ވޮޝިންޓަން (އޮކްޓޯބަރ 28): ސޮސެޖުގައި އިންސާނުންގެ ޑީއެންއޭ ހުންނަކަން ދުނިޔޭގެ ސިއްޙަތު ޖަމްއިއްޔާ (ޑަބްލިއުއެޗްއޯ) އިން ކުރި ދިރާސާއަކުން ކަށަވަރު ވެއްޖެ އެވެ.

ހަތްދިހަ ފަސް މަރުކާއެއްގެ ސޮސެޖް ތަހްލީލްކޮށްގެން ޑަބްލިޔޫއެޗްއޯ އިން ކުރި ދިރާސާއެއްގެ ނަތީޖާ ދައްކާ ގޮތުން މަހުން ވެސް އަދި ތަރުކާރީން ވެސް ތައްޔާރުކޮށްފައިވާ ސޮސެޖްގައި އިންސާނުންގެ ޑީއެންއޭ އެބަހުއްޓެވެ. މީގެ މާނައަކީ ސޮސެޖްގައި އިންސާނުންގެ ހަށިގަނޑުގެ ބައިތައް އެކުލެވުން ނޫން ކަމަށް ފަހަރުގައި ވެދާނެ އެވެ. އެހެންކަމުން މިއީ ސޮސެޖް ހަދާ ކާރުޚާނާތަކުގައި ހިނގާ ސިނާޢީ އެކި މަރްހަލާ ތަކުގައި އިންސާނުންގެ ދަލާއި ކުޅު އެއަށް އެޅިފައިވުމުގެ ސަބަބުން ވެފައިވާ ކަމެއް ކަމަށް ވުމަކީ އެކަށީގެންވާ ކަމެއްކަން ސޮސެޖްގެ މި ތަހްލީލުތަކަށް ފަހު ޑަބްލިޔޫއެޗްއޯ އިން ނެރުނު ރިޕޯޓެއްގައި ބުނެ އެވެ.

އިންސާނުގެ މަހާއި ހަމާއި ކައްޓާއި ލޭ ނެތި ހަމައެކަނި ކުޅާއި ދަލުން ވެސް އިންސާނުންގެ ޑީއެންއޭ ހުރިކަމަށް ދައްކަފާނެ ކަމަށް ޑަބްލިޔޫއެޗްއޯ ގެ ރިޕޯޓް ބުނެ އެވެ. ޑަބްލިޔޫއެޗްއޯ އިން ހަވާލުކުރި ކޮންޓްރެކްޓެއްގެ ދަށުން ސޮސެޖްގެ މިތަހުލީލްތައް ކޮށްފައި ވަނީ އެމެރިކާގެ "ކްލެއަރ ފޯޑް ލޮޕޭޒް" ކުންފުނިންނެވެ. ދުނިޔޭގެ އެކި ގައުމުތަކަށް އެކްސްޕޯޓްކުރާ 75 މަރުކާއެއްގެ ސޮސެޖްގެ 345 އެތިކޮޅު (ސާމްޕަލްގެ ގޮތުގައި) މިކުންފުނިން ތަހްލީލްކޮށްފައިވެ އެވެ. މިސޮސެޖްގެ ސާމްޕަލްތައް ތަހްލީލްތައް ކުރުމުގައި އެ ކުންފުނިން ބޭނުންކޮށްފައި ވަނީ ޖެނެޓިކް ޓެކްނޮލޮޖީ ގެ މެތަޑްތަކެވެ. މި ތަހްލީލުތަކުން ވަނީ ކޮންމެ މަރުކާއެއްގެ ސޮސެޖުން ވެސް އިންސާނުންގެ ޑީއެންއޭ ފެނިފަ އެވެ.

ދާދިފަހުން ވަނީ ސޮސެޖް އާއި އެ ނޫންވެސް ޕްރޮސެސްކޮށްފައިވާ މަހުގެ ބާވަތްތަކަކީ ކެންސަރު ޖެހުމަށް މަގުފަހިވާ ތަކެތިކަން ދިރާސާއަކުން ހާމަވެފަ އެވެ. (ޑެއިލީ ޓެލެގްރާފް)