިޒޯޓުގެ ފެންވަރު ވެސް ރަނގަޅުކޮށް ހިދުމަތްތައްވެސް ފުޅާކޮށްފައިވާ ކަމަށެވެ.
އެގޮތުން ރިޒޯޓުގައި ހުރި ހުރިހާ ވިލާތަކެއް މަރާމާތުކޮށް އާކޮށްފައިވާ ކަމަށާއި ވިލާތަކުގައި ޕޫލްތައް ގާއިމްކޮށްފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ. އޭގެއިތުރުން ކިޑްސް ކްލަބެއް ވެސް ރިޒޯޓުގައި ގާއިމުކޮށްފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.
ރިޒޯޓު ރީބްރޭންޑު ކުރުމާއެކު އެންމެ ބޮޑު ބަދަލަކަށް ފެނިގެންދާނީ އަލަށް ގާއިމުކޮށްފައިވާ ފުރިހަމަ "ހޮލިސްޓިކް" ސްޕާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
ސަން އެކުއާ ވިލުރީފް އަކީ ސިޔާމް ގެ އަމިއްލަފުޅު ބްރޭންޑެއްގެ ގޮތުގައި ތައާރަފުކުރެއްވި އަކީ ސަން އެކުއާ ބްރޭންޑުގެ ދަށުންް ހުޅުވި ދެވަނަ ރިޒޯޓެވެ. އެގޮތުން ސަން އެކުއާ ބްރޭންޑުގެ ފުރަތަމަ ޕްރޮޕަޓީއަކީ ސްރީލަންކާގައި ހުޅުވާފައިވާ ސަން އެކުއާ ޕާސިކޫޑާ އެވެ.
ރޭގެ ހަފުލާގައި ސިޔާމް ވަނީ، ސަން އަކުއާ ވިލުރީފް ރީބްރޭންޑް ކުރުމަށް ބޭއްވި ހަފުލާގެ މަސައްކަތާއި ރިސޯޓު ފަސް ތަރީގެ ހޮޓަލަކަށް އަޕްގްރޭޑް ކުރުމަށް ކުރެވިގެން ފިޔަ ބުރަ މަސައްކަތް ފާހަގަކޮށް އެ ކަމުގައި ޝާމިލުވި ހުރިހާ މުވައްޒަފުންނަށް ޚާއްސަ ޝުކުރެއް އަދާކުރައްވައިފަ އެވެ. އަދި މި ހަފުލާ އިންތިޒާމު ކުރުމާއި ސަން އަކުއާ ބްރޭންޑް ޕްރޮމޯޓު ކުރުމަށް ކޮށްފައިވާ ކާމިޔާބު މަސައްކަތްތަކަށް ޓަކައި މާކެޓިން ޓީމަށް ވެސް ސިޔާމް ޝުކުރު އަދާކުރެއްވި އެވެ.