ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ހާއްސަކޮށްގެން ހުޅުމާލެއިން ދޫކުރުމަށް ހަމަޖެހިފައިވާ ފުލެޓުތަކާ ގުޅޭގޮތުން ޝަކުވާ ހުށަހެޅުމުގެ ފުރުސަތު މިނިސްޓްރީ އޮފް ލޯ އެންޑު ޖެންޑާއިން ހުޅުވާލައިފި އެވެ.

އެ މިނިސްޓްރީން މިދިޔަ އަންގާރަ ދުވަހު ކޮށްފައިވާ އިއުލާނެއްގައި ބުނެފައި ވަނީ ޝޯޓު ލިސްޓު ކުރެވިފައިވާ ފަރާތްތަކުން މިދިޔަ އަންގާރަ ދުވަހުން ފެށިގެން އަންނަ ފަހުތާގެ އަންގަރަ ދުވަހުގެ ނިޔަލަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފަވާ ކަމަށެވެ.

"ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ޚާއްޞަކޮށް ހުޅުމާލެއިން ދޫކުރުމަށް ހަމަޖެހިފައިވާ 15 ފްލެޓަށް ކުރިމަތިލައިފައިވާ ފަރާތްތަކުގެ ތެރެއިން، އެންމެ މަތިން މާކްސް ލިބިގެން ޝޯޓްލިސްޓް ކުރެވިފައިވާ 15 ފަރާތުގެ މަޢުލޫމާތު އާންމުކޮށް، ކޮށްފައިވާ އިޢުލާނާ ގުޅިގެން ހުށަހަޅާފައިވާ ޝަކުވާތަކުގެ ޞައްޙަކަން ބަލައި، ކުރިން ޝޯޓްލިސްޓް ކުރެވުނު ފަރާތްތައް ބާޠިލުކޮށް، މި ފްލެޓްތަކަށް އެދި ކުރިމަތިލެއްވި ހުރިހާ ފަރާތްތަކުގެ ހޯމް އެސަސްމަންޓް ހެދުމަށްފަހު، އެ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާރކްސް ލިބިފައިވާ 15 ފަރާތުގެ މަޢުލޫމާތު އާންމުކޮށް އިޢުލާން ކުރީމެވެ." އެ މިނިސްޓުރީގެ އިއުލާނުގައިވެ އެވެ.

ޖެންޑާ މިނިސްޓްރީން ބުނީ ޝަކުވާ ހުށަހެޅުމަށް އަލަށް ދިން ފުރުސަތުގައި ބޭނުންކުރަން ޖެހޭ ޝަކުވާގެ ފޯމް ޖެންޑާ މިނިސްޓްރީގެ ކައުންޓަރުންނާއި ވެބްސައިޓުން ލިބެން ހުންނާނެ ކަމަށެވެ.

މިދިޔަ އޯގަސްޓު މަހު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅުދައްކަވަމުން ބަންޑާރަ ނައިބު މުހައްމަދު އަނިލު ވިދާޅުވީ، ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ހުޅުމާލެ އިން ދޫކުރާ 15 ފްލެޓު ސެޕްޓެމްބަރު މަހު ހަވާލު ކުރާނެ ކަމަށެވެ. އަނިލް ވިދާޅުވީ ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ފްލެޓްތައް ހަވާލުކުރުން ލަސްވީ ގިނަ ޝަކުވާތަކެއް ހުށަހަޅައި ވަރަށް ބޮޑެތި މައްސަލަތަކެއް ފާހަގަވެގެން ކަަަމަށެވެ.

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ހާއްސަކޮށްގެން ހުޅުމާލެއިން ދޫކުރުމަށް ހަމަޖެހިފައިވާ ފުލެޓަށް 571 ފަރާތަކުން ކުރިމަތިލި އެވެ. ބަންޑާރަ ނައިބު އެދުވަހު ވިދާޅުވީ ފުލެޓަށް ކުރިމަތިލި ހުރިހާ ފަރާތްތަކުގެ އެސެސްމެންޓެއް ހަދަމުން އަންނަ ކަމަށެވެ.

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ހާއްސަކޮށްގެން ހުޅުމާލެއިން ދޫކުރުމަށް ހަމަޖެހިފައިވާ ފުލެޓު ދިނުމަށް އެކުލަވާލަފައިވާ އުސޫލުގައި ބުނެފައި ވަނީ ނުކުޅެދުންތެރިކަން ހުރި ބާވަތަށާއި މިންވަރަށް އިސްކަންދޭނެ ކަމަށެވެ. އަދި އާއިލާގައި ނުކުޅެދުންތެރިކަން ހުރި އިތުރު މީހުން ތިބިތޯ އާއި އާއިލާ އަށް އާމްދަނީ ލިބޭ މިންވަރުގެ މައްޗަށް ވެސް ރިއާޔަތްކުރާނެ ކަމަށް ވެސް އެ އުސޫލުގައި ބުނެފައިވެ އެވެ.