ވޮޝިންޓަން (އޮކްޓޯބަރު 29) : މެދުއިރުމަތީގެ ގޮތުގައި މިހާތަނަށް ބަލަމުންއައި ސަރަހައްދު މިހާރު ބަދަލުވެއްޖެ ކަމަށާ ދެން އެސަރަހައްދު ކުރިންއޮތްގޮތަށް ނުފެންނާނެ ކަމަށް ފަރަންސޭސި ޖާސޫސީ އިދާރާގެ ވެރިޔާ ބާނާޑް ބާޖޫލޭ ވިދާޅުވެއްޖެ އެވެ.

ޖާސޫސީ ކަންތައްތަކާ ބެހޭ ގޮތުން ވޮޝިންޓަންގައި ކުރިޔަށްދާ ސިންޕޯޒިޔަމެއްގައި ވާހަކަ ދައްކަވަމުން ބާޖޫލޭ ވިދާޅުވީ އިރާގާއި ސޫރިޔާ ރޫޅިގެން ހިނގައްޖެ ކަމަށާ އެދެގައުމުގެ ސަރަހައްދު ކުރިންއޮތްގޮތަށް ދެން އަނބުރައި އިއާދަ ނުކުރެވޭ ކަމުގަ އެވެ. ސޫރިޔާގެ އެކި ސަރަހައްދުތައް އެކި ޖަމާއަތްތަކުގެ އަތްދަށުގައިވާއިރު ސޫރިޔާ ސަރުކާރުގެ ކޮންޓްރޯލް ހިނގަނީ އެގައުމުގެ އެންމެ 18 އިންސައްތަ ބިމަށެވެ. ސޫރިޔާގެ ބޮޑުބައި ހައްދު ފަހަނަޅާފައިވާ އައިއެސް ޖަމާއަތުގެ އަތްދަށުގައިވާއިރު އެގައުމުގެ އުތުރުގައިވާ ކުރުދީން ދިރިއުޅޭ ސަރަހައްދުތައް ވަނީ ކުރުދީންގެ ހަތިޔާރުއެޅި ޖަމާއަތްތަކުގެ އަތްދަށުގަ އެވެ.

މިތަންތަންދެން ސޫރިޔާގައި ބައްޝާރުގެ ސަރުކާރު ނޫން ސަރުކާރެއް އުފެދުނު ނަމަވެސް ސޫރިޔާގައި އުފެދޭ މަރުކަޒީ އެއްވެސް ސަރުކާރެއްގެ ކޮންޓްރޯލްގެ ދަށަށް މިސަރަހައްދުތައް ދެންދާނެކަމަށް ނުބެލެވޭކަމަށް ބާޖޫލޭ ވިދާޅުވި އެވެ. ބާޖޫލޭ ވިދާޅުވީ އިރާގުގައި ވެސް ކަންތައްތައް އޮތީ މިގޮތަށްކަމަށާ ސޫރިޔާ ބައިބައިވި ގޮތަށް އިރާގުވެސް ބައިބައިވެފައިވާ ކަމުގަ އެވެ.

އިރާގުގެ ކުރުދީ ސަރަހައްދުތައް ކުރުދީންގެ ބިޝްމަރުގާ ލަޝްކަރުގެ ބާރުގެ ދަށުގައިވާއިރު އިރާގު ސަރުކާރުގެ ކޮންޓްރޯލް އޮތީ އެގައުމުގެ ގާތްގަނޑަކަށް 30 އިންސައްތަ ބިމަށެވެ. ބާކީ ސަރަހައްދުތައްވަނީ ހައްދުފަހަނަޅާފައިވާ އައިއެސް ޖަމާއަތުގެ އަތްދަށުގަ އެވެ. އެހެންކަމުން ބަޣްދާދުގައި ވެރިކަންކުރާ އިރާގުގެ މަރުކަޒީ އެއްވެސް ސަރުކާރެއްގެ ކޮންޓްރޯލްގެ ދަށަށް ކުރުދީންގެ ސަރަހައްދާއި އައިއެސްގެ އަތުގައިވާ ސުންނީންގެ އަޣްލަބިއްޔަތުއޮންނަ ސަރަހައްދުތައް ދެންދާނެ ކަމަށް ނުބެލެވޭކަމަށް ބާޖޫލޭ ވިދާޅުވި އެވެ.

