28 Oct 2015, 19:37
މިއަހަރު ފަހުކޮޅު ފްރާންސްގެ ވެރިރަށް ޕެރިހުގައި ބާއްވާ 'މޫސުމަށް އަންނަ ބަދަލުތަކާ ބެހޭ ރަސްމީ ބައްދަލުވުމުގައި' ގައުމުތަކުން މަޝްވަރާ ކުރާނެ އެއްބަސްވުމެއްގެ ދެލިކޮޕީއެއް އެކުލަވާލައިފިއެވެ.
އެންވަޔަރްމެންޓް މިނިސްޓަރު ޡާރިޤު އިބުރާހީމް ވިދާޅުވީ އެކަރުދާސް އެކުލަވައިލީ ޖަރުމަނުގެ ބޮންގައި ބޭއްވި، ހަފުތާއަކަށް ދެމިގެން ދިޔަ ބައްދަލުވުމެއްގައި ކަމަށާއި އެ ބައްދަލުވުމުގައި ރާއްޖޭން ވެސް ބައިވެރިވި ކަމަށެވެ. އަލަށް އެކުލަވައިލި ދެލިކޮޕީއަކީ މޫސުމަށް އަންނަ ބަދަލުތަކާ ބެހޭ ބައިނަލް އަގުވާމީ މުއާހަދާ ' ޔްނައިޓެޑް ނޭޝަންސް ފްރޭމްވޯކް ކޮންވެންޝަން އޮން ކްލައިމެޓް ޗޭންޖް ( ޔޫއެންއެފްސީސީސީ)ގެ ދަށުން އެކުލަވާލާފައިވާ އަދި މިހާރު އަމަލުކުރަމުން އަންނަ ކިޔޯޓޯ ޕްރޮޓޮކޯލް މުއާހަދާގެ މުއްދަތު 2020 ވަނަ އަހަރު ހަމަވާނެތީ އެމުއާހަދާގެ ބަދަލުގައި އަމަލުކުރާނެ އެއްބަސްވުމެއް އެކުލަވައިލުމުގެ މަސައްކަތުގެ ބައެކެވެ.
އަލަށް އެކުލަވައިލި ދެލިކޮޕީ ގާނޫނީ އެއްބަސްވުމަކަށް ބަދަލުކުރުމަށް ޓަކައި ކުރާ މަޝްވަރާތައް ބޭއްވުމަށް ހަމަޖެހިފައި ވަނީ އަންނަ ނޮވެމްބަރުމަހުގެ 30 ވަނަ ދުވަހުން ފެށިގެން ޑިސެމްބަރުމަހުގެ 11 ވަނަ ދުވަހާ ހަމައަށް ފްރާންސްގެ ވެރިރަށް ޕެރިހުގައެވެ. އެ ބައްދަލުވުމަކީ އާ މުއާހަދާ އެކުލަވައިލުމާ ބެހޭ ގޮތުން ބާއްވާ 21 ވަނަ ބައްދަލުވުމެވެ.
އަލަށް އެކުލަވާލާފައިވާ ކަރުދާހަކީ ތަރައްގީވަމުން އަންނަ ގައުމުތަކުގެ ބޭނުންތާއި އިސްކަންދޭ ކަންތައްތައް ކުރިއަށް ވުރެ ފުޅާ ދާއިރާއެއްގައި ހިމަނާފައިވާ ކަރުދާހެއް ކަމަށް އެގައުމުތަކުން ގަބޫލު ކުރާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އާ މުއާހަދާގައި ހިމެނުމަށް ތަރައްގީ ވަމުން އަންނަ ގައުމުތަކުން އެންމެ ބޮޑަށް ވަކާލާތުކުރާ އެއް ކަމަކީ މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ލިބޭ ގެއްލުންތަކުން ސަލާމަތްވުމަށް ބޭނުންވާ ފައިސާގެ ކަންތައްތައް ތަރައްގީވެފައިވާ ގައުމުތައް މެދުވެރިވެގެން ހަމަޖެއްސުމެވެ.
ރާއްޖެއަކީ އެލަޔަންސް އޮފް ސްމޯލް އައިލެންޑް ސްޓޭޓްސް ( އެއޯސިސް) ގެ ރިޔާސަތު ބަލަހައްޓާ ގައުމުކަމަށް ވާތީ، ކުދި ޖަޒީރާގައުމުތަކުގެ މަސްލަހަތަށް ރިއާޔަތް ކުރާ އެއްބަސްވުމަކަށް އާ އެއްބަސްވުން ހެދުމަށް އެއޯސިސްގެ ގައުމުތަކާ ގުޅިގެން ރާއްޖޭން މަސައްކަތް ކުރަމުން އަންނަ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.