މާސްކަކާއި، އަންހެން އިސްތަށިގަނޑަކާއި ހެދުމެއް އަޅައިގެން މުސްކުޅި އަންހެންކަށް ހެދިގެން ފިރިހެން ގައިދީއަކު ބްރެޒިލްގެ ޖަލަކުން ފިލަން މަސައްކަތް ކޮށްފި އެވެ.

ކޮރޮނެލް އޮދެނިރް ގިމަރެއީސްގެ ޖަލުން ފިލަން އުޅުނު ކްލޯޑުއަލްޑޯ އެންޓޯނިއޯ ފިލިޕޭ އަކީ މަސްތުވާތަކެތި ވިއްކުމުގެ ސަބަބުން 36 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރުމަށް 2009 ގައި ޖަލަށް ލާފައިވާ މީހެކެވެ.

ފެލިޕޭ ބޭނުންކޮށްފައިވާ މާސްކަކީ ހޮލީވުޑްގައި ބޭނުން ކުރާ ކަހަލަ އަސްލާއި ވަރަށް ވައްތަރު މާސްކެކެވެ. އޭނާ ފަޅާއަރާފައި ވަނީ ޖަލުގެ ފާރަވެރިންނަށް ކުރިން ފެނިފައިނުވާ މުސްކުޅި އަންހެނަކު ޖަލުން ނިކުންނަން އުޅެނިކޮށް ހައްޔަރު ކުރުމުންނެވެ.

ސިފަ ބަދަލު ކުރަން ފިލިޕޭ ބޭނުން ކުރި މާސްކް -- ފޮޓޯ: ޑެއިލީ މެއިލް

ޖަލުގެ ފާރަވެރިންނަށް ފާހަގަ ކުރެވުނީ އެ އަންހެން މީހާއަކީ އާދައިގެ އަންހެނަކަށް ވުރެ ދިގު މީހެއްކަމާއި، އޭނާ ޖަލަށް ވަދެފައިވަނީ އެއްވެސް ފާހަކާއި ނުލައި ކަމެވެ.

އޭނާ އަކީ އަންހެނެއް ނޫންކަން އެނގުނީ އަންހެން ފާރަވެރިން ފިލިޕޭ ފާސްކުރުމުންނެވެ.

ހޮލީވުޑުގެ ފެންވަރަށް ހަދާފައިވާ މާސްކާއި، އަންހެނެއްގެ ހެދުން ފިލިޕޭއަށް ލިބުނު ގޮތް މިހާރު ދަނީ ތަހުގީގު ކުރަމުންނެވެ.

"އެ މުސްކުޅި އަންހެން މީހާ ހުއްޓުވީ ޖަލުގެ ފާރަވެރިންނަށް އޭނާ ޖަލުގެ ތެރެއަށް ދިޔަ އިރު ފެނިފައި ނުވާތީ. ފާރަވެރިން ހިއެއް ނުކުރޭ އެއީ ފިލައިގެން ދާން އުޅޭ ގައިދީ އެއް ކަމަކަށް. އޭނާ ބޭނުން ކުރި މާސްކަކީ އޮންލައިންކޮށް ވަރަށް އަގު ބޮޑުކޮށް ވިއްކާ އެއްޗެއް. އޭނާ ބޭނުން ކުރި އެއްޗެހި ލިބުނު ގޮތް މިހާރު ދަނީ ތަހުގީގު ކުރަމުން،" ފުލުހުންގެ ތަރުޖަމާނު އާންޑްރޭ ވެލޮސޯ ވިދާޅުވި އެވެ.