ހޯމް މިނިސްޓަރު އުމަރު ނަސީރު މަސައްކަތް ކުރައްވަމުން ގެންދަވަނީ އެ ބޭފުޅާގެ ޒިންމާއިން ރެކިވެވަޑައިގަންނަވަން ކަމަށް އިދިކޮޅު އެމްޑީޕީން ބުނެފި އެވެ.

އެމްޑީޕީން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ދިވެހި ރާއްޖޭގެ ސަލާމަތީ ހިދުމަތްތަކަށް ފައިސާގެ ނާޖާއިޒު ނުފޫޒުފޯރައި ފަސާދަވެފައިވާ ކަމާއި އަދި އެ ފަރާތްތަކުން ޓެރަރިޒަމްގެ ޢަމަލުތައް ހިންގުމުގައި ބައިވެރިވުމާއި ދައުލަތަށް ގައްދާރުވެފައިވާ ކަމަށް ރައީސް އަބްދުﷲ ޔާމީން ދާދިފަހުން ވިދާޅުވެފައިވާ އިރު އެކަމަކީ ރައީސް ޔާމީނާއި އެމަނިކުފާނުގެ ކެބިނެޓުގައި ހިމެނިވަޑައިގަންނަވާ ހޯމް މިނިސްޓަރު އުމަރު ނަސީރު ޒިންމާއިން ރެކިވަޑައިގަނެވިގެންވާނޭ ކަމެއް ނޫން ކަމަށް އެ ޕާޓީ އިން ބުންޏެވެ.

އެމްޑީޕީގެ ބަޔާނުގައި ބުނެފައި ވަނީ ރާއްޖޭގެ ރައްޔިތުންގެ ހަށިފުރާނައިގެ ރައްކާތެރިކަން ކަންބޮޑުވާ ދަރަޖައަށް ހޯމް މިނިސްޓަރު ގެންގޮސްފައިވާ ކަމަށެވެ. އެކަން ކަށަވަރުކޮށްދެވިފައި ނުވުމުގެ ސަބަބުންނާއި ރާއްޖޭގެ އަމަން ޢާންމު ޤާއިމުކޮށް ނުދެއްވެވުމުގެ ސަބަބުން ރައްޔިތުންގެ އިތުބާރު ހޯމް މިނިސްޓަރަށް އެއްކޮށް ގެއްލިފައިވާ ކަމަށް ވެސް ބަޔާނުގައި ބުނެފައިވެ އެވެ.

"މިރާއްޖޭގައި ހިންގާފައިވާ ބޮޑެތި ޖަރީމާތައް ބަލައި ތަޙްޤީޤްކޮށް އެ މައްސަލަތަކަށް އެމަނިކުފާނުގެ ވަޒީރުކަމުގައި އެއްވެސް ޙައްލެއް ހޯދިފައިނުވުމުގެ ސަބަބުން އެމަނިކުފާނު ފޭލްވެފައިވާކަމަށް ގިނަ ރައްޔިތުން ޤަބޫލުކުރެ އެވެ. މިގޮތުން ޙައްލު ހޯދިފައި ނުވާ، އަދި ރައްޔިތުން ކަންބޮޑުވާ ބައެއް ބޮޑެތި މައްސަލަތަކުގެ ތެރޭގައި ޑޮކްޓަރު އަފްރާޝީމް ޢަލީ އަވަހާރަކޮށްލި މައްސަލައާއި ނޫސްވެރިޔާ ޢަހްމަދު ރިޟުވާން ވަގަށް ނެގި މައްސަލައާއި ރާއްޖެޓީވީ ރޯކޮށްލި މައްސަލަ ހިމެނެ އެވެ." އެމްޑީޕީގެ ބަޔާނުގައި ބުނެފައިވެ އެވެ.

ހޯމް މިނިސްޓަރު އުމަރު ނަސީރަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައިވާ އެމްޑީޕީގެ ބަޔާނުގައި ބުނެފައި ވަނީ އެފަދަ މައްސަލަތައް ތަހްގީގުކުރުމާ ބެހޭ ވުޒާރާގެ ވަޒީރުކަން ލިބިވަޑައިގަތުމުން ހާމަވެގެން ދިއައީ އެ ތުހުމަތުތަކުގެ ތަހްގީގެއް ހިންގެވުމުގެ ގާބިލުކަން ހޯމް މިނިސްޓަރުގެ ކިބައިގައި ނެތް ކަމަށެވެ.

އެމްޑީޕީގެ ބަޔާން ވަނީ ރައީސް އަބްދުﷲ ޔާމީނަށް ވެސް ރައްދުކުރައްވާފަ އެވެ. އެގޮތުން ފުލުހުންނާއި ސިފައިންގެ ފައިސާގެ ނާޖާއިޒު ނުފޫޒު ފޯރައި ފަސާދަވެފައިވާތީ އެކަމުން ރައީސް ޔާމީނު ވެސް ރެކިވެވަޑައިގަތުމަށް މަސައްކަތް ކުރައްވަމުންދާކަމަށް އެމްޑީޕީގެ ބަޔާނުގައި ވަނީ ބުނެފަ އެވެ.