31 Mar 2011, 14:50
މިލަންދޫ ސްކޫލްގެ ކެމްބްރިޖް އިމްތިހާންގެ ހިސާބު ޕޭޕަރުތަކުގެ މައްސަލަ ފުލުހުންގެ ހާއްސަ ޓީމަކުން ތަހުގީގުކުރަން ފެށުމާ އެކު އެ ސްކޫލްގެ ތިން މުވައްޒަފަކު ސަސްޕެންޑްކޮށް ގެއަށް ފޮނުވާލައިފި އެވެ.
މިލަންދޫ ރަށު ކައުންސިލްގެ މެމްބަރު އަހުމަދު ފިރާގު މިއަދު ސަން އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ ސަސްޕެންޑްކޮށްފައި ވަނީ ކެމްބްރިޖް އިމްތިހާނުގައި އިންވިޖިލޭޓަރުންގެ ގޮތުގައި މަސައްކަތްކުރެއްވި ސްކޫލްގެ ލީޑިން ޓީޗަރު މުހައްމަދު ނާޒިމާއި ލީޑިން ޓީޗަރު އަބުދުއްލަތީފު އަދި އެޑްމިނިސްޓްރޭޓިވް އޮފިސަރު އަލީ ޝިފާޒެވެ.
ހިސާބު ޕޭޕަރުތައް ކޮޕީކުރުމަށް އެހީތެރިވިކަމަށް ސްކޫލްގެ އެއްވެސް ބޭފުޅަކު އެއްބަސްވެވަޑައިގެންފައިވޭތޯ ދެންނެވުމުން ފިރާގު ވިދާޅުވީ އެފަދަ މައުލޫމާތެއް އަދި ލިބިވަޑައިގެންފައި ނުވާ ކަމަށާއި ތަހުގީގު ދަނީ ކުރިއަށް ކަމަށެވެ.
"އިއްޔެ މި ރަށަށް ރައީސް ވަޑައިގަތުމުން ބެލެނިވެރިން ވަނީ ރައީސް އަރިހު އެކަމުގެ ޝަކުވާ ދަންނަވާފައި. އެކަމާ ގުޅިގެން ފުލުހުންގެ ހާއްސަ ޓީމެއް މިއަދު މިރަށަށް އައި. ނަމަވެސް ހިސާބު ޕޭޕަރު ކޮޕީކުރުމަށް އެހީތެރިވިކަމަށް އެއްވެސް ބޭފުޅަކު އަދި އިއުތިރާފްވެވަޑައިގަތް ކަމުގެ މައުލޫމާތެއް ނުލިބޭ." އިމްތިހާނުގައި ކޮޕީކުރުމަށް ސްކޫލްގެ ބައެއް ބޭފުޅުން އެހީތެރިވި ކަމަށް އެއްބަސްވި ކަމަށް ފެތުރޭ ވާހަކަތަކާ ގުޅިގެން ފިރާގު ވިދާޅުވި އެވެ.
ފިރާގު ވިދާޅުވި ގޮތުގައި އިއްޔެއެކޭ އެއްފަދަ އިން މިއަދު ވެސް ބެލެނިވެރިން ސްކޫލްދޮށަށް އެއްވި އެވެ. އަދި އިމްތިހާނުގައި ބައިވެރިވި ކުދިން އެކަން ހިނގި ގޮތް ތަހުގީގުކުރާ ޓީމަށް ފުރިހަމަ އަށް ކިޔައިދިނުމަށް ބެލެނިވެރިން އެއްބަސްވެފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ކެމްބްރިޖް އިމްތިހާންގެ ހިސާބު ޕޭޕަރުގައި މިލަންދޫ ސްކޫލްގެ ހުރިހާ ކުދިން އެއް ޖަވާބެއް ލިޔުމުގައި އެސްކޫލުން އެހީތެރިވެފައިވާ ކަމަށް މިހާރު ވަނީ ބެލެވިފަ އެވެ. އެ މައްސަލައާ ގުޅިގެން ކެބްރިޖުން ވަނީ އެސްކޫލުން ހިސާބު އިމްތިހާނުގައި ބައިވެރިވި ހުރިހާ ކުދިންނަށް "ސުމެއް" ދީފަ އެވެ.