ގދ. ފިޔޯރީއަށާއި އެއަތޮޅު މަޑަވެއްޔަށް އުދަ އެރުމުގެ ސަބަބުން ގެއްލުންތަކެއް ވެއްޖެ އެވެ.

ފިޔޯރީ ރަށު ކައުންސިލުން ބުނީ ދިޔަވަރު ބޮޑުވާ ވަގުތު އެރަށުގެ އިރުމަތީ ފަރާތުން އުދަ އަރާތާ މިހާރު ތިންރޭ ވެފައިވާ ކަމަށާއި 25 ގެއަކަށް އުދައިގެ އަސަރުކޮށްފައިވާ ކަމަށެވެ.

"...ބޮޑަށް ގަސް ގަހާ ގެއްސަށް ގެއްލުން ވެފައި ވަނީ. ދެން މަގުތަކުގައި ފެން ބޮޑުވެ، ހިނގައި އުޅުމަށާއި އެއްޗެތި ދުއްވަން އުނދަގޫ ވެފައި ވަނީ، " ފިޔޯރީ ކައުންސިލްގެ ރައީސް މުޙައްމަދު އަޙުމަދު ސަން އަށް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، 2009 ވަނަ އަހަރު ފިޔޯރީގެ ބަނދަރު ހެދި ފަހުން ތަކުރާރުކޮށް އުދަ އެރުމުގެ މައްސަލަ ކުރިމަތިވަމުން އަންނަ ކަމަށެވެ. އަދި އެކަމުގެ ސަބަބުން ރަށުން ބޮޑު ބައެއް ގިރާލާފައިވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

"... މިރަށުގެ ބީޗްރޯޑްގެ ގާތްގަނޑަކަށް ދެބައިކުޅަ އެއްބައި ވަނީ ގިރާލާފައި، އުދަ އެރުމުގެ މައްސަލަ ކުރިމަތިވާން ފެށި ފަހުން. އެ ސަރަހައްދުގައި އެބަ ހުރޭ 25 ގެ،" އަޙުމަދު ވިދާޅުވި އެވެ.

އުދަ އެރުމުގެ ސަބަބުން ގދ. ފިޔޯރީގެ މަގެއްގައި ފެން ބޮޑުވެފައި.

މަޑަވެލީ ކައުންސިލުން ބުނީ އެރަށަށް ވެސް އުދަ އަރަމުން އަންނަތާ މިހާރު ތިން ރޭ ވެފައިވާ ކަމަށެވެ.

މަޑަވެލި ކައުންސިލްގެ ރައީސް ޙުސައިން ޤާސިމް ސަންއަށް ވިދާޅުވީ، އެރަށުގެ އުތުރުފަރާތު ގޮނޑުދޮށުން ފެށިގެން އެއްގަމަށް ގާތްގަނޑަކަށް 1000 ފޫޓަށް އުދައިގެ އަސަރުކޮށްފައިވާ ކަމަށެވެ.

"... ގެއެއްގެ ފާރެއް ވެއްޓި އެކަހަލަ ކަމެއް އަދި ނުހިނގާ. އެހެން ނަމަވެސް ގޯތި ތެރެއަށް ލޮނުވަދެ، ގަސްގަހާގެއްސަށް ވަނީ ގެއްލުންތައް ވެފައި. ފާރުތަކަށް ވެސް ލޮނުގެ އަސަރު ކުރުމުން ގެއްލުންތައް ވާނެ. ގަސްތައް މިހާރު ވަނީ މަރުވާ އަތަށް އަޅާފައި،" ޙުސައިން ވިދާޅުވި އެވެ.

ގދ. ފިޔޯރީއަށް އުދަ އަރާފައި. ސަން ފޮޓޯ: ކިއުންތެރިއެއް

އޭނާ ވިދާޅުވީ، އެރަށުގެ ދެކުނު ފަރާތުން ވެސް އުދަ އަރާ ކަމަށާއި ރަށުގެ ދެކުނު ފަރާތުގައިވާ 10 ގެއަކަށާއި ޕްރީސްކޫލަށާއި މަސްފެކްޓްރީއަކާއި ކުނިގޮނޑަށް ލޮނުގަނޑު ވަދެފައިވާ ކަމަށެވެ.

އުދައެރުމުގެ ސަބަބުން ލިބޭ ގެއްލުން ކުޑަ ކުރުމަށް އަދި މާބޮޑު މަސައްކަތެއް ނުކުރެވޭ ކަމަށް ދެރަށުގެ ކައުންސިލުން ވެސް ބުންޏެވެ.

"... އުދަ އަރަނީ ވަރަށް ބޮޑު ސަރަހައްދަކަށް، ރަށުގެ ވަށައިގެން، އެހެންވެ، ވެލި ބަސްތާ ޖެހުން ފަދަ ކަމެއް ވެސް ކުރުމަކީ ދަތި ކަމަކަށް ވެފައި ވަނީ،" މަޑަވެލި ކައުންސިލްގެ ރައީސް ވިދާޅުވި އެވެ.

"... ރަށުގެ ޒުވާނުން އިސް ނަގައިގެން އެބަ އުޅޭ އެކަމާ. އެހެން ނަމަވެސް އެހާ ބޮޑު ސަރަހައްދެއް ހިމާޔަތް ކުރުމަކީ ދަތިކަމެއް،" ފިޔޯރީ ކައުންސިލްގެ ރައީސް ވިދާޅުވި އެވެ.