29 Oct 2015, 09:53
ރާއްޖޭގެ ސިޔާސީ މަޝްރަހާ ބެހޭ ގޮތުން ފޮރިން މިނިސްޓަރު ދުންޔާ ސްރީލަންކާގެ ވެރިރަށް ކޮޅުނބުގައި ތިއްބަވާ ބައެއް ގައުމުތަކުގެ ޑިޕްލޮމޭޓުންނަށް ދެއްވައިފި އެވެ.
ފޮރިން މިނިސްޓްރީން ބުނީ ރާއްޖޭގެ ސިޔާސީ މަޝްރަހުގައި ފަހަކަށް އައިސް ހިނގި ކަންކަމާ ބެހޭ މައުލޫމާތު ސްރީލަންކާގައި ތިއްބަވާ ޑިޕްލޮމޭޓުންނަށް ފޮރިން މިނިސްޓަރު ދެއްވައިފި ކަމަށެވެ.

ދުންޔާ އެމައުލޫމާތު ދެއްވީ އެކަމަށް ޓަކައި ސްރީލަންކާއަށް ކުރެއްވި ދަތުރުފުޅެއްގައި މިއަދު ބޭއްވެވި ބައްދަލުވުމެއްގަ އެވެ. އެ ބައްދަލުވުމުގައި ފޮރިން ސެކްރެޓަރީ ޑރ. ޢަލީ ނަސީރު މުޙައްމަދާއި ސްރީލަންކާގައި ހުންނަވާ ރާއްޖޭގެ ސަފީރު ޒާހިޔާ ޒަރީރުވެސް ބައިވެރިވަޑައިގެންނެވި އެވެ.

ރައީސުލް ޖުމްހޫރިއްޔާ ޢަބުދުﷲ ޔާމީނު ދަތުރުކުރެއްވި ރިޔާސީ ލޯންޗްގައި މިދިޔަ ސެޕްޓެމްބަރުމަހުގެ 28 ވަނަ ދުވަހު ގޮވުމެއް ގޮވި ހާދިސާއާއި އެހާދިސާގެ ތަހުގީގަށް، ނައިބު ރައީސް އަހުމަދު އަދީބު ހައްޔަރު ކުރުމާއި ކެބިނެޓަށް ގެނައި ބަދަލުތަކާ ބެހޭ ގޮތުން ދުންޔާ ކުރިން ވަނީ ބައިނަލްއަގުވާމީ ބައެއް މީޑިއާތަކަށް ވެސް މައުލޫމާތު ދެއްވާފަ އެވެ. އެގޮތުން ރޮއިޓާސްއަށާއި އިންޑިއާގެ ދަ ހިންދޫ ނޫހަށް އޭނާ ވަނީ އިންޓަވިއުތައް ދެއްވާފަ އެވެ.