28 Oct 2015, 13:09
ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމިން އަބްދުގައްޔޫމް ދަތުރު ކުރެއްވި ލޯންޗުކޮޅުގައި އެއްޗެއް ގޮއްވާލި މައްސަލައިގެ ތަހުގީގަށް ހާމިދު އިސްމާއީލު (ހާމިދު ސޭޓް) މެލޭޝިޔާ އިން ހައްޔަރުކޮށްފި އެވެ.
ހާމިދު ހައްޔަރު ކުރިކަން ހޯމް މިނިސްޓަރު އުމަރު ނަސީރު މިއަދު ވަނީ ސަން އަށް ކަށަވަރުކޮށްދެއްވައިފަ އެވެ.
ގިނަ އަދަދެއްގެ ވިޔަފާރި ކުރާ، މިލޭނިއަމް ކެޕިޓަލް މެނޭޖުމަންޓްގެ މެނޭޖިން ޑައިރެކްޓަރު މ. ޝުރާމަންޒިލް ހާމިދު އިސްމާއީލް ހައްޔަރުކޮށްފައި ވަނީ، ސަން އަށް އެނގިފައިވާ ގޮތުގައި، އޭނާ ސިންގަޕޫރުން މެލޭޝިޔާ އަށް ފޭބިތަނާ މެލޭޝިޔާގެ ފުލުހުންނެވެ.
ލޯންޗުކޮޅުގެ ތަހުގީގަށް އޭނާ ވަރަށް އަވަހަށް ރާއްޖެ ގެނެސް ފުލުހުންނާ ހަވާލު ކުރާނެ ކަމަށް ވެސް ސަން އަށް ވަނީ އެނގިފަ އެވެ.
ފުލުހުން ވަނީ ވަރަށް ގިނަ ފަހަރު ހާމިދުގެ ގެ މ. ޝުރާމަންޒިލަށް ރޭޑްކޮށްފަ އެވެ. އަދި އެ ގެއިން ބައެއް ތަކެތި ވެސް ފުލުހުން ގެންދިޔަ އެވެ. އެ ގެެއިން ގެންދިޔަ ތަކެތީގެ ތެރޭގައީ ސީސީޓީވީ ފުޓޭޖުގެ ހާޑް ޑިސްކަކާއި ބައެއް އިތުރު ތަކެތި ހިމެނެ އެވެ.
ނާއިބު ރައީސް އަހުމަދު އަދީބު ޗައިނާ އަށް ކުރެއްވި ދަތުރުފުޅުގައި ހާމިދު ވެސް ނާއިބު ރައީސް އަރިހުގައި ޗައިނާ އަށް ދިޔަ އެވެ. ހާމިދުގެ ގެ އަށް ފުލުހުން ވަނީީ، އޭނާ ޗައިނާގައި ހުއްޓަ އެވެ.
ކޯޓު އަމުރެއްގެ ދަށުން ޝުރާމަންޒިލަށް ފުލުހުން ވަނީ، ކޯޓު އަމުރުގައިވާ ގޮތުން، ޓެރަރިޒަމާ ގުޅޭ، ހެކި ނައްތާލުމަށް މަސައްކަތް ކުރުމުގެ މައްސަލައަކާ ގުޅިގެންނެވެ.
ކޯޓް އަމުރުގައިވާ ގޮތުން ފުލުހުން ހޯދަން މަސައްކަތް ކުރަނީ، ރައީސުލްޖުމްހޫރިއްްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ހައްޖުގެ އަޅުކަމަށް ސައުދީ އެރިބިޔާ އަށް ކުރެއްވި ދަތުރުފުޅަށް ފަހު މި ދިޔަ މަހު 28 ވަނަ ދުވަހު މާލެވަޑައިގަންނަވަނިކޮށް، ލޯންޗުކޮޅުގައި އެއްޗެއް ގޮއްވާލި ހާދިސާއާ ގުޅިގެން ފުލުހުން ހޯދަން ބޭނުންވާ ސީސީޓީވީ ފްޓޭޖާއި އިތުރު ހެކިތައް ނައްތާލުމަށް މަސައްކަތް ކުރަމުންދާ ކަމުގެ މައުލޫމާތު ފުލުހުންގެ އިންޓެލިޖެންސަށް ލިފިފައިވާތީ، އެ ތަކެތި ހޯދުމުގެ ބޭނުމުގައި ކަމަށް ކޯޓު އަމުރުގައިވެ އެވެ.