31 Mar 2011, 15:38
ރަށުގެ ތަރައްޤީ، ރަށަށް ގެނައުނައުމަށް ޓަކައި، ވެރިކަމުގެ ބާރު އެކިގޮތްގޮތަށް ރަށަށް ފޯރުކޮށްދިނުމަށް ރާވާ އިދާރީ ރޭވުންތަކެއް ހުންނަ ކަމަށާއި ނަމަވެސް އަތޮޅުވެރިކަމަކީ ލާމަރުކަޒީ އުސޫލުގައި ވެރިކަމުގެ ބާރު ފޯރުކޮށްދެވޭނެ އިންތިޒާމެއް ނޫން ކަމުގައި ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދު ވިދާޅުވި އެވެ.
ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ ށ. އަތޮޅުގެ ތިން ރަށަކަށް އިއްޔެ ފެއްޓެވި ދަތުރުފުޅުގައި ރޭ މިލަންދޫ ރައްޔިތުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައި ކަމަށް ރައީސް އޮފީހުން ބުނެ އެވެ.
ރައީސް ނަޝީދުގެ ވާހަކަފުޅުގައި ލާމަރުކަޒީ އުސޫލުން ކަންކަން ރަނގަޅަށް ހިނގަން ފެށުމުން، ޤައުމީ އިދާރާ އަށް ރަށްރަށާ ސީދާ މުއާމަލާތް ކުރުމަށް، ޤާނޫނު ވަރަށް ފަހިކޮށް ފުރުސަތުދީފައި އޮތް ނަމަވެސް އަތޮޅު ކައުންސިލެއްގެ މުހިންމުކަން އަބަދުވެސް ލާމަރުކަޒީ އުސޫލުގައި ކުޑަވެގެންދާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި އެވެ. އަދި ރައްޔިތުންގެ ވެރިކަން މިއަދު މިވަނީ ވަރަށް ރަނގަޅު ހަމަޖެހުމަކަށް ގެނެވިފައި ކަމަށާއި ރަށްރަށް ތަރައްޤީ ކުރުމުގައި ސީދާ ރަށްރަށާ ސަރުކާރަށް އަޅާލެވޭނެ ފުރުސަތު، ލާމަރުކަޒީ އުސޫލުން ވަރަށް ރަނގަޅަށް ލިބިދީފައިވާ ކަމުގައި ވެސް ވިދާޅުވި އެވެ.
ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ އެމްޑީޕީ އިން ރާއްޖެ، ހަތް ސަރަހައްދަކަށް ބަހާލައި ހަތް ސަރަހައްދެއްގައި ސަރުކާރުގެ ހުރިހާ ވުޒާރާތަކެއް އިންތިޒާމް ކޮށްގެން ރަށްރަށަށް ޚިދްމަތް ދިނުމަށް، ވިސްނީ، މި ޙަޤީޤަތުގެ މައްޗަށް ތެދުވެ ތިއްބަވައިގެންކަން ކަމަށް ވެސް ރައީސް ނަޝީދު ވިދާޅުވި އެވެ.
"އެހެންކަމުން، ޕާޓީގެ ފަލްސަފާ ބިނާކުރަމުން ގެންދިޔައީ، މުހިންމީ ރަށްތޯ، އަތޮޅުތޯ، ޤައުމީ އިދާރާތޯ، މަރުކަޒީ ރަށްތޯ، ނުވަތަ އަތޮޅު ކައުންސިލްގެ އިދާރާތޯ، މި ނުކުތާތަކުގެ މައްޗަކަށް ނޫން. އެމްޑީޕީ އިން އަބަދުވެސް އަމާޒަކަށް ބަލާފައިވަނީ، ރަށް ތަރައްޤީ ކުރުމަށް ކަމުގައި ރައީސް ނަޝީދު ވިދާޅުވި." ރައީސް އޮފީހުން ބުނެ އެވެ.
މީގެއިތުރުން މިލަންދޫގެ ތަރައްޤީއަށް ސަރުކާރުން ހިންގަމުން ގެންދާ އަދި ހިންގުމަށް ހަމަޖެހިފައިވާ މަޝްރޫއުތަކާ ބެހޭ ގޮތުން، މަޝްވަރާކުރުމަށް މިލަންދޫ ރަށު ކައުންސިލާ އެކު މިއަދު ހެނދުނު ބަދަލުކުރެއްވި ކަމަށާއި އެ ބައްދަލުކުރެއްވުމުގައި ރަށުގެ ތަރައްޤީއަށް ރޭވިފައިވާ ޕްރޮގްރާމްތަކާއި މިކަންކަން މިހާރު ގޮސްފައިވާ ހިސާބާއި، ދެން ކަންކަން ކުރިއަށް ގެންދަން އޮތްގޮތާ ބެހޭ ގޮތުން ރައީސުލްޖުމްހޫރިއްޔާ މަޝްވަރާ ކުރެއްވި ކަމަށް ރައީސް އޮފީހުން ބުނެ އެވެ. އެގޮތުން، ރަށުގެ ބަނދަރުގެ ހެދުމުގެ މަސައްކަތް ކުރިއަށްދާ ގޮތާ ބެހޭ ގޮތުން ވެސް ކައުންސިލާ އެކު ރައީސް ނަޝީދު މަޝްވަރާ ކުރެއްވި އެވެ.
މިލަންދޫގައި ހަދާ 750 ފޫޓު 250 ފޫޓުގެ ބަނދަރުގައި މިހާރު ކުރިއަށް ދަނީ ބަނދަރުގެ ކީވޯލް ހެދުމުގެ މަސައްކަތެވެ. އަދި ބަނދަރުގެ މަސައްކަތް، ކުރިއަށް އޮތް ދޮޅުމަސް ދުވަހުގެ ތެރޭގައި ނިމޭނެ ކަމަށް ލަފާކުރެވޭ ކަމަށް ރައީސް އޮފީހުން ބުނެ އެވެ. އަދި ބަނދަރުގެ މަސައްކަތް ނިމުމާއެކު، ބަނދަރުމަތީ ބާޒާރު ތަރައްޤީ ކުރެއްވުމުގެ ޕްރޮގްރާމްގެ ދަށުން، މިލަންދޫ ބަނދަރުމަތި ތަރައްޤީކޮށް، އެ ބަނދަރަކީ، ވިޔަފާރިއާއި، ދަތުރުފަތުރަށް މަގުފަހިކޮށްދޭ ފުރިހަމަ ވިޔަފާރި ބަނދަރަކަށް ހެދުމަށް ބޭނުންވާ ވަސީލަތްތައް ތަރައްޤީ ކުރެއްވުމާ ބެހޭގޮތުން ރަށު ކައުންސިލާ މަޝްވަރާ ކުރެއްވި އެވެ.
މިލަންދޫ ސްކޫލުގެ ހޯލް ބޮޑުކުރުމަށް، ސްކޫލުން ހުށަހަޅާފައިވާ ހުށަހެޅުމާއި، އަދި ހޯލް ބޮޑުކުރުމަށް ހަމަޖައްސާފައިވާ ގޮތުގެ ކުރެހުންތައްވެސް، ރައީސުލްޖުމްހޫރިއްޔާ، ރަށު ކައުންސިލާ ހިއްސާ ކުރެއްވި އެވެ. މިލަންދޫ ސްކޫލަކީ، 2010 ވަނަ އަހަރު 8 ކްލާސް ރޫމް އިތުރުކުރެވި، މިހާރު އެއްދަންފަޅިއަށް ކިޔަވައިދެމުން އަންނަ ސްކޫލެކެވެ.
މީގެއިތުރުން، މިލަންދޫގައި އެޅުމަށް ހަމަޖެހިފައިވާ އޮފީސް އިމާރާތް، މަލްޓި ޕާޕަސް ބިލްޑިންއަކަށް ބަދަލުކޮށް، ކައުންސިލްގެ މަސައްކަތްތަކާއި، ރަށުގެ ތަރައްޤީއަށް ހިންގޭ އެހެން މަސައްކަތްތައް ހިންގޭނެ އިމާރާތެއްގެ ގޮތުގައި ބިނާކުރުމަށްވެސް ރައީސުލްޖުމްހޫރިއްޔާ، ކައުންސިލަށް ހުށަހެޅުއްވި އެވެ.