29 Oct 2015, 12:18
ތަހުގީގަށް ބަންދުކޮށްފައި ތިބޭ މީހުންނާއި ޖަލުގައި ހުކުމް ތަންފީޒު ކުރަމުންދާ މީހުންނާ އެއް މަސް ވަންދެން ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ގާނޫނީ ވަކީލު ހަސަން ލަތީފަށް ބައްދަލު ނުކުރެވޭނެ ކަމަށް ހޯމް މިނިސްޓްރީން އެންގުމުން އެ މައްސަލަ ހިއުމަން ރައިޓުސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރްސީއެމް) އަށް ހުށަހަޅައިފި އެވެ.
އެމްޑީޕީން މިއަދު ބުނީ އެ މައްސަލަ ސިޓީއަކުން މިހާރު އެޗްއާރުސީއެމަށް ހުށަހަޅާފައިވާ ކަމަށެވެ. އެމްޑީޕީން ބުނީ ގާނޫނީ ވަކީލެއްގެ އެހީތެރިކަން ހޯދުމަކީ ގާނޫނު އަސާސީން ކޮންމެ މީހަކަށް ވެސް ލިބިދީފައިވާ ހައްގެއް ކަމަށެވެ. ހަމައެއާ އެކު ގާނޫނީ ވަކީލެއްގެ ހައިސިއްޔަތުން މަސައްކަތް ކުރުމަކީ ވެސް ގާނޫނު އަސާސީގެ ދަށުން ކޮންމެ މީހަކަށް ވެސް ލިބިދީފައިވާ ހައްގެއް ކަމަށް ވެސް އެމްޑީޕީން ބުންޏެވެ.
ޖަލުގައި ތިބޭ މީހުންނާ އެއްމަސް ވަންދެން ހަސަން ލަތީފަށް ބައްދަލުނުކުރެވޭނެ ކަމަށް ބުނެ ހޯމް މިނިސްޓަރު އުމަރު ސޮއިކުރައްވާ ހަސަން ލަތީފަށް ސިޓީފުޅެއް ފޮނުއްވީ މިދިޔަ ހޯމަ ދުވަހު އެވެ. ހަސަން ލަތީފަށް ފޮނުއްވި ސިޓީގައި ވަނީ ޖަލުގައި ހުކުމް ތަންފީޒު ކުރަމުން އަންނަ މީހުންނާ ބައްދަލުކުރުމުގެ ފުރުސަތު ދެނީ ޖަލުތަކާއި ޕެރޯލް ގާނޫނުގެ 88 ވަނަ މާއްދާގައިވާ ގޮތުގެމަތިން ކަމަށެވެ.
އެ މާއްދާގައިވާ ގޮތުން އެ ފުރުސަތު ދޭންޖެހެނީ ކޯޓުގައި ހިނގަމުންދާ މައްސަލައަކާ ގުޅިގެން ހުކުމް ތަންފީޒުކުރާ ފަރާތުގެ ގާނޫނީ ވަކީލުގެ ހައިސިއްޔަތުން ކަމަށް އެ ސިޓީގައިވެ އެވެ.
ރައީސް ނަޝީދުގެ ގާނޫނީ ވަކީލެއްގެ ހައިސިއްޔަތުން އެމަނިކުފާނާ ބައްދަލުކުރުމުގެ ފުރުސަތު އެތައް ދުވަހަކު ހަސަން ލަތީފަށް ދީފައިވާ ކަމަށާއި ނަމަވެސް އެ ބައްދަލުވުންތަކަށް ފަހު މައްސަލައާ ގުޅުން ނެތް ސިޔާސީ ވާހަކަތައް ޖަލުގައި ބަންދުކޮށްފައިވާ ކުށްވެރިޔާގެ ނަމުގައި އަދި އެ ކުށްވެރިޔާ އެދޭ ގޮތް ކަމަށް ވިދާޅުވެ ބައެއް ވާހަކަތައް އޭނާ ސޯޝަލް މީޑިއާ މެދުވެރިކޮށް ތަކުރާރުކޮށް ރައްޔިތުންނާ ހިއްސާކޮށްފައިވާ ކަމަށް އެ ސިޓީގައިވެ އެވެ.
ސޯޝަލް މީޑިއާގައި ހަސަން ލަތީފް އާންމުކޮށްފައިވާ ވާހަކަތަކަކީ އޭގެ ސަބަބުން އާންމު މަސްލަހަތަށާއި ދައުލަތުގެ ކަރާމާތައް ގެއްލުންވާ ފަދަ ވާހަކަތަކެއް ކަމަށް ވެސް ހޯމް މިނިސްޓްރީގެ ސިޓީގައިވެ އެވެ.