28 Oct 2015, 22:39
ރައީސުލްޖުމްހޫރިއްޔާ މިއަދު ތަސްދީގު ކުރެއްވި ޓެރަރިޒަމް މަނާކުރުމުގެ ގާނޫނަށް އިސްލާހު ގެނައުމަށް އަދާލަތު ޕާޓީން ގޮވާލައިފި އެވެ.
އަދާލަތު ޕާޓީގެ އޮފީހުގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ރައްޔިތުންގެ މަޖިލީހުގެ މަކުނުދޫ ދާއިރާގެ މެމްބަރު އަނާރާ ނައީމް ވިދާޅުވީ ޓެރަރިޒަމް މަނާކުރުމުގެ ގާނޫނުގައި ރައްޔިތުންގެ ހައްގުތައް ހަނިވާގޮތަށް ހުރި ކަންތައް އިސްލާހު ކުރަން މަޖިލީހުގެ މެޖޯރިޓީ އޮތް ފަރާތްތަކަށް އިލްތިމާސް ކުރާ ކަމަށެވެ.
އަނާރާ ވިދާޅުވީ ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމާ ފުށޫއަރާ ކަންކަންތައްތަކާއި ގާނޫނު އަސާސީއާ ތައާރަޒުވާ ކަންކަން އެ ގާނޫނުގައި ހުރި ކަމަށް މަޖިލީހުގައި މެމްބަރުން ބަހުސްކުރައްވަމުން ވިދާޅުވެފައިވާ ކަމަށެވެ. ނަމަވެސް ބިލް ފާސްވެގެންދިޔައީ އެކަންކަން އިސްލާހުނުކޮށް ކަމަށް އޭނާ ވިދާޅުވިއެވެ.
އެ ގާނޫނުގައި ސާފުނުވާ ބައެއް ކަންކަން ހުރި ކަމަށް ފާހަގަކުރައްވައި އަނާރާ ވިދާޅުވީ ދައުލަތަށް ނުވަތަ ސަރުކާރަށް ނޭދެވޭ ނުފޫޒެއް ފޯރުވުމަށް ކުރާ ކަންތައްތަކަކީ ޓެރަރިޒަމްގެ އަމަލެއް ކަމަށް އެ ގާނޫނުގައި ބަޔާންކޮށްފައިނުވާ ކަމަށެވެ. ނަމަވެސް ނޭދެވޭ ނުފޫޒަކީ ކޮބައިކަން ސާފުނުވާ ކަމަށް އަނާރާ ވިދާޅުވިއެވެ.
ސަރުކާރު ޒިންމާދާކުރަން ސިޔާސީ ޕާޓީއަކުން ކުރާ ކަމެއް ވެސް ނޭދެވޭ ނުފޫޒެއްގެ ގޮތުގައި މާނަކުރަން ބޭނުން ބަޔަކަށް މާނަކުރެވޭނެ ޖާގަ އެބައޮތްއަނާރާ ނައީމް
އާންމުންނަށް ބިރުދެއްކުމަށް ނުވަތަ ބައެއްގެ މެދުގައި ބިރުވެރިކަން އުފެއްދުމަށް ކުރާ ކަންތައް ވެސް ޓެރަރިޒަމްގެ ތެރެއަށް ވަދެގެންދާނެ ކަމަށް އެ ގާނޫނުގައި ބަޔާންކޮށްފައިވާއިރު، އެއީ ކޮންކަހަލަ ކަމެއްކަން އެހާބޮޑަށް ސާފުނުވާ ކަމަށް ވެސް އަނާރާ ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ ގާނޫނާ ޚިލާފަށް ސިޔާސީ އަދި ދީނީފިކުރު ކުރި އެރުވުން ކަމަށް ޓެރަރިޒަމް މަނާކުރުމުގެ ގާނޫނުގައި ބަޔާންކޮށްފައި އޮންނައިރު، އެއީ ކޮން ގާނޫނެއް ކަމެއް އެނގެން ނޯންނަ ކަމަށެވެ.
ގާނޫނު ބައްޓަންކުރެވިފައި އޮތް ގޮތުން ރާއްޖޭގެ ގާނޫނުތަކުގައި އޮންނަ ގޮތަކާ ތަފާތު ގޮތަކަށް ދީނީ ގޮތުން ބަހެއް ބުނެވިއްޖެނަމަ އެފަދަ މީހަކު ޓެރަރިޒަމްގެ ކުށުން ކުށްވެރިވުމުގެ ޖާގަ އޮތް ކަމަށާއި އެއީ ވެސް އިސްލާހު ކުރަންޖެހޭ ކަމެއް ކަމަށް އަނާރާ ވިދާޅުވިއެވެ.
"އިލްމީ އަމާނާތެއްގެ ގޮތުން ދީނީ އިލްމުވެރިން ތަފްސީލުކޮށް ރައްޔިތުންނަށް ބުނެދޭންޖެހޭ ޚިޔާލު ތަފާތުވެފައި ހުންނަ ބައެއް މައްސަލަތައް އެބަހުރޭ. ބުނެދިނުމުން ވެސް ރާއްޖޭގެ ގާނޫނުގައި އޮންނަ ގޮތަކާ ތަފާތު ގޮތަކަށް ބުނެވިއްޖެނަމަ ހަގީގަތުގައި މިގާނޫނުގެ ތެރެއަށްވަދެ ޓެރަރިޒަމްގެ ކުށަކަށް ވެގެންދިޔުން މިއޮތީ ކައިރީގައި،" އަނާރާ ވިދާޅުވިއެވެ.
އަދާލަތު ޕާޓީގެ ތަރުޖަމާން އަލީ ޒާހިރު ވިދާޅުވީ އެ ޕާޓީއަކީ އެއްވެސް ހާލެއްގައި ޓެރަރިސްޓު ހަމަލާތަކަށް ހިތްވަރުދީ ޓެރަރިޒަމްގެ އަމަލުތަކަށް ތާއީދު ކުރާ ބައެއް ނޫން ކަމަށެވެ. އަދި އެފަދަ އަމަލުތަކަށް ހަރުކަށި އަދަބުތައް ގާނޫނުގައި ކަނޑައެޅުމަކީ އެޕާޓީން އެދޭގޮތް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
ނަމަވެސް ޓެރަރިޒަމްގެ ނަން ބޭނުންކޮށްގެން ޓެރަރިޒަމަށް ނުފެތޭކަންތައްތަކުގައި ބޮޑެތި އަދަބުތައް ދެވޭގޮތަށް ގާނޫނު ބައްޓަންބެފައި ވުމަކީ ކަންބޮޑުވާންޖެހޭ ކަމެެއް ކަމަށް އަލީ ޒާހިރު ވިދާޅުވިއެވެ.
"....ސިޔާސީ އިދިކޮޅު ހަރަކާތްތަކަށް ބުރޫއަރާގޮތަށް ޓެރަރިޒަމްގެ ގާނޫނުގައި އިޝާރާތް ކުރެވިފައި، ނުވަތަ އެކަމަށް ބާރުލިބޭގޮތަށް ކަންތައްތަކެއް ހުރުމަކީ ހަގީގަތުގައި ކަންބޮޑުވާންޖެހޭ ކަންތައްތަކެއް،" އަލީ ޒާހިރު ވިދާޅުވިއެވެ.