ނައިބު ރައީސް އަހުމަދު އަދީބުގެ އިތުބާރު ނެތް ކަމަށް މަޖިލީހަށް ހުށަހަޅާފައިވާ މައްސަލައަށް ޖަވާބުދާރީވެވަޑައިގަތުމަށް އެމަނިކުފާނަށް ރައްޔިތުންގެ މަޖިލީހުން ނޯޓިސް ފޮނުވައިފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ އަމީންއާންމު އަހުމަދު މުހައްމަދު ވިދާޅުވީ އަދީބާ ދެކޮޅަށް ހުށަހަޅާފައިވާ އިތުބާރު ނެތް ކަމުގެ މައްސަލާގައި "އެކަން އޮންނަ އުސޫލުން" ކުރިއަށްދާ ކަމަށެވެ. އަދީބަށް ނޯޓިސް ފޮނުވިތޯ ކުރި ސުވާލަށް އަމީންއާންމު ސީދާ ޖަވާބެއް ނުދެއްވި އެވެ.

"ސަން"އަށް އެނގިފައިވާ ގޮތުގައި މިއަދު މެންދުރުފަހުގެ ވަގުތެއްގައި އަދީބަށް ވަނީ ނޯޓިސް ފޮނުވާފަ އެވެ.

ގާނޫނު އަސާސީގެ 100 ވަނަ މާއްދާގެ (ރ)ގައި ބުނެފައި ވަނީ އެފަދަ މައްސަލައަކާ މެދު މަޖިލީހުގައި ބަހުސް ފެށުމުގެ މަދުވެގެން 14 ދުވަސް ކުރީން ރައީސުލްޖުމްހޫރިއްޔާގެ ނައިބަށް އެކަން އަންގަންވާނެ ކަމަށެވެ.

އެ ގަރާރުގެ ބަހުސްގެ މަރުހަލާގައި އަނގަ ބަހުންނާއި ލިޔުމުން އޭނާގެ ދިފާއުގައި މަސައްކަތް ކުރުމުގެ ހައްގު ރައީސުލްޖުމްހޫރިއްޔާ އަށް ނުވަތަ ރައީސުލްޖުމްހޫރިއްޔާގެ ނައިބަށް ލިބިގެންވާނެ ކަމަށް ވެސް ގާނޫނު އަސާސީގެ 100 ވަނަ މާއްދާގައި ބުނެފައިވެ އެވެ. އަދި ގާނޫނީ ވަކީލަކު ބޭނުން ކުރުމުގެ ހައްގު ރައީސުލްޖުމްހޫރިއްޔާގެ ނައިބަށް ލިބިގެންވާ ކަމަށް ގާނޫނު އަސާސީގައި ބުނެފައިވެ އެވެ.

އެމައްސަލާގައި ނައިބު ރައީސް ޖަވާބްދާރީވެ ވަޑައިގަންނަވާނެ ގޮތެއް ސާފު ކުރުމަށް އެމަނިކުފާނުގެ ގާނޫނީ ވަކީލް ހުސެއިން ޝަމީމް އަށް ގުޅުމުން ފޯނަށް ޖަވާބް ނުދެއްވާތީ އެގޮތެއް ވަނީ ސާފުވާގޮތްނުވެއެވެ.

ޑރ. މުހައްމަދު ޖަމީލް އަހުމަދުގެ އިތުބާރުނެތް ކަމުގެ މައްސަލައާއެކު މަޖިލީހުގެ ގަވައިދަށް ގެނައި އިސްލާހުގައި ބުނެފައި ވަނީ އިތުބާރު ނެތް ކަމުގެ މައްސަލައެއް މަޖިލީހުގެ ތަޅުމުގައި ބަހުސް އޮންނަ ދުވަހު މަޖިލީހުގެ ޖަލްސާ އަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ހާޒިރު ނުވި ނަމަވެސް ބަހުސް ކުރިއަށް ގެންގޮސް މަޖިލީހަށް ހުށަހެޅިފައިވާ މައްސަލައާ މެދު ގޮތެއް ނިންމަންވާނެ ކަމަށެވެ.

ގާނޫނު އަސާސީގައި 100 ވަނަ މާއްދާގައި ބުނެފައިވާ ގޮތުން ރައީސުލްޖުމްހޫރިއްޔާ ނުވަތަ ރައީސުލްޖުމްހޫރިއްޔާގެ ނައިބު މަގާމުން ވަކިކުރެވޭނީ މަޖިލީހުގެ ތިން ބައި ކުޅަ ދެ ބައި މެމްބަރުންގެ އަގުލަބިއްޔަތުންނެވެ. އެއީ މަޖިލީހުގެ 85 މެމްބަރުންގެ ތެރެއިން 57 މެމްބަރުންގެ އަގުލަބިއްޔަތެވެ.

ނައިބު ރައީސް ވަކިކުރާ ގަވައިދު މަޖިލީހަށް ހުށަހެޅީ 50 އަށްވުރެ ގިނަ މެމްބަރުންގެ ސޮޔާއެކުއެވެ.

ނައިބު ރައީސް އަދީބު މިވަގުތު ހުންނެވީ ރިޔާސީ ލޯންޗްކޮޅުގައި ބޮމެއްގޮއްވި މައްސަލާގެ ތުހުމަތުގައި ފުލުހުންގެ ހައްޔަރުގައެވެ.