28 Oct 2015, 22:23
ޖިނާއީ މައްސަލައެއްގެ ތުހުމަތުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ބަންދުކުރާއިރު ވަކި ހާއްސަ އިސްތިސްނާ އިނާއަތްތަކެއް ނޯންނަ ކަމަށް ބަންޑާރަ ނައިބު މުހައްމަދު އަނިލް ވިދާޅުވެއްޖެ އެވެ.
ޓީވީއެމްގެ "ރާއްޖެ މިއަދު" ޕްރޮގުރާމުގައި ވާހަކަފުޅު ދައްކަވަމުން ބަންޑާރަ ނައިބު އަނިލް ވިދާޅުވީ ޖިނާއީ މައްސަލައެއްގައި ނައިބު ރައީސަކު ނުވަތަ ރައީސުލްޖުމްހޫރިއްޔާ ހައްޔަރުކޮށްފައި ބަހައްޓާއިރު އާންމުންނާއި އިސްތިސްނާ އިނާއަތްތަކެއް ލިބިފައި ނުވާ ކަމަށެވެ.
"އެންމެންނަށް ހަމަހަމަ އުސޫލަކުން އަމަލުކުރަން ޖެހޭނީ، ނައިބު ރައީސްއަކަށްވީމަ ރައީސްއަކަށްވީމަ ވަޒީރަކަށްވީމަ ޖިނާއީ މައްސަލައެއްގައި ތުހުމަތު ކުރެވިގެން ހައްޔަރު ކުރެވޭއިރު، ބަންދު ކުރެވޭއިރު، ތަހުގީގު ކުރިއަށްދާއިރު ވަކިއިތުރު އިސްތިސްނާ އިނާއަތްތަކެއް ނޯވޭ،" އަނިލް ވިދާޅުވިއެވެ.
ބަންޑާރަ ނައިބު އެހެން ވިދާޅުވެފައިވާއިރު ތަފާތު އެކި މައްސަލަތަކުގައި ބަންދުކޮށްފައިވާ ނުވަތަ ޖަލުގައި ހުކުމް ތަންފީޒު ކުރަމުން އަންނަ ސިޔާސީ ބޭފުޅުން ތިއްބަވާ ތަނަށް ނައިބު ރައީސް އަހުމަދު އަދީބު ބަދަލުކުރަން ކްރިމިނަލް ކޯޓުން ވަނީ އަމުރުކޮށްފަ އެވެ. އަދި ފުލުހުން ވަނީ އެގޮތަށް އަމަލުވެސް ކޮށްފަ އެވެ.
ރިޔާސީ ލޯންޗުގައި ބޮން ގޮއްވި ހާދިސާއަކީ ދިވެހި ފަހުގެ ތާރީހެއްގައި ދިމާވި އެންމެ ނުރައްކާތެރި، ހިތާމަވެރި ހާދިސާ ކަމަށާއި އެއީ ޓެރަރިޒަމްގެ އަމަލެއް ކަމަށް ބަންޑާރަ ނައިބު މިރޭ ވިދާޅުވި އެވެ. ގައުމުގެ މުސްތަގުބަލަށްޓަކައި އެކަން ކުރި އެންމެން އިންސާފުގެ ކުރި މައްޗަށް ގެނެވެން ޖެހޭ ކަމަށް ވެސް ބަންޑާރަ ނައިބު ވިދާޅުވިއެވެ.