ކުޑަ ކުދިން ގިނައިން ހަކުރު ހުންނަ ކާނާ ބޭނުން ކުރުމަކީ ނުރައްކާތެރި ސިއްހީ މައްސަލަތައް ޖެހުމަށް މަގުފަހިވާ ކަމެއް ކަމީ މިހާރު ޝައްކެއް އޮތް ކަމެއް ނޫން ކަމަށް ބުރާސްފަތި ދުވަހު ސެން ފްރެންސިސްކޯގެ ސައިންޓިސްޓުން ނެރުނު ދިރާސާއަކުން އެނގިއްޖެ އެވެ.

ބަރުދަން ހުންނަންވާ ވަރަށް ވުރެ ބަރުދަން މަތީގައި ހުރި 43 ކުދިންނާ އެކު ކުރިއަށް ގެންދިޔަ އެ ސްޓަޑީ އިން ދެއްކި ގޮތުގައި، 10 ދުވަސް ވަންދެން ހަކުރު ހުންނަ ބާވަތްތައް ވީހާ ވެސް މަދުކޮށްގެން އެ ކުދިންގެ އާއްމު ޑައިޓް ކުރިއަށް ގެންދިޔުމުން އެ ކުދިންގެ ހުރި ތަފާތު ވަނީ ރަނގަޅަށް ދެނެގެންފަ އެވެ. އޭގެ ތެރިން ބައެއް ކުދިންގެ ހުރި ލޭގެ ޕްރެޝަރާއި ކޮލެސްޓްރޯލްގެ މިންވަރު ވަނީ ދަށްވެފަ އެވެ. މިއީ ކެލަރީސް ބޭނުން ކުރި މިންވަރު އެއްވެސް ވަރަކަށް މަދު ނުކޮށް އަދި ކަސްރަތަކާ ވެސް ނުލާ ލިބުނު ނަތީޖާއެކެވެ.

"އޭގެއިން އެނގިގެން ދިޔައީ މާ ބޮޑު މަސައްކަތަކާ ނުލާ ސިއްހަތު ރަނގަޅު ކުރެވިދާނެ ކަމަށް. [ހަކުރުގެ ބާވަތްތައް މަދުކޮށްގެން] އަހަރެން އަދި ނުދެކެން މިހާވަރު ރަނގަޅު ނަތީޖާއެއް،" އެ ދިރާސާ ހެދި ލިޔުންތެރިއެއް ކަމަށްވާ ޕްރޮފެސަރު ޖީން މާކް ޝްވާޒް ބުންޏެވެ.

އެ ރިސާޗު ހެދި އެހެން ލިޔުންތެރިއެއް ކަމަށްވާ ސެން ފްރެންސިސްކޯގެ ޔުނިވާސިޓީ އޮފް ކެލެފޯނިއާގެ ކުޑަކުދިންގެ ހޮސްޕިޓަލްގައި މަސައްކަތް ކުރާ ކުޑަކުދިންނަށް ހާއްސަ އެންޑޯކުރޮނޮލޮޖިސްޓެއް ކަމަށްވާ ޑރ. ރޮބާޓް ލަސްޓިގް ބުނި ގިތުގައި ކާނާ އުފެއްދުމުގައި އިތުރަށް ހަކުރު އެޅުމަކީ ރަނގަޅު ކަމެއް ނޫންކަން ދިރާސާ އިން އެނގުނެވެ. އިތުރަށް އަޅާ ހަކުރޭ ބުނެވެނީ ފެކްޓަރީ ފަދަ ތަންތަނުން ރަހަ ރަނގަޅު ކުރުމަށާއި ގިނަ ދުވަހު ނުބައި ނުވެ ބެހެއްޓުމަށް ޓަކައި އަޅާ ހަކުރަށެވެ.

ޝުވާޒް އާއި ލަސްޓިގް ހަދާފައިވާ ރިސާޗްގައި ބޭނުން ކުރި 43 ކުދިންނަށް ދީފައި ވަނީ މުޅިން ވެސް އެ ފަދަ ހަކުރު ނެތް ކާނާ އެވެ. އަދި ކުދިން ބޭނުންކުރި ކެލަރީސްގެ މިންވަރު ހުރީ ކުރިން ބޭނުން ކުރާ މިންވަރަށެވެ. މީގެ ނަތީޖާއެއް ގޮތުން އެކުދިންގެ ލޭގެ ޕްރެޝަރާއި ލޭގައި ހުރި ސަރުބީ އާއި ހަކުރުގެ މިންވަރު ދަށްވެ، ޕެންކްރިއަސްގެ މަސައްކަތް ރަނގަޅު ވެފައިވެ އެވެ. ބައެއް ކުދިންގެ ބަރުދަން ވެސް ލުއިވެފައިވެ އެވެ.

ލަސްޓިގް ބުނި ގޮތުގައި ހަކުރު ކެލޮރީސްތައް ސިއްހަތަށް ރަނގަޅު ނުވަނީ އެ ކެލަރީސްތައް މެ އަށް ދާތީ އެވެ.

"ހަކުރު ކެލަރީސްތައް މެއަށް ގޮސް ބަދަލު ވާނީ ފެޓްސް އަށް. އޭގެ ސަބަބުން ޑައިބީޓީސް އާއި މެއާއި ހިތުގެ މައްސަލަތައް ޖެހުމަށް މަގުފަހިވޭ،" ލަސްޓިގް ބުންޏެވެ.

ގިނަ މީހުން އެ ސްޓަޑީ އަށް ތައުރީފު ކުރިކަމުގައި ވިޔަސް ބައެއް މީހުން އަދިވެސް ތިބީ ރިސާޗްގެ ނަތީޖާއާ މެދު ޝައްކެއްގެ ތެރޭގަ އެވެ.

"އެ މަސައްކަތަކީ ރަނގަޅު ސިއްހަތެއްގައި މީހުން ތިބުމަށް ބޮޑު އެހީއެއް ކަމުގައި ވިޔަސް، ކުރިން ހަދާފައިވާ އެއަށް ވުރެ މާ ކޮންޓްރޯލްޑް ރިސާޗްތަކަށް އެ ނަތީޖާ އެއް ނުލިބޭ،" ޔުނިވާސިޓީ އޮފް ނޯތް ކެރޮލީނާގެ ނިއުޓްރިޝަނާ ބެހޭ ޕްރޮފެސަރެއް ކަމަށްވާ ބެރީ ޕޮޕްކިން ބުންޏެވެ.

"އަދި އެއްވެސް ބަޔަކަށް އެއާ ކައިރި ކުރާ ފަދަ ނަތީޖާއެއް ވެސް ލިބިފައި ނުވޭ. އެ އާ ސްޓަޑީގެ ނަތީޖާ އިން އެނގިގެން ދަނީ ދުނިޔޭގެ ހުރިހާ ކަންކޮޅުތަކުގެ ސައިންޓިސްޓުން އަދިވެސް އެ ރިސާޗް އިތުރަށް ހަދަންވީކަން. އެހެންވީމާ އަހަރެން ގޮވާލަން ވަރަށް ރައްކާތެރިކޮށް އެ ރިސާޗް އިތުރަށް ހަދަން،" ޕްރޮފެސާ ބެރީ ޕޮޕްކިން ބުންޏެވެ.