އިސްލާމިކް ސްޓޭޓް ( އައިއެސް)އާ ދެކޮޅަށް ކަމަށް ބުނެ ރަޝިޔާ އިން ސޫރިޔާއަށް ބޮން އަޅަން ފެށި ފަހުން ރަޝިޔާ ސިފައިންގެ މީހަކު ސޫރިޔާގައި މަރުވެފައިވާ ކަމަށް ރަޝިޔާ ސަރުކާރުން ފުރަތަމަ ފަހަރަށް އެއްބަސްވެއްޖެ އެވެ.

ސޫރިޔާގެ ލަތާކިޔާގައިވާ ރަޝިޔާގެ ވައިގެ ސިފައިންގެ މަރުކަޒުގައި މަރުވެފައި ވަނީ ވާޑިމް ކޮސްޓެންކޯ ނަމަކަށް ކިޔާ އުމުރުން 19 އަހަރުގެ ސިފައިންގެ މީހެކެވެ. އޭނާގެ އާއިލާއާ ހަވާލާދީ ޓެލެގްރާފް ނޫހުން ބުނީ އޭނާ މަރުވީ މިދިޔަ ހޮނިހިރު ދުވަހު ކަމަށް ރަޝިޔާ ސިފައިންގެ ކޮމާންޑަރަކު އާއިލާއަށް މައުލޫމާތު ދީފައިވާ ކަމަށެވެ.

ރަޝިޔާގެ ޑިފެންސް މިނިސްޓްރީ އިން އިއްޔެ ބުނެފައި ވަނީ ސޫރިޔާގައި އެގައުމުގެ ސިފައިންގެ މީހަކު އަމިއްލައަށް މަރުވެފައިވާ ކަމަށެވެ. އަދި އޭނާ އަމިއްލައަށް މަރުވީ އަންހެން ކުއްޖަކާ އެކު އޮތް ގުޅުމެއްގައި މައްސަލަތަކެއް ޖެހިގެން ކަން އޭނާގެ ފޯނުގައިވާ މެސެޖުތަކަކުން އެނގޭ ކަމަށް ވެސް ޑިފެސް މިނިސްޓްރީން ވަނީ ބުނެފަ އެވެ. ނަމަވެސް ކޮސްޓެންކޯގެ އާއިލާއިން އެކަން ދޮގު ކުރެ އެވެ.

"...އަހަރެމެން ކައިރީ [ރަޝިޔާގެ ޑިފެންސް މިނިސްޓްރީން] ބުނީ އަންހެން ކުއްޖަކާ ހެދި އޭނާ ދަން ޖެހުނިއްޔޭ. އޭނާ އެކަމެއް ނުކުރާނެ. އަހަރެން އަހަރެންގެ ދަރިފުޅު ރަނގަޅަށް ދަންނަން،" ވާޑިމް ކޮސްޓެންކޯގެ ބައްޕަ އެލެގްޒެންޑާ ކޮސްޓެންކޯ ބުނި ކަމަށް ނޫހުގައިވެ އެވެ.

މިއީ ރަޝިޔާ ސިފައިންގެ މީހަކު ސޫރިޔާ ހަނގުރާމައިގައި މަރުވި ފުރަތަމަ ފަހަރު ކަމަށް އެ ގައުމުގެ ސަރުކާރުން ބުނި ނަމަވެސް ރަޝިޔާގެ ބައެއް ސިފައިން މަރާލާފައިވާނެ ކަމަށް ސޫރިޔާ ހަނގުރާމައިގައި ބައިވެރިވާ ބައެއް ޖަމާއަތްތަކުން ކުރިން ހަބަރު ފަތުރާފައިވެ އެވެ.