29 Oct 2015, 11:08
ސްޕެނިޝް ކޮޕަ ޑެލްރޭ ނުވަތަ ސްޕެނިޝް ކަޕްގައި ވިޔަނޮވެންސޭއިން، ރިޒާވް ޓީމާއެކު ނިކުތް ބާސެލޯނާއަށް ލަނޑެއް ޖެހިޔަ ނުދީ މެޗް އެއްވަރުކޮށް ބާސާ ހިފަހައްޓައިފި އެވެ.
ވިޔަނޮވެންސޭގެ ދަނޑު ރޮމޭރޯ ކްއެރިޑޯގައި ކުޅުނު މެޗަށް ބާސާގެ ކޯޗް ލުއިސް އެންރީކޭ ނިކުތީ އާންމުކޮށް ފުރަތަމަ 11 ގައި ހިމެނޭ އެއްވެސް ކުޅުންތެރިޔަކު ނުހިމަނައެވެ. އެގޮތުން ގޯލްގައި ތިން ވަނަ ކީޕަރު ޖޯޑީ މާސިޕް ހުރިއިރު އޭނާގެ ކުރިމަތިން ދިފާއުގައި ހަރަކާތްތެރިވީ ޑަގްލަސް ޕެރޭރާއާއި މާކް ބަރުޓްރާއާއި ތޯމަސް ވާމެލެން ޖެރުމީ މެތިއުއެވެ.
މިޑްފީލްޑް ލައިންގައި ހިމަނާފައިވަނީ ބާސެލޯނާގެ ބީ ޓީމްގައި ހިމެނޭ ކުޅުންތެރިންނެވެ.
މެޗްގައި ބާސެލޯނާ ބޯޅަ ކޮންޓްރޯލް ކޮށްގެން ކުޅުނު ނަމަވެސް ގިނަ ބަޔަކަށް ހައިރާންކަން ލިބުނީ، ވިޔަނޮވެންސޭއިން އެޓީމްގެ ދިފާއުގައި ހުރި ވަރުގަދަކަން ދައްކާލުމުންނެވެ.
މެޗް ފެށިގެންވެސް ބޯޅަ ކޮންޓްރޯލް ކޮށްގެންގެން ކުޅެމުން ދިޔަ ބާސެލޯނާއިން ވިޔަނޮވެންސޭގެ ގޯލަށް ހަމަލާއެއް ފޮނުވާލެވުނީ މެޗްގެ ފުރަތަމަ 15 މިނެޓް ފާއިތުވި ފަހުންނެވެ.
މެޗްގެ 17 ވަނަ މިނެޓްގައި ވިޔަނޮވެންސޭގެ ޑިފެންސުގެ ލޫޕް ހޯލަކުން ތަނަވަސްވި ފުރުސަތުގައި ޖެރާޑް ގުމްބޯއޯ ކުރިއަށް ފޮނުވާލި ބާރު ޝޮޓް ދިޔައީ ގޯލާ މާ ދުރުން ބޭރަށެވެ.
މެޗްގައި ބާސާއިން އުފައްދަން މަސައްކަތް ކުރި ހަމަލާތައް ނާކާމިޔާބުކޮށްލި ވިޔަނޮވެންސޭގެ ކުޅުންތެރިން 18 ވަނަ މިނެޓްގައި ތަނަވަސް ކުރި ފުރުސަތެއްގައި އެލިއަސް ޕެރޭޒް ފޮނުވާލި ހަމަލާ ދިފާއު ކުރަން ބާސާގެ ކީޕަރު މާސިޕްއަށްވީ އުނދަގޫ ބޯޅައަކަށެވެ.
އޭގެ 13 މިނެޓްފަހުން ބާސާގެ މުނީރު އަލް ހައްދާދީ ވަނީ ނުރައްކާތެރި ބޯޅައެއް ވިޔަނޮވެންސޭގެ ގޯލަށް ފޮނުވާލަފާއެވެ. އޭނާ ފޮނުވާލި ބޯޅަ އަމާޒުވީ ހުރަސް ދަނޑިއަށެވެ.
މެޗްގެ 64 ވަނަ މިނެޓާއި 66 ވަނަ މިނެޓްގައި ބާސާގެ ސެންޑްރޯ ރަމިރޭޒް ވަނީ ވިޔަނޮވެންސޭގެ ގޯލަށް ނުރައްކާކޮށްފައެވެ. މެޗްގައި ބާސާއަށް ގޯލް ހުޅުވާ ނުލެވުމުން ކޯޗް ލުއިސް އެންރީކޭ ވަނީ ކުރީގައި ކުޅެމުން ދިޔަ ކެމަރޫންގެ ޒުވާން ކުޅުންތެރިޔާ ވިލްފްރޭޑް ޖައުރޭސްގެ ބަދަލުގައި އައިޓޯ ކަމްޓަލަޕީޑާ ކުޅެން އަރުވާފައެވެ.
މެޗްގެ ފަހު ވަގުތު ބާސާއިން ވަނީ ނަތިޖާ ބަދަލުކޮށްލުމަށްޓަކައި މަސައްކަތްކޮށްފައެވެ. ނަމަވެސް އެޓީމަށް އުފެއްދުނީ ނުރައްކާތެރި އެންމެ ހަމަލާއެކެވެ. 86 ވަނަ މިނެޓްގައި ބަރުޓްރާ ބޮލުން ފޮނުވާލި ބޯޅަވެސް އަމާޒުވީ ހުރަސް ދަނޑިއަށެވެ.
މެޗްގެ 88 ވަނަ މިނެޓްގައި އައިޓޯ ފޮނުވާލި ބޯޅަ ވިޔަނޮވެންސޭގެ ކީޕަރު ޖޯސޭ ފުއެންޓަސް ވަނީ ފަސޭހަކަމާއެކު ދިފާއުކޮށްފައެވެ.
މި މެޗަށްފަހު ބާސާ ދެން ކުރިމަތިލާނީ ސްޕެނިޝް ލީގްގައި ހޮނިހިރު ދުވަހު ގަޓޭފޭއާ ދެކޮޅަށެވެ.