ލޯ އެންޑު ޖެންޑާ މިނިސްޓުރީގެ ޑެޕިއުޓީ މިނިސްޓަރަކަށް ހުންނެވި ޑރ. ހާލާ ހަމީދު ފޮރިން މިނިސްޓުރީގެ އެމްބެސެޑާ އެޓު ލާޖުގެ މަގާމަށް ބަދަލުކޮށްފި އެވެ.

ޑރ. ހާލާ މީގެ ކުރިން ހުންނެވީ ލޯ އެންޑު ޖެންޑާގެ ސްޓޭޓު މިނިސްޓަރެއްގެ މަގާމުގަ އެވެ. އޭނާގެ މަގާމު ޑެޕިއުޓީ މިނިސްޓަރަކަށް ބަދަލުކުރެއްވީ މިދިޔަ މަހުގެ ތެރޭގަ އެވެ.

ރައީސް އޮފީހުގެ ތަރުޖަމާނު އިބުރާހިމު މުއާޒު އަލީ މިއަދު "ސަން" އަށް ވިދާޅުވީ ޑރ. ހާލާ ފޮރިން މިނިސްޓްރީގެ އެމްބެސެޑާ އެޓު ލާޖުގެ މަގާމަށް ބަދަލު ކުރެއްވީ އިދާރީ ބަދަލެއްގެ ތެރެއިން ކަމަށެވެ. އަދި އޭނާ އެމްބެސެޑާ އެޓް ލާޖުގެ މަގާމަށް ބަދަލުކުރީ ސްޓޭޓު މިނިސްޓަރެއްގެ ފެންވަރުގައި ކަމަށް ވެސް މުއާޒު ވިދާޅުވި އެވެ.

"އެބޭފުޅަކު އެތަނަކަށް އެ ވަޑައިގަންނަވާ ބޭނުން ނުވަތަ ހާރިޖިއްޔާގެ ތެރޭގައި ހާރިޖީ މަސައްކަތްޕުޅުގެ ތެރޭގައި މިހުންނަވާ ބޭނުން މިއޮންނަނީ ބިނާވެފައި އެ ހާރިޖީގެ ތެރެއިން އަންނަ ސުޓޭޓަސްއަކަށް އިނގޭތޯ. އެގޮތަށް ބަދަލުވެފައި އޮތް އިދާރީ ބަދަލެކޭ މިއީ މި ވިދާޅުވަނީ،" މުއާޒު ވިދާޅުވި އެވެ.

ހާލާ އަކީ ރައީސް އަބްދުﷲ ޔާމީންގެ އެއްބަފާ ބޭބެ އަބްދުﷲ ހަމީދުގެ ދަރިކަނބަލެކެވެ.

ޑރ. ހާލާ ހަމީދު މީގެ ކުރިން ވަނީ ޕޮލިސް އިންޓަގުރިޓީ ކޮމިޝަންގެ މެމްބަރުކަން ވެސް އަދާކުރައްވައިފަ އެވެ.