ފުވައްމުލަކު މިސްކިތްމަގު ގައި ހުރި ޓްރޭޑް ވޭވްސް ނަމަކަށް ކިޔާ ފިހާރައިގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި އެވެ.

ފުލުހުން މިއަދު ބުނީ އެ ފިހާރައިގައި އަލިފާނުގެ ހާދިސާއެއް ހިނގައިގެން އުޅޭ ކަމުގެ މައުލޫމާތު ފުލުހުންނަށް ލިބުނީ ރޭ ފަތިހު 5:48 އެހާކަންހާއިރު ކަމަށެވެ.

ފުލުހުން ބުނީ ޓްރޭޑު ވޭވްސްގައި ރޯވި އަލިފާންގަނޑު ކޮންޓްރޯލް ކުރުމަށް ފުލުހުންނާއި އެމްއެންޑީއެފްގެ އިތުރުން ފުވައްމުލަކު ރައްޔިތުން ގުޅިގެން މަސައްކަތްކޮށް އަލިފާންގަނޑު ކޮންޓްރޯލު ކުރެވި އެ އަލިފާންގަނޑު އެއްކޮށް ނިއްވާލެވިފައިވާ ކަމަށެވެ. އަދި ބުނީ އަލިފާންގަނޑު އެއްކޮށް ނިއްވާލެވުނީ މިއަދު ހެނދުނު 7:10 އެހާކަންހާއިރު ކަމަށެވެ.

ފުުލުހުން ބުނީ، އެ ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައި ނުވާ ކަމަށާއި އެހެންނަމަވެސް ފިހާރައަށް ބޮޑެތި ގެއްލުންތަކެއް ލިބި ގިނަ އަދަދެއްގެ މުދާ އަނދާފައިވާ ކަމަށެވެ.