އިރާގާއި ސޫރިޔާއާއި އުރުދުން އާއި ފަލަސްތީނާއި ލުބްނާނުގެ ސަރަހައްދީ ރޮނގުތަކަކީ ނުވަތަ އިންތަކަކީ ދެވަނަ ބޮޑުހަނގުރާމައިގާ ކާމިޔާބު ހޯދި އެލަޔަންސްގެ ގައުމުތަކުގެ ތެރޭގައި ހިމެނޭ ފަރަންސޭސިވިލާތާއި އިނގިރޭސިވިލާތުން އެ ދެ ގައުމުގެ މަސްލަޙަތަށް ރިޢާޔަތްކޮށްގެން (ސައިކްސް ބީކޯ އެއްބަސްވުމުގެ ދަށުން) ކުރަހާފައިވާ ސަރަހައްދީ ރޮނގުތަކެކެވެ. މިއިންތަކާއެކު ކުރިދީންގެ ބިންތައް ސޫރިޔާއާއި ލުބްނާނުގެ ސަރަހައްދީ އިމުގެ ތެރެއަށް ވައްދާފައިވުމުގެ ސަބަބުން ކުރުދީންނަށް ވަނީ އެމީހުންގެ އަމިއްލަ ދައުލަތެއް ގާއިމް ކުރުމުގެ ފުރްސަތުން މަހްރޫމް ވެފަ އެވެ.
އަދި ފަލަސްތީނުގެ ބިމުގައި އިސްރާއިލު އުފެއްދުމަށް ވެސް ވާގިވެރިވީ ވެސް ދެވަނަ ބޮޑުހަނގުރާމައިގާ ނާޒީ ޖަރުމަނުގެ މައްޗަށް ކާމިޔާބު ހޯދި އެލަޔަންސްގެ ގައުމުތަކުންނެވެ. ފަލަސްތީނުގެ ބިމުގައި ޔޫރަޕްގެ ޔަހޫދީން ވަޒަންވެރިވުމަށް މަގުފަހިކޮށްދިނީ ޔޫރަޕްގެ ގައުމުތަކުންނެވެ. ދެވަނަ ބޮޑުހަނގުރާމައަށް ފަހު ފަލަސްތީނުގެ ބިމުގައި ޔަހޫދީންނަށް ޚާއްސަ ދައުލަތެއް އިސްރާއީލުގެ ނަމުގައި އުފެއްދީވެސް މިއެލަޔަންގެ ތާއީދާއި އެއްބާރުލުމާއެކު އެލަޔަންގެ ގައުމުތަކުގެ މަސްލަހަތު ހިމާޔަތް ކުރުމަށްޓަކަ އެވެ. ނަތީޖާއަކީ ފަލަސްތީނުގެ ތާރީޚީބިންތައް (މިހާރު އިސްރާއީލުގެ ނަމުގައި އޮތް ސަރަހައްދު) ފަލަސްތީނުގެ ރައްޔިތުންނަށް ގެއްލިގެންދިޔުމެވެ.

ބާޖޫލޭ ވިދާޅުވީ އިރާގާއި ސޫރިޔާގައި ހިނގަމުންދާ ދާޚިލީ ހަނގުރާމަތައް ދިގު މުއްދަތަކަށް ދިގުދެމިގެން ދިޔުމަށްފަހު ހުއްޓޭނެ ކަމަށާ އެސަރަހައްދަށްވެސް ހަމަޖެހުން އަންނާނެ ކަމުގައެވެ. ނަމަވެސް ހަމަޖެހުން އަންނައިރު އިރާގުގައި އޮންނާނީ ޝިޔައީންގެ ދައުލަތަކާއި ސުންނީންގެ ދައުލަތަކާ ކުރުދީންގެ ދައުލަތެއް ކަމުގަ އެވެ. އަދި ސޫރިޔާގައި ވެސް އޮންނާނީ ޝިޔައީންގެ އަލަވީ ދައުލަތަކާއި ސުންނީންގެ ދައުލަތަކާ އަދި ކުރުދީންގެ ދައުލަތެއްކަމަށް ބެލެވޭ ކަމުގަ އެވެ. (ނޫސްއެޖެންސީތައް)