ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން(އެސްޓީއޯ) އިން ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ބޭސްފިހާރަ ހުޅުވައިފި އެވެ.

އެސްޓީއޯގެ އޮފިޝަލަކު މިރޭ "ސަން"އަށް ވިދާޅުވީ މިއަދު ހއ. އުތީމުގައި ހުޅުވި ފާމަސީއާއެކު އެސްޓީއޯގެ ފަރާތުން ރާއްޖޭގެ ހުރިހާ ރަށެއްގައި ފާމަސީތައް ހުޅުވާފައިވާ ކަމަށެވެ. ނަމަވެސް ރަސްމީކޮށް އެންމެ ފަހު ފާމަސީ ހުޅުވަން ނިންމާފައި ވަނީ ފެށޭ މަހު ހަތަރު ވަނަ ދުވަހު ކަމަށް އޭނާ ވިދާޅުވި އެވެ.

ރާއްޖޭގެ ކޮންމެ ރަށެއްގައި ފާމަސީ ހުޅުވުމުގެ ޕުރޮޖެކްޓް އެސްޓީއޯއިން ފެށިއިރު އޭރު އެސްޓީއޯއިން ދިޔައީ ނުވަ ރަށެއްގައި ފާމަސީ ހިންގަމުންނެވެ. އެއަށްފަހު އެސްޓީއޯއިން ވަނީ 177 ފާމަސީ އެކި ރަށްރަށުގައި ހުޅުވާފަ އެވެ. އެހެން ކަމުން ރާއްޖޭގެ މީހުން ދިރިއުޅޭ 186 ރަށުގައި އެސްޓީއޯގެ ފާމަސީ ހުރެއެވެ.

އެސްޓީއޯގެ އޭރުގެ މެނޭޖިން ޑިރެކްޓަރު އާދަމް އާޒިމް ވިދާޅުވެފައި ވަނީ، ކޮންމެ ރަށެއްގައި ބޭސް ފިހާރައެއް ހުޅުވުމުގެ ބޭނުމަކީ ރައްޔިތުންނަށް ފަސޭހަކަމާ އެކު ބޭހުގެ ހިދުމަތް ފޯރުކޮށްދިނުން ކަމަށާއި ސަރުކާރުގެ އުންމީދަކީ ދިވެހި ރާއްޖޭގެ ކޮންމެ ރައްޔިތަކީ ވެސް އާސަންދައިގެ ދަށުން ބޭސް ލިބޭ ރައްޔިތަކަށްވުން ކަމަށެވެ.