28 Oct 2015, 14:04
މި ހަފްތާގެ ހޯމަ ދުވަހު ޔަމަނުގެ މެޑިސާ ސާ ފްރޮންޓިއާސްގެ ހީދަން ހޮސްޕިޓަލަށް އަމާޒުވި ހަމަލާ ޔޫއެންގެ ސެކެޓްރީ ޖެނެރަލް ބަންކީ މޫން ކުށްވެރި ކުރައްވައިފި އެވެ.
ހޮސްޕިޓަލަށް ދިން ހަމަލާތަކުގެ ސަަބަބުން އާއްމުންނަށް އަނިޔާ ވެފައިވާ ކަމަށް އިއްޔެ ދެއްވި ބަސްދީގަތުމެއްގައި ބަންކީ މޫން ފާހަގަ ކުރެއްވިއެވެ. އަދި މި ހަމަލާ ވީހާވެސް އަވަހަކަށް ތަހުގީގު ކުރުމަށް ގޮވާލައްވާފައިވެ އެވެ.
"އެ ހަމަލާއަށް ޒިންމާވާ ހުރިހާ ފަރާތްތައް ވަގުތުން ހުރިހާ ހަމަލާއެއް ހުއްޓާލުމަށް ބަންކީ މޫން ވަނީ ގޮވާލައްވާފައި،" ބަންކީ މޫންގެ ތަރުޖަމާނު ވިދާޅުވި އެވެ.
ހަމަލާ އެރި ހޮސްޕިޓަލަކީ ކޯލިޝަންގެ ބައިވެރިންނަށް ވެސް ސިއްހީީ ހިދުމަތް ފޯރު ކޮށްދޭ ހޮސްޕިޓަލެއް ކަމުން އެ ހޮސްޕިޓަލަށް ހަމަލާއެއް އަމާޒުވި ގޮތުގެ ތަފްސީލު ބޭނުންވާ ކަމަށް އެމްއެސްއެފް އިން ވަނީ ބުނެފައެވެ.
މިޑުލް އީސްޓް އާ ހަވާލާދީ އެމްއެސްއެފްގެ ތަރުޖަމާނަކު ވިދާޅުވީ، ފުރަތަމަ ހަމަލާއަށް ފަހު ހޮސްޕިޓަލުގައި ތިބި އެންމެން ވަނީ ހުސްކޮށްފައި ކަމަށެވެ.
"އިތުރު ބޮންތަކެއް ހޮސްޕިޓަލު ތެރެއިން ގޮވާ ފާނެތީ ހޮސްޕިޓަލް އެތެރެ އަކަށް ނުވަދެވޭ. އެކަމަކު ހޮސްޕިޓަލުގެ 99 އިންސައްތަ ސުންނާފަތި ވެފައިވާކަން ކަށަވަރު. ހޮސްޕިޓަލުގެ އެމާޖެންސީ ރޫމާއި، އިން ޕޭޝެންޓް އަދި އައުޓް ޕޭޝެންޓް ރޫމާއި، ލެބާއި، އަންހެނުންގެ ވާޑު ވަނީ އެއްކޮށް ހަލާކުވެފައި. އޮކިއުޕޭޝަނަލް ތެރަޕީ ރޫމެއް ހުއްޓާ އެ ވެސް ވަނީ ހަލާކުވެފައި،" ސާދާގައި ހުންނަ އެމްއެސްއެފްގެ ޕްރޮޖެކްޑް ކޯޑިނޭޓަރު ވިދާޅުވި އެވެ.
ހަމަލާ އެރި ހޮސްޕިޓަލަކީ 200،000 މީހުން އުޅެމުން ދިޔަ ސަރަހައްދުގައި ހުރި ހަމައެކަނި ސިއްހީ ހިދުމަތްދޭ މަރުކަޒެވެ. އެ ހޮސްޕިޓަލުން އައީ ކޮންމެ ހަފްތާއަކު 200 ވަރަކަށް މީހުންނަށް ފަރުވާ ކުރަމުންނެވެ.
ޔަމަނުގައި މަސައްކަތް ކުރުން މިހާރު ނުރައްކާތެރި ވިޔަސް އެމްއެސްއެފް އިން ވަނީ މި އަހަރުގެ މާޗް މަހު ހަނގުރާމަ ފެށުނު ފަހުން ގައުމުގެ އެކި ކަންކޮޅު ތަކުން 15،500 މީހުންނަށް ބޭސް ފަރުވާ ކޮށްދީފައެވެ.