ވޮޝިންޓަން (އޮކްޓޯބަރު 28): އިސްލާމިކް ސްޓޭޓްގެ ނަމުން ނަންދީފައިވާ ހައްދު ފަހަނަޅާފައިވާ ޖަމާއަތާ ދެކޮޅަށް ކުރަމުން ގެންދާ ހަނގުރާމައަށް އިތުރު ބާރެއްލުމުގެ ގޮތުން އެމެރިކާ ސިފައިންގެ އެންމެ އެލީޓް ސިފައިންގެ ތެރެއިން ހޮވާލެވޭ ޚާއްސަ ލަޝްކަރެއް ސޫރިޔާއަށް ފޮނުވުމާމެދު ރައީސް ބަރަކް އޮބާމާ ވިސްނަވަމުން ގެންދަވާކަމަށް އެމެރިކާގެ މަސްއޫލުވެރިން ވިދާޅުވެއްޖެއެވެ.

ނަންހާމަކުރަންނޭދޭ އެމެރިކާގެ ދެ މަސްއޫލުވެރިއަކު ރޮއިޓާސް އަށް ދެއްވި ބަސްދީގަތުމެއްގައި ވިދާޅުވީ އެމެރިކާގެ ޚާއްސަ ލަޝްކަރެއް ސޫރިޔާއަށް ފޮނުވަނީ ސީދާ ގޮތެއްގައި އައިއެސްގެ ހަނގުރާމަވެރިންނާ ކުރިމަތިލުމަށް ނޫން ކަމަށާއި އެ ލަޝްކަރުގެ ބޭނުމަކީ އެމެރިކާ ސިފައިންނަށް ދޭ އެންމެ ވަރުގަދަ އަދި އެންމެ ހަރުކަށި އަސްކަރީ ތަމްރީންތައް އައިއެސް ދެކޮޅަށް ހަނގުރާމަކުރާ ސޫރިޔާގެ އިދިކޮޅު ޖަމާއަތްތަކަށް ދިނުމެވެ. މީގެ އިތުރުން އެމެރިކާ އުފައްދާފައިވާ ހަނގުރާމަ މަތީ އެންމެ މޮޅު ހެލިކޮޕްޓަރު ކަމަށްވާ އަޕާޗޭ އެލިކޮޕްޓަރު އިރާގު ސިފައިންނަށް ފޯރުކޮށްދިނުމާމެދު ވެސް އޮބާމާގެ ސަރުކާރުން ސީރިޔަސްކަމާއެކު ވިސްނަމުންދާ ކަމަށް އެމެރިކާގެ މަސްއޫލުވެރިން ވިދާޅުވި އެވެ.

އަޕާޗޭ ހެލިކޮޕްޓަރު އިރާގަށް ފޮނުވާނަމަ އެތަކެތި އޮޕަރޭޓް ކުރަން އިރާގު ސިފައިންނަށް ދަސްކޮށްދިނުމަށްޓަކައި ކަމާބެހޭ ފަންނީމީހުން ވެސް އިރާގަށް ފޮނުވާނެ ކަމަށް ނަން ހާމަކުރަން ނޭދޭ އެމެރިކާގެ ދެ މަސްއޫލުވެރިން ވިދާޅުވިއެވެ. ރޮއިޓާސް އިން މިޚަބަރު ހާމަކުރުމުން މިކަމާމެދު ކޮމެންޓެއް ދިނުމަށް އެމެރިކާ ސަރުކާރުންވަނީ ދެކޮޅު ހަދާފައެވެ.

އެމެރިކާގެ ދިފާއީ ވަޒީރު އޭޝްޓަން ކާޓަރުވަނީ އައިއެސް ޖަމާއަތުން ވަގަށް ނަގައިގެން އުޅޭ ރަހީނުން މިނިވަންކުރުންފަދަ ކަންކަމުގައި އެމެރިކާގެ ކޮމާންޑޯސް ބާރުތައް މުސްތަގުބަލުގައި އިރާގަށާއި ސޫރިޔާއަށް ފޮނުވާނެކަން ބަޔާން ކުރައްވާފަ އެވެ. އެމެރިކާގެ ދިފާޢީ ވުޒާރާ ޕެންޓަގަންއިން ވަނީ އިރާގުގެ އުތުރުގައި އައިއެސްއިން ހައްޔަރުކޮށްގެން ގެންގުނުޅު 27 މީހަކު މިނިވަންކުރުމަށް އެމެރިކާގެ ޚާއްސަ ބާރެއް ވައިގެ މަގުން އިރާގުގެ އުތުރަށް ފާބައި ކާމިޔާބުކަމާއެކު އެކަން ކުރިކަމަށް ބުނެ އެކަމާބެހޭ ވީޑިޔޯއެއް އާންމުކޮށްފައެވެ. މި އޮޕަރޭޝަންގައި އައިއެސްގެ އިސް ކޮމާންޑަރުންތަކެއް މަރާލެވުނު ކަމަށާއި އެ އޮޕަރޭޝަން ހިންގީ އިރާގުގެ ކުރުދީންގެ ބިޝްމަރުގާ ލަޝްކަރުގެ އެހީތެރިކަމާއެކުގައި ކަމަށް ވެސް ޕެންޓަގަން އިން ބުނެފައިވެ އެވެ. ނަމަވެސް މުސްތަގިއްލު ފަރާތަކުން ޕެންޓަގަންގެ މިވާހަކަތައް ކަށަވަރުކޮށްދީފައެއް ނުވެއެވެ.

އައިއެސް ޖަމާއަތާ ދެކޮޅަށް ވަރުގަދައަށް ހަނގުރާމަ ކުރަމުން ގެންދާކަމުގެ ކުލަވަރުތަކާއި ދަޅަތައް އެމެރިކާ ދައްކަމުން ގެންދިޔަ ނަމަވެސް އެޖަމާއަތަށް ސިއްރިޔާތުގައި އަދި ނުސީދާ ގޮތެއްގައި ހަތިޔާރާއި އެނޫން ވެސް ސަޕްލައި ފޯރުކޮށްދޭ ކަމުގެ ތުހުމަތު އެމެރިކާގެ މައްޗަށް ކުރެވިފައިވެއެވެ. މިގޮތުން އައިއެސްއަށް އެމެރިކާގެ އެންމެ ޒަމާނީ ހަތިޔާރާއި ޑޮލަރާއި ހުޅަނގުގެ ގައުމުތަކުގައި އުފައްދާ އެންމެ ޒަމާނީ އަސްކަރީ ވެހިކަލްތަކާއި މަދަނި ވެހިކަލްތައް ލިބެމުންދާއިރު މިތަކެތި އެ ޖަމާއަތަށް ލިބޭ ގޮތްތަކާމެދު ވަނީ ސުވާލު އުފެދިފަ އެވެ.

އަނެއް ކޮޅުން އައިއިން އިސްލާމީ ގައުމުތަކަށް އަމާޒުކޮށް ޓެރަރިސްޓް ހަމަލާތައް ދެމުން ގެންދާއިރު އެމެރިކާ އާއި އިސްރާއީލަށް މިފަދަ އެއްވެސް ހަމަލާއެއް އައިއެސްއިން އަމާޒު ނުކުރާ ސަބަބާ މެދުގައި ވެސް ވަނީ ސުވާލުތަކެއް އުފެދިފައެވެ. (ރޮއިޓާސް)