ސްޓެލްކޯގެ ތެޔޮހޮޅިން ގިނަ ދުވަސްތަކެއް ވަންދެން ތެޔޮލީކްވެފައި ވަނީ ބަޔަކު މަގުކޮނުމުގެ ތެރޭގައި ހޮޅި ފަޅައިގެން ދިއުމުން އެތަނަށް ސިމެންތިއަޅައި ފޮރުވައި އަދި އެކަން އެކުންފުންޏަށް ނާންގައި އޮތުމުން ކަމަށް ސްޓެލްކޯ އިން ބުނެފި އެވެ.

މާލެ އަށް ކަރަންޓް ދެމުން އަންނަ ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ( ސްޓެލްކޯ) އިން މިއަދު އާންމު ކުރި ބަޔާނެއްގައި ބުނެފައިވާ ގޮތުގައި އެފަދަ އެކްސިޑެންޓްތަކުގެ ސަބަބުން އެކުންފުންޏަށް މާލީގޮތުން ވަރަށް ބޮޑެތި ގެއްލުންތައް ލިބެ އެވެ.

ފަޅައިގެން ގޮސްފައިވާ ތެޔޮ ހޮޅިން ތެޔޮ ލީކްވަމުން ދިޔަތަން މިހާރު ވަނީ ބަންދުކޮށްފައި ކަމަށާއި އެހޮޅި ޕްރެޝަރައިޒްކޮށް ވަށައިގެން ކޮނެ ޗެކްކޮށްގެން އެހޮޅީގެ އެއްވެސް ތަނަކުން މިހާރު ތެޔޮލީކްވަމުން ނުދާކަން ކަށަވަރުކުރެވިފައިވާ ކަމަށް ސްޓެލްކޯއިން ބުނެ އެވެ.

ސްޓެލްކޯ އިން މަޢުލޫމާތުދީފައިވާ ގޮތުގައި ފަޅައިގެން ދިޔަ ހޮޅިއަކީ ހަލާކުނުވާ ނަމަ، ފެނުގައި ނުވަތަ ބިމުއަޑީގައި 60 އަހަރުވަންދެން އޮތަސް ގެއްލުމެއް ނުލިބޭ ގޮތަށް ޑިޒައިންކޮށްފައިވާ ހޮޅިއެކެވެ.

މާލޭގެ ދެކުނުފަރާތު ފަތާ ފެންގަނޑުކައިރީ އޮތް ސްޓެލްކޯގެ ތެޔޮހޮޅި ފަޅައިގެންގޮސް ގިނަ ދުވަސްތަކެއް ވަންދެން ތެޔޮލީކްވަމުން ދިޔަކަން ސްޓެލްކޯ އަށް އެއްވެސް ފަރާތަކުން އަންގާފައި ނުވާކަމަށް އެކުންފުނިން ބުނާއިރު އެސަރަހައްދަށް ގޮސްއުޅޭ އާއްމުންގެ އެތައް ބަޔަކު އެކަމުގެ ޝަކުވާ ސްޓެލްކޯ އަށް އުފުލާފައިވާނެ ކަމަށް ދަނީ ބުނަމުންނެވެ.