ރައީސުލްޖުމްހޫރިއްޔާ ޢަބުދުﷲ ޔާމީނު ޢަބުދުލް ޤައްޔޫމު ދަތުރުކުރެއްވި ރިޔާސީ ލޯންޗަށް މިދިޔަ ސެޕްޓެމްބަރު މަހު ދިން ބޮމުގެ ހަމަލާއަކީ ބަޣާވާތެއް ކަމެއް ނުވަތަ ޓެރަރިޒަމްގެ އަމަލެއް ކަން އެނގޭ ވަރަށް އަދި ހެކި ނުލިބޭ ކަމަށް ފޮރިން މިނިސްޓަރު ދުންޔާ މައުމޫނު ވިދާޅުވެއްޖެ އެވެ.

އީމެއިލް މެދުވެރިކޮށް، އިންޑިއާގެ ދަ ހިންދޫ ނޫހަށް ދެއްވި އިންޓަވިއުއެއްގައި ދުންޔާ ވިދާޅުވެފައި ވަނީ އެހަމަލާދިނީ ވަކި މިވެނި ބައެއްކަމަށް ލަފާ ކުރުމަކީ އަދި ރަނގަޅު ކަމެއް ނޫން ކަމަށެވެ.

"...މި ޖަރީމާގެ ޒިންމާ އުފުލަން ޖެހެނީ ނުވަތަ މިކަން ރޭވީ ވަކި މިވެނި ބައެއް ކަމަށް ލަފާ ކުރުން ވާނީ ގޯސް ކަމަކަށް. މިއީ ބަޣާވާތެއް ކަން ނުވަތަ ޓެރަރިޒަމްގެ އަމަލެއް ކަން ކަނޑައެޅޭ ވަރަށް އަދި ސާބިތު ހެއްކެއް ނެތް،" ދުންޔާ ވިދާޅުވި ކަމަށް ނޫހުގައިވެ އެވެ.

މިނިސްޓަރު ވިދާޅުވެފައި ވަނީ އެ ކަމަކީ ފުޅާ ދާއިރާއެއްގައި ސިޔާސީ މަގުސަދެއްގައި ރާވާފައިވާ ކަމެއްކަން ނުވަތަ ނުވަތަ ޓެރަރިޒަމްގެ އަމަލެއްކަން ނުވަތަ އެހެން ކުށެއް ކަން ނިންމާނީ މިހާރު ކުރިއަށްދާ ތަހުގީގުން ކަމަށެވެ.

ދުންޔާ މިޖަވާބުތައް ދެއްވާފައި ވަނީ ރިޔާސީ ލޯންޗްގައި ގޮވުމެއް ގޮވި ހާދިސާގައި ބޭރު ބައެއްގެ ބައިވެރިވުމެއް އޮތް ކަމަށް ސަރުކާރުން ދެކެންތޯ ކުރި ސުވާލަކަށެވެ.

ސަރުކާރުގެ ތެރޭގައި ސިޔާސީ ހަމަނުޖެހުމެއް އެބަ އޮތްތޯ ދަ ހިންދޫ އިން ކޮށްފައިވާ ސުވާލަށް ޖަވާބުދެއްވަމުން ދުންޔާ ވިދާޅުވެފައި ވަނީ އެފަދަ ކަމެއް ނެތް ކަމަށެވެ. ލޯންޗްގައި ހިނގި ހާދިސާގެ ސަބަބުން ރައީސް ޔާމީނަށް އޮތް ތާއީދު އިތުރުވެފައިވާ ކަމަށް ވެސް އޭނާ ވަނީ ވިދާޅުވެފަ އެވެ.

"... އެމަނިކުފާނު އަޅުއްވަމުން ގެންދަވާ ފިޔަވަޅުތަކުން ދައްކުވައިދެނީ އެމަނިކުފާނުގެ ޕާޓީއާއި ދިވެހި ރައްޔިތުންގެ ތާއީދު ދަމަހައްޓަވަމުން ގެންދަވާ ކަން،" ދުންޔާ ވިދާޅުވެފައިވެ އެވެ.

ނައިބު ރައީސް އަހުމަދު އަދީބު ހައްޔަރު ކުރި ކުރުމާ ބެހޭ ގޮތުން ކުރި ސުވާލަށް ޖަވާބުދެއްވަމުން ދުންޔާ ވިދާޅުވެފައި ވަނީ އެމަނިކުފާނު ހައްޔަރުކުރީ އެހެން ގޮތެއް ނެތިގެން ކަމަށެވެ. އަދި އެއީ ކުރިއަށްދާ ތަހުގީގަށް ނައިބު ރައީސްގެ އެއްބާރުލުން ނުލިބުމާއި ރަސްމީކޮށް އަދި ނުރަސްމީކޮށް ފުލުހުންނަށް ނައިބު ރައީސް ނުފޫޒުފޯރުވާ ކަމަށް ގަބޫލު ކުރެވިގެން އެޅި ފިޔަވަޅެއް ކަމަށް ވެސް ވިދާޅުވެފައިވެ އެވެ. ދުންޔާ ވިދާޅުވެފައި ވަނީ ސެޕްޓެމްބަރު މަހުގެ 28 ވަނަ ދުވަހު ހިނގި ހާދިސާ( ރިޔާސީ ލޯންޗްގައި ގޮވުމެއް ގޮވި ހާދިސާ) ގައި ނައިބު ރައީސް ބައިވެރިވެވަޑައިގެންފައިވާ ކަމަށް ތުހުމަތު ކުރެވޭ އިރު ބައިވެރިވުން އޮތީ ސީދާ ކޮން ގޮތަކަށް ކަމަށް ލަފާ ކުރުމަކީ އަދި ރަނގަޅު ކަމެއް ނޫން ކަމަށެވެ.