ބުދަ ދުވަހު ނޭޕާލްގެ ރައްޔިތުންގެ މަޖިލީހުން ވަނީ އެ ގައުމުގެ ފުރަތަމަ އަންހެން ރައީސަކަށް ބިދިޔާ ބަންދާރީ ހޮވައިފަ އެވެ.

ރައީސް ހޮވާފައި ވަނީ ނޭޕާލް އިން މި ސެޕްޓެމްބަރު މަހު އެ ގައުމުގެ އާ ގާނޫނު އަސާސީ ތަސްދީގު ކުރުމަށް ފަހުގަ އެވެ. އާ ގާނުނު އަސާސީގައިވާ ގޮތުގެ މަތިން ނޭޕާލްގެ ރައްޔިތުންގެ މަޖިލީހުން ވަނީ އާ ބޮޑު ވަޒީރަކު ވެސް ހޮވާފަ އެވެ. މި މަގާމަށް ގެނެސްފައި ވަނީ ކޭޕީ ޝަރްމާ އޮލީ އެވެ.

މީގެ ކުރިން ޑިފެންސް މިނިސްޓަރެއްގެ މަގާމު އަދާކުރައްވާފައިވާ ބަންދާރީ އޭނާ އާ ވާދަކުރެއްވި ކުލް ބަހަދުރު ގުރުންގު ބަލި ކުރެއްވީ 113 ވޯޓުގެ ތަފާތަކުންނެވެ. ބަންދާރީ އަކީ ކޮމިއުނިސްޓް ޕާޓީ އޮފް ނޭޕާލްގެ ވައިސް ޗެއާ އެވެ.

ނޭޕާލްގެ ކުރީގެ ރައީސަކީ އެގައުމުގައި 240 އަހަރު ވަންދެން އޮތް ރަސްކަމަށް ފަހު 2008ގައި ފުރަތަމަ ރައީސަކަށް ހޮވި ވަޑައިގެންނެވި ރާމް ބަރަން ޔަދަވް އެވެ. ޔަދަވް ރައީސެއްގެ ގޮތުގައި ހުރުމަށް އެންމެ ފުރަތަމަ ހަމަޖެއްސީ ދެ އަހަރަށެވެ. ނަމަވެސް ގާނޫނު އަސާސީ ހެދުމުގައި ދިމާވި ސިޔާސީ ހިޔާލު ތަފާތުވުންތަކުގެ ސަބަބުން ވެރިކަމުގައި ހުރުމަށް މަޖުބޫރުވީ އެވެ.

"ބިދިޔާ ދޭވީ ބަންދާރީ އަކީ ނޭޕާލްގެ ރައީސް ކަމަށް އިއުލާން ކުރަން،" ނޭޕާލްގެ ރައްޔިތުންގެ މަޖިލީހުގެ ރައީސް އޮންސާރީ ގާރްތީ މަގަރް އިއްޔެ އެންގެވި އެވެ.

ބަންދާރީ ސިޔާސީ ދާއިރާއަށް ނިކުމެފައި ވަނީ ވަރަށް ޒުވާން އިރު އެވެ. އޭނާ ކައިވެނި ކުރެއްވީ އޭރުގައި އޮތް ރަސްކަން ވައްޓާލުމަށްޓަކައި އޭނާ އާ ބައިވެރިވި މަދަން ބަންދާރީ އާ އެވެ.

ނަމަވެސް ސިޔާސީ ދާއިރާގައި މަޝްހޫރުވެ ވަޑައިގެންނެވީ 1993ގައި ހިނގި އެކްސިޑެންޓެއްގައި މަދަން ބަންދާރީ މަރުވުމަށް ފަހު، އެ އަހަރުގެ މަޖިލިސް އިންތިހާބުގައި ބިދިޔާ ބަންދާރީ އަށް ރައްޔިތުންގެ މަޖިލީހުގެ ގޮނޑި އެއް ކާމިޔާބު ކުރެއްވުމުންނެވެ.

ބަންދާރީ އަކީ ނޭޕާލްގެ މަތީ މަގާމެއް ލިބުނު ދެ ވަނަ އަންހެން މީހާ އެވެ. އެންމެ ފުރަތަމަ ފަހަރަށް މި ފަދަ މަގާމެއް ނޭޕާލްއިން ލިބި ވަޑައިގެންނެވީ އެ ގައުމުގެ ރައްޔިތުންގެ މަޖިލީހުގެ މިހާރުގެ ރައީސް އޮންސާރީ ގާރްތީ މަގަރް އަށެވެ.