މި އަހަރު ރާއްޖެ އިން ހައްޖާއި އުމްރާއަށް ދިޔަ ފަރާތްތަކުގެ ތެރެއިން ފައިސާ އާއި ތަކެތި ގެއްލުނު ފަރާތްތަކަށް ލިބުނު ގެއްލުން ފޫބެއްދުމަށް، އެލައިޑް އިންޝުއަރެންސްގެ އަޔާދީ ތަކާފުލް އިން މާލީ އެހީ ވެދީފި އެވެ.

އެ އެހީ ވެދީފައި ވަނީ އަޔާދީ ތަކާފުލް އިން ހައްޖާއި އުމްރާއަށްދާ ދިވެހިންނަށް ހާއްސަކޮށް އަލަށް ތައާރަފްކޮށްފައިވާ ސްކީމެއްކަމަށްވާ "ހައްޖާއި އުމްރާ ތަކާފުލް"ގައި ބައިވެރިވެފައިވާ ފަރާތްތަކުގެ ތެރެއިން ތަކެތި ގެއްލުނު ފަރާތްތަކަށެވެ.

އެ ސްކީމްގެ ދަށުން ބަދަލު ލިބޭ ކަންތަކުގެ ތެރޭގައި ޗެކިން ކޮށްފައި ހުންނަ ފޮށިފަދަ ތަކެތި ގެއްލިގެން ނުވަތަ ޗެކިން ކުރުމަށް ފަހު އަނބުރާ ލިބުމުގައި ލަސްވެގެން ދިމާވާ ގެއްލުންތަކާއި، ޕާސްޕޯޓް ގެއްލިގެން ލިބޭ ގެއްލުންތަކާއި ފައިސާ އާއި އަގުހުރި ތަކެތި ގެއްލިގެން ލިބޭ ގެއްލުންތަކާއި އަމިއްލަ މީހާގެ ފަރާތުން އެހެން ފަރާތަކަށް ގެއްލުމެއްލިބި ގާނޫނީ ގޮތުން ބަދަލުދޭން ޖެހިއްޖެ ނަމަ އެކަމަށް ވެސް މި ސުކީމްގެ ދަށުން ބަދަލު ލިބެ އެވެ.

އޭގެ އިތުރުން އެ ސުކީމްގެ ދަށުން ދަތުރުމަތީގައި ދިމާވާ ސިއްހީ މައްސަލަތަކަށް މުޅިން ހިލޭ ބޭސްފަރުވާ ކުރެވެ އެވެ. އެގޮތުން އަޔާދީ ތަކާފުލްއާއި މޯލްޑިވްސް ހައްޖު ކޯޕަރޭޝަން ގުޅިގެން މުޅި އެކު 265 ފަރާތަކަށް ސައުދީ އަރަބިއްޔާގައި ވަނީ ހިލޭ ބޭސްފަރުވާގެ ހިދުމަތް ހަމަޖައްސައިދީފަ އެވެ.

އެ ކުންފުނިން ބުނީ މުޅިއެކު 6 ފަރާތަކަށް މާލީ އެހީ ފޯރުކޮށްދީފައިވާ ކަމަށެވެ. އެ ހުރިހާ ފަރާތްތަކަށް ވެސް ވަނީ ދަތުރުމަތީގައި ފައިސާއާއި އަގުހުރި ތަކެތި ގެއްލުމުގެ ހިތާމަވެރި ހާދިސާތަކާއި ކުރިމަތިލާން ޖެހިފައި ކަމަށް އަޔާދީ ތަކަފުލް އިން ބުނެ އެވެ.

އެ ސްކީމްގައި ހައްޖުވެރިންނަށް ބައިވެރިވެވެނީ 1000 ރުފިޔާ ދައްކައިގެންނެވެ. އަދި އުމްރާވެރިންނަށް ބައިވެރިވެވެނީ 750 ރުފިޔާ ދައްކައިގެންނެވެ. އެގޮތުން އެ ސުކީމްގައި ބައިވެރިވެގެން ޖުމްލަ 100،000 ރުފިޔާއާ ހަމައަށް ބަދަލުލިބެ އެވެ